އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ އުފުލަން ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވައިފި އެވެ.
ބައްސާމްގެ މައްޗަށް ދައުވާކުރަން ފޮނުވީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ފުލުހުން ހިންގި ޖޮއިންޓް އިންވެސްޓިގޭޝަނަކަށް ފަހު އެވެ.
އޭސީސީން މިއަދު ބުނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދީގެން އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާ އަށް ބައްސާމް ހިޔާނާތްތެރިވެފައިވާ ކަމަށެވެ.
އެ ފައިސާ އެސްއޯއެފް ކުންފުނީގެ ބޭންކް އެކައުންޓުތަކަށް ޖަމާކޮށް، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މެދުވެރިވެގެން، އެސްއޯއެފުން ބައްސާމުގެ ބޭންކް އެކައުންޓަށް 29,000 ޑޮލަރު ޖަމާކޮށްފައިވާކަން ތަހުގީގަށް ސާބިތުވެފައިވާ ކަމަށް އޭސީސީން ބުންޏެވެ.
އަދި އެ ފައިސާ ބައްސާމްގެ އަމިއްލަ ބޭނުންތަކަށް ހަރަދުކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.
ބައްސާމް މިހާރު ވެސް ދަނީ 32 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. ބައްސާމްގެ މައްޗަށް އެ ޖަލު ހުކުމު ކްރިމިނަލް ކޯޓުން އިއްވާފައިވަނީ އެފްއޭއެމަށް ފީފާއިން ފޮނުވި 1.2 މިލިއަން ޑޮލަރު (19 މިލިއަނެއްހާ ރުފިޔާ) އާއި އިތުރު 10،000 ޑޮލަރު (154،000ރ.) އަށް ޚިޔާނާތްތެރިވުމާއި އަދި އެ ފައިސާ ލޯންޑާ ކުރުމުގެ ކުށުގައި ބައްސާމްގެ މައްޗަށް ކުރި ހަތަރު ދައުވާއެއް ސާބިތުވެގެންނެވެ.
އެ މައްސަލަތަކާ ގުޅިގެން ބައްސާމް އަމިން އެވެނިއުއިން ގަނެފައިވާ ދެ އެޕާޓްމެންޓެއް ވެސް ފުލުހުން ވަނީ ހިފަހައްޓައިފަ އެވެ. އެ މައްސަލައާ ގުޅިގެން އަމިން ކޮންސްޓްރަކްޝަން ކުންފުންޏާއި އިތުރު ބައެއްގެ މައްޗަށް ވެސް ދައުލަތުން ދައުވާކުރެ އެވެ.