ނ. މާފަރުގައި ހަދާ ރާއްޖޭގެ މޫސުން ބަލާ ހަ ވަނަ އޮބްޒަވޭޓަރީގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.

ތިމާވެއްޓާ ބެހޭ މިނިސްޓްރީން ސަރުކާރު ވެބްސައިޓުގައި ބުނީ މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި އޭވިއޭޝަން މޫސުމީ ހިދުމަތްތައް ފޯރުކޮށްދިނުމަށް، ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ މެޓް އޮފީހާއި އައިލެންޑް އޭވިއޭޝަން ގުޅިގެން މަސައްކަތްތައް ފަށާފައިވާ ކަމަށެވެ.

އެ އެއްބަސްވުމުގެ ދަށުން މާފަރު އެއާޕޯޓުގައި އަލަށް ގާއިމުކުރާ މެޓް އޮފީހަށް ނުވަތަ އޮބްޒަވޭޝަން ސްޓޭޝަނަށް ބޭނުންވާ މޫސުމީ އާލާތްތައް ހަރުކުރުމުގެ އަމަލީ މަސައްކަތް ވެސް މިއަދު ފަށާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެންވަޔަރުމެންޓް މިނިސްޓްރީން ބުނީ އެ މަސައްކަތުގެ މައިގަނޑު މަގުސަދަކީ މަދަނީ ވައިގެދަތުރުފަތުރުގެ ގަވާއިދުތަކާއި މިންގަނޑުތަކާ އެއްގޮތަށް، ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބޭނުންވާ މޫސުމީ މައުލޫމާތާއި ރިޕޯޓުތައް އިތުބާރާއެކު ފޯރުކޮށްދިނުން ކަމަށެވެ.

މެޓް އޮފީހާ ހަވާލާދީ މިނިސްޓްރީން ބުނީ މިއަދު ފެށި މަސައްކަތަކީ އެއާޕޯޓުގެ އޮޕަރޭޝަންތަކަށް ބޭނުންވާ މޫސުމީ އޮބްޒަވޭޝަންތައް ހެދުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި، މިހާރު ގާއިމުކުރެވޭ ނިޒާމު ކުރިއަށް އޮތް ތަނުގައި "ސިސްޓަމެޓިކް އޮބްޒަވޭޝަން ފައިނޭންސިން ފެސިލިޓީ" މަޝްރޫއުގެ ދަށުން އިތުރަށް ތަރައްގީކޮށް ފުރިހަމަކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މެޓް އޮފީހުން ބުނެފައިވެ އެވެ. 

މި އޮބްޒަވޭޓަރީ ހެދުމާ އެކު، މާފަރު އެއާޕޯޓުގެ މޫސުމީ ނިޒާމު އދ. ގެ ދުނިޔޭގެ މޫސުމާ ބެހޭ ޖަމިއްޔާ ޑަބްލިއުއެމްއޯގެ "ގްލޯބަލް ބޭސިކް އޮބްޒަވޭޝަން" މިންގަނޑުތަކަށް ފެތި، ބައިނަލްއަގުވާމީ ފެންވަރުގެ ހިދުމަތެއް ދެވޭނެ މަގު ތަނަވަސްވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. 

ޔުނައިޓެޑް ނޭޝަންސް މަލްޓިޕާޓީ ޓްރަސްޓް ފަންޑް (ޔޫއެންއެމްޕީޓީއެފް) އާއި ވޯލްޑް މީޓިއޮރޮލޮޖިކަލް އޯގަނައިޒޭޝަން (ޑަބްލިއުއެމްއޯ) ގުޅިގެން އުފައްދާފައިވާ ސިސްޓަމެޓިކް އޮބްޒަވޭޝަން ފައިނޭންސިން ފެސިލިޓީގެ ދަށުން ރާއްޖޭގެ މޫސުމާ ބެހޭ ބައެއް އޮބްޒަވޭޝަން ސްޓޭޝަންތައް ގްލޯބަލް ބޭސިކް އޮބްޒަވޭޝަން ނެޓްވޯކްގެ ފެންވަރަށް އަޕްގްރޭޑް ކުރުމަށް ހިންގާ ޕްރޮޖެކްޓެއް މިދިޔަ އަހަރު ވަނީ ފަށައިފަ އެވެ. 

މެޓް އޮފީހާއި ޔުނައިޓެޑް ނޭޝަން އެންވަޔަރަމެންޓް ޕްރޮގްރާމް (ޔޫއެންއީޕީ)އާ ގުޅިގެން ހިންގާ އެ ޕްރޮޖެކްޓަކީ ހަތަރު އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ. 

އެ ޕްރޮޖެކްޓުގެ ދަށުން، ރާއްޖޭގައި މިހާރު ހުރި ހަތަރު މެޓް އޮފީސް ނުވަތަ އޮބްޒަވޭޓަރީތަކުގައި ބަހައްޓާފައިވާ މޫސުމާ ބެހޭ އާލާތްތަކުގެ ފެންވަރު ރަނގަޅުކޮށް، މާފަރުގައި އިތުރު މެޓް އޮފީހެއް މާފަރުގައި ހެދުމުގެ މަސައްކަތް ކުރަން ވަނީ ނިންމައިފަ އެވެ. 

ރާއްޖޭގެ މޫސުން ބަލާ އޮބްޒަވޭޓަރީތައް މިހާރު ހުންނަނީ ހުޅުލެ އާއި ހދ. ހަނިމާދު އާއި ލ. ކައްދޫ އާއި ގދ. ކާޑެއްދު އަދި އައްޑޫ ގަމުގަ އެވެ. އޭގެ އިތުރުން ރާއްޖޭގެ 20 ރަށެއްގައި އޮޓޯމޭޓެޑް ވެދާ ސްޓޭޝަންތަކާއި ދިޔަވަރު ބެލުމަށް ހަނިމާދު އާއި ހުޅުލެ އަދި އައްޑޫ ގަމުގައި ޓައިޑް ސްޓޭޝަންތައް ހުރެ އެވެ.

އައްޑޫ ގަމުގައި ހުންނަ، ވައިގެ މަތީ ފަށަލަތަކުން މޫސުމާ ބެހޭ މައުލޫމާތު އެއްކުރާ ނިޒާމު (ރޭޑިއޯސޮންޑޭ) މަރާމާތުކޮށް އަލުން ބޭނުންކުރަން ފެށުން ވެސް އެ ޕްރޮޖެކްޓުގެ ތެރޭގައި ހިމެނެ އެވެ.