ކޭ-ޕާކް ފްލެޓްތައް ހަވާލުކުރަން ކޯޓުން އަންގާފައިވަނިކޮށް އެ ހުކުމްތައް ނިސްބަތްވާ "ހަމްބޯ ލިމިޓެޑް" ކުންފުނި ވުޖޫދުން ގެއްލިފައިވާތީ، އެޗްޑީސީއާ ބައްދަލުކުރަން ވަކީލުން އެދިއްޖެ އެވެ.  

ކޭ-ޕާކްގެ އެޕާޓްމެންޓްތަކަށް ފައިސާ ދެއްކި އެތައް ބަޔަކަށް އެ ފައިސާ ވެސް އަދި އެޕާޓްމެންޓް ވެސް ނުލިބި ގިނަ ބަޔަކު ޝަރީއަތަށް މައްސަލަ ހުށަހަޅައިފައިވެ އެވެ. އޭގެ ބައެއް މައްސަލަތަކުގެ ލޯ ފާމެއްގެ ގޮތުގައި ހަރަކާތްތެރިވާ އެޑްވަކަސީ ޗެމްބާސްއިން ބުނި ގޮތުގައި ހަމްބޯ ކުންފުނި މިހާރު ވުޖޫދަކު ނެތެވެ. 

އެ ލޯ ފާމް އެ މައްސަލައިގައި އެޗްޑީސީއާ ބައްދަލުކުރަން އެދިފައިވީ ނަމަވެސް، މިހާތަނަށް ވެސް އެކަން ވެފައި ނުވާ ކަމަށް ބުނެ އެ ލޯ ފާމުން ވަނީ އެޗްޑީސީއަށް ސިޓީއެއް ފޮނުވައި، މައްސަލަ ހައްލުކުރުމާ ގުޅޭ ގޮތުން އެޗްޑީސީގެ ވެރިންނާ އެކު ބައްދަވުމަކަށް އެދިފަ އެވެ. 

ހުޅުމާލޭގައި ކޭޕާކް ފްލެޓްތައް ހަދާ ހަމްބޯ ކުންފުނީގެ މައްޗަށް ސިވިލް ކޯޓުގައި އެކި މީހުން ކުރި ދައުވާތަކުގައި އެޕާޓްމެންޓް ހަވާލުކުރުމަށާއި ބަދަލު ދޭން އަންގައި ހުކުމްތައް ނެރެފައިވެ އެވެ. އެ މައްސަލަތަކަށް ހަމްބޯ ކުންފުނިން ކޯޓަށް ހާޒިރުނުވާއިރު އެ ހުކުމްތައް ވެސް ތަންފީޒެއް ނުވެ އެވެ.  

ކޭ ޕާކް ފްލެޓްތައް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި ހަމްބޯ ކުންފުނީގެ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) ގެ މައްޗަށް 390 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

އޭނާގެ މައްޗަށް 104 ދައުވާއެއް ކުރި އެވެ. އެއީ މަކަރާއި ހީލަތް ހެދުމުގެ 50 ދައުވާ އާއި އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 50 ދައުވާ އާއި ސައްހަ ނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާގެ އިތުރުން މަނީ ލޯންޑްރިންގެ އެއް ދައުވާ އެވެ.

މަންޑޭއާ އެކު ފްލެޓްތައް ވިއްކުމުގައި އިދާރީ މަސައްކަތްތަކުގައި އުޅުނު މަންޑޭގެ މުވައްޒަފު ޖައިޝާން ސައީދުގެ މައްޗަށް ކުރި 95 ދައުވާގެ ތެރެއިން ސާބިތުވި 86 ދައުވާއާ ގުޅިގެން އޭނާގެ މައްޗަށް 159 އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ. މަންޑޭ އާއި ޖައިޝާންގެ މައްޗަށް އިއްވި ހުކުމަކީ، ރާއްޖޭގައި މިހާތަނަށް އިއްވި އެންމެ ދިގު ޖަލު ހުކުމެވެ. 

މީގެ އިތުރުން މަނީ ލޯންޑްރިންގެ ކުށުގައި މަންޑޭ 30 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމާއެކު، ހުޅުމާލެއިން އޭނާ ގަނެފައިވާ ޕެންޓްހައުސް ދައުލަތަށް ނެގުމަށް ވެސް ކޯޓުން އަމުރުކުރި އެވެ. އަދި އެ މައްސަލާގެ ތަހުގީގުގެ ތެރެއިން އެ އެޕާޓްމެންޓް ކުރިން ވެސް ފުލުހުން ވަނީ ހިފަހައްޓައިފަ އެވެ.