އެމްއެންޑީއެފުން ހިންގާ ނެޝަނަލް ސާވިސްގެ ދެވަނަ ބެޗް ފުރިހަމަކުރި ޒުވާނުންގެ ތެރެއިން އެ ހިދުމަތުގެ ފަންނީ ތަމްރީނުގައި ބައިވެރިވާ ޒުވާނުން އެ ތަމްރީނަށް ބ. ކިހާދު އަށް މިއަދު ފުރައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވާ ގޮތުން ބ. ކިހާދޫގައި ހުންނަ އެމްއެންޑީއެފް ސްކޫލް އޮފް އިންޖިނިއަރިން އެންޑް ލޮޖިސްޓިކްސް އަށް މިއަދު ފުރީ 17 އަތޮޅެއްގެ 50 ރަށަކުން ތަމްރީނުގައި ބައިވެރިވާ 77 ކުއްޖެކެވެ. އެއީ އުމުރުން 16 އަހަރާއި 19 އަހަރާއި ދެމެދުގެ ޒުވާނުންނެވެ.
ރައީސް އެ ޕޯސްޓުގައި ލިޔުއްވާފައިވާ ގޮތުގައި މި ޒުވާނުންނަށް ތަފާތު ހަ ދާއިރާއަކުން ތަމްރީނު ފުރިހަމަކުރުމުގެ ފުރުސަތު ލިބޭނެ އެވެ.
ރައީސް މުއިއްޒުގެ ހާއްސަ އިސްނެންގެވުމުގެ މަތިން އުފައްދާފައިވާ ނެޝަނަލް ސާވިސް ނުވަތަ ވަތަނީ ހިދުމަތަށް ކުރިމަތިލެވޭނީ އުމުރުން 16 އަހަރު ފުރި 28 އަހަރު ނުފުރޭ ޒުވާނުންނަށެވެ. އަދި 18 އަހަރުން ދަށުގެ ކުދިން، ބެލެނިވެރިޔާގެ އިއުތިރާޒެއް ނެތި އަދި ފުރިހަމަ ސިއްހަތެއްގައި ހުރި ނަމަ ބައިވެރިވެވޭނެ އެވެ.
އެ ހިދުމަތުގައި ބައިވެރިވާ ކޮންމެ ދަރިވަރަކަށް ސަރުކާރުން މަހަކު 6،000ރ. ގެ އެލަވަންސެއް ދެ އެވެ.
މިދިޔަ އޮކްޓޯބަރުގައި ފެށި ނެޝަނަލް ސާވިސްގެ ފުރަތަމަ ބެޗުގެ ޓްރެއިނިންގައި 350 ދަރިވަރުން ބައިވެރިވި އެވެ. އަދި މިދިޔަ ޖެނުއަރީ ފަހުކޮޅު ފެށި ދެވަނަ ބެޗްގެ ތަމްރީނުގައި ވެސް 350 ޒުވާނުން ބައިވެރިވި އެވެ.
މި ސަރުކާރުގެ އަމާޒަކީ މި އަހަރު ތެރޭގައި އިތުރު 1،000 ޒުވާނުން އެ ތަމްރީންތައް ފުރިހަމަ ކުރުވުމެވެ. އެއީ މުޖުތަމައަށް ފައިދާހުރި ޒުވާނުން ނެރުމަށް ރައީސް މުއިއްޒު މިހާރު އެންމެ އިސްކަން ދެއްވާ ޕްރޮގްރާމް ވެސް މެ އެވެ.