ކުރިއަށް އޮތް ދުވަސްތަކުގައި އެލް ނީނޯގެ ބާރުގަދަވެ، ރާއްޖެ ހިމެނޭ ދެކުނު އޭޝިއާގެ ގައުމުތަކަށް ވާރޭ ވެހޭ ވަރު މަދުވާނެ ކަމަށް އދ. ގެ ދުނިޔޭގެ މޫސުމާ ބެހޭ އެޖެންސީ (ޑަބްލިއުއެމްއޯ) އިން ލަފާކޮށްފި އެވެ.
ޑަބްލިއުއެމްއޯ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް ގެންނަ "އެލް ނީނޯ"ގެ ހާލަތު މި ހިނގާ ޖޫން މަހާއި މި އަންނަ އޮގަސްޓް މަހާ ދެމެދު އުފެދުމުގެ ފުރުސަތު 80 ޕަސެންޓު ބޮޑުވެފައިވާ ކަމަށެވެ. މިކަމުގެ ސަބަބުން، ނުރައްކާތެރި މޫސުމީ ހާދިސާތައް ކުރިމަތިވުމުގެ ބިރު އެބައޮތް ކަމަށް އެ އެޖެންސީން ބުންޏެވެ.
އެ އެޖެންސީން ދިން އިންޒާރުގައި ބުނީ ޕެސިފިކް ކަނޑުގެ ހޫނުމިން އާދަޔާ ހިލާފަށް މަތިވަމުން ދިއުމުގެ ސަބަބުން އެލް ނީނޯގެ އަސަރުތައް ދަނީ ބޮޑުވަމުން ކަމަށެވެ. އަދި މީގެ ސަބަބުން ދުނިޔޭގެ ފިނިހޫނުމިނަށާއި ވާރޭ ވެހޭ މިންވަރަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށް ބުންޏެވެ.
އެލް ނީނޯއަކީ ކޮބާ؟
އެލް ނީނޯއަކީ ކަނޑުގެ ސަތަހައިގެ ހޫނުމިން އާދަޔާ ހިލާފަށް މަތިވުމުގެ ސަބަބުން ކުރިމަތިވާ ގުދުރަތީ މޫސުމީ ހާލަތެކެވެ. މީގެ ސަބަބުން:
- ޕެސިފިކް ކަނޑުގެ އިރުމައްޗާއި މެދުތެރޭގެ ސަތަހައިގެ ހޫނުމިން މަތިވޭ
- ދުނިޔޭގެ ވައިގެ ދައުރުވުމާއި ޕްރެޝަރާއި ވާރޭ ވެހޭ ގޮތަށް ބޮޑެތި ބަދަލުތަކެއް އާދޭ
- މި ހާލަތު އާންމުކޮށް 9 މަހާއި 12 މަހާ ދެމެދުގެ މުއްދަތަކަށް ދެމިގެންދޭ
ޑަބްލިއުއެމްއޯ އިން ބުނި ގޮތުގައި، މި އަހަރުގެ ނޮވެމްބަރު މަހާ ހަމައަށް އެލް ނީނޯ ދެމިއޮތުމުގެ ފުރުސަތު 90 ޕަސެންޓަށް ވުރެ މަތީގައި އުޅޭއިރު، މިއީ މެދު މިންވަރެއްގެ ނުވަތަ ވަރުގަދަ އެލް ނީނޯއަކަށް ވުން އެކަށީގެންވެ އެވެ.
އެ އެޖެންސީގެ ވެރިޔާ ސެލެސްޓޭ ސައުލޯ އޭއެފްޕީއަށް ވިދާޅުވީ އެލް ނީނޯގެ ސަބަބުން ބައެއް ހިސާބުތަކަށް ހޫނުގަދަވުމާއި ހަނަފަސްކަމުގެ އިތުރުން ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ނުރައްކާ ބޮޑުވާނެތީ މުޅި ދުނިޔެ މިކަމަށް ތައްޔާރުވާން ޖެހޭ ކަމަށެވެ.
އެންމެ ފަހުން އައި ބާރުގަދަ އެލް ނީނޯގެ ސަބަބުން 2023 ވަނަ އަހަރު ވީ މިހާތަނަށް ރެކޯޑް ކުރެވުނު، ދެވަނައަށް އެންމެ ހޫނުގަދަ އަހަރަށެވެ. އަދި 2024 ވަނަ އަހަރު ވީ ތާރީހުގައި ވެސް އެންމެ ހޫނުގަދަ އަހަރަށެވެ. އެއީ ސިނާއީ އިންގިލާބުގެ ކުރީގެ އެވްރެޖަށް ވުރެ 1.55 ޑިގްރީ ސެލްސިއަސް މަތި އަހަރެކެވެ.
"އެލް ނީނޯ މިއޮތީ އަހަރެމެންގެ ދޮރުމަތީގައި. މިއީ މޫސުމީ ބޮޑު އިންޒާރެއްގެ ގޮތުގައި ދުނިޔެ ބަލަން ޖެހޭ. މީގެ ސަބަބުން ދުނިޔެ ހޫނުވުމުގެ މައްސަލަ އިތުރަށް ގޯސްވެ، އޭގެ ނުރައްކާ ހަލުވިކަމާ އެކު ފެތުރިގެންދާނެ،" އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ވިދާޅުވި އެވެ.
ދުނިޔޭގެ އެކި ސަރަހައްދުތަކަށް ކުރާނެ އަސަރުތައް
ޑަބްލިއުއެމްއޯ އިން ލަފާކުރަނީ ޖޫން އިން އޮގަސްޓަށް ދުނިޔޭގެ ބޮޑު ބަޔަކަށް، އާންމުކޮށް ހޫނުވާ މިންވަރަށް ވުރެ ބޮޑަށް ހޫނުމިން މަތިވާނެ ކަމަށެވެ.
އެ އެޖެންސީންގެ ލަފާކުރުންތަކުގައިވާ ގޮތުގައި، ރާއްޖެ ހިމެނޭ ދެކުނު އޭޝިއާގެ ގައުމުތަކަށް މޫސުމީ ވިއްސާރަ ކުރާނީ އާންމުކޮށް ކުރާ ވަރަށް ވުރެ ކުޑަކޮށެވެ. ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުން ވެސް ލަފާކޮށްފައިވާ ގޮތުގައި މި މަހު ރާއްޖެއަށް ވާރޭ ވެހޭ ވަރު އެހެން އަހަރުތަކުގެ ޖޫން މަހާ އަޅާބަލާއިރު އެވްރެޖުކޮށް މަދުވާނެ އެވެ.
މި އިންޒާރުގެ ބޭނުމަކީ ދަނޑުވެރިކަމާއި ފެނުގެ ވަސީލަތްތައް ބެލެހެއްޓުމާއި ހަކަތަ އަދި ސިއްހީ ދާއިރާތަކުން ކުރިއާލާ ތައްޔާރުވުމަށް ފުރުސަތު ދިނުން ކަމަށް ވެސް ޑަބްލިއުއެމްއޯ އިން ބުންޏެވެ.