ދިވެހި ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި ކުރީގެ ކޮމިޝަނާ އޮފް އިލެކްޝަންސް އިބްރާހިމް ރަޝާދު އަވަހާރަވެއްޖެ އެވެ.
މއ. އަލިތަރި، ރަޝާދު އުމުރުފުޅުން 78 އަހަރުގައި އަވަހާރަވީ އިއްޔެގެ ވަގުތެއްގަ އެވެ. އޭނާގެ ޖަނާޒާ ބާއްވާނީ މިރޭ މެންދަމު 12:00 ގައި އާސަހަރާގަ އެވެ.
ރަޝާދަކީ، 45 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ހިދުމަތް ކުރެއްވި އަދި ވަރަށް އިސް މަގާމުތަކެއް ފުރުއްވި ބޭފުޅެކެވެ. އޭގެ ތެރޭގައި ކޮމިޝަނާ އޮފް އިލެކްޝަންސްގެ މަގާމާއި މިނިސްޓަރު އޮފް ސްޓޭޓް، ޕްރިންސިޕަލް ކަލެކްޓާ އޮފް ކަސްޓަމްސްގެ މަގާމު ހިމެނެ އެވެ. އަދި ޅ. އަތޮޅާއި ތ. އަތޮޅުގެ އަތޮޅުވެރިކަން ވެސް އޭނާ ކުރެއްވި އެވެ.
އޭނާ ކުރެއްވި ހިދުމަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ދައުލަތުން އޭނާއަށް ވަނީ އިއްޒަތްތެރިކަމުގެ ލަގަބެއް ވެސް އަރުވައިފަ އެވެ.
ރަޝާދު ދައުލަތަށް ހިދުމަތް ކުރައްވަން ފެށްޓެވީ ޖޫން، 1961 ގައި ވުޒާރަތުއްތިޖާރާގެ ކާތިބުކަމުގެ މަގާމުންނެވެ. އޭގެފަހުން، ވުޒާރަތުލް މައާރިފްގެ ކާތިބުކަމާއި ވުޒާރަތުލް މާލިއްޔާގެ ސެކްރެޓަރީ ކަމާއި އެއަރޕޯޓް އޮފީހުގެ ސެކްރެޓަރީކަން ވެސް އޭނާ ކުރެއްވި އެވެ.
މީގެ އިތުރުން މިނިސްޓްރީ އޮފް ހެލްތުގެ އިނގިރޭސި ސެކްރެޓަރީ ކަމާއި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އިނގިރޭސި ސެކްރެޓަރީ ކަމާއި ރޭޑިއޯ މޯލްޑިވްސްގެ އިނގިރޭސި ސެކްރެޓަރީ ކަމާއި އެސްޓީއޯގެ މެނޭޖަރު ކަމާއި ނޯދަން ރީޖަނަލް އޮފީހުގެ ވަކީލުކަން ވެސް އޭނާ ކުރެއްވި އެވެ.
އެޓޮލްސް މިނިސްޓްރީގެ ސީނިއާ އަންޑާ ސެކްރެޓަރީ ކަމުގެ މަގާމާއި އެޓޮލްސް ޑިވެލޮޕްމަންޓް އެޑްވައިޒަރީ ބޯޑުގެ ވައިސް ޗެއާމަންގެ މަގާމާއި ޕްރޮޖެކްޓްސް ޑިރެކްޓަރު ކަމުގެ މަގާމު ވެސް އޭނާ އަދާކުރެއްވި އެވެ.
މީގެ އިތުރުން ސެލެކްޓަޑް އައިލެންޑްސް ޑިވެލޮޕްމަންޓް ޔުނިޓުގެ ޑިރެކްޓަރުކަމުގެ މަގާމާއި ޑިޕާޓްމަންޓް އޮފް އިލެކްޝަންސްގެ ޑިރެކްޓާ ޖެނެރަލްގެ މަގާމާއި މޯލްޑިވްސް ޕޯސްޓް ލިމިޓެޑުގެ ޑިރެކްޓާ ޖެނެރަލް ކަމުގެ މަގާމު ވެސް އޭނާ އަދާކުރެއްވި އެވެ.
ސެޕްޓެންބަރު، 2008 ގައި ދައުލަތުގެ ހިދުމަތުން ރަޝާދު ވަކިވެވަޑައިގެންނެވިއިރު ހުންނެވީ ޕްރިންސިޕަލް ކަލެކްޓާ އޮފް ކަސްޓަމްސް ކަމުގެ މަގާމުގަ އެވެ.
ރަޝާދު އަވަހާރަވިއިރު، އަނބިކަނބަލަކާއި ތިން އަންހެން ބޭފުޅުން ދުނިޔޭގައި އެބަތިއްބެވި އެވެ.
ރަޝާދު އަވަހާރަވުމާ ގުޅިގެން އޭނާގެ އާއިލާއަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ ތައުޒިޔާ ވިދާޅުވެފަ އެވެ. އެގޮތުން ރައީސް ކުރެއްވި ޓުވީޓްގައި ވިދާޅުވީ ރަޝާދަކީ އެ ވަގުތަކު ދައުލަތުން ހަވާލުކުރެއްވި ކޮންމެ މަސްއޫލިއްޔަތެއް މުރާލިކަމާއި ތެދުވެރިކަމާއި ރޭވުންތެރި ކަމާއެކުގައި އަދާކުރެއްވުމުގައި ލާމަސީލު ނަމޫނާއެއް ކަމަށެވެ. އަދި އޭނާއަކީ ހިކްމަތްތެރި އަދި ހިންގުންތެރި ޝަހުސިއްޔަތެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"...މީގެ ވިއްސަކަށް އަހަރަށްވުރެ ކުރިން، ޓެކްނޮލޮޖީގެ ވަސީލަތްތައް މިހާރަށްވުރެ މާމަދު ޒަމާނުގައިވެސް ސަރުކާރުގެ އިދާރީ ހިންގުން ހަލުވިކޮށް ރައްޔިތުންނަށްދޭ ޚިދުމަތްތައް ފަސޭހަކުރުމުގައި އެމަނިކުފާނު ކުރެއްވި މަސައްކަތްޕުޅުތައް ޚާައްޞަކޮށް ފާހަގަކުރެވޭ. އަދި، ދައުލަތަށް ހިދުމަތްކުރެއްވުމުގައި އުސޫލުތަކާއި ހަމަތަައް ހިފެހެއްޓެވުމާއި އަމާނާތްތެރިކަމުގައި ރައްޔިތުންނާއި ވެރިންގެ އިތުބާރު އެމަނިކުފާނު ހޯއްދަވައިފައިވޭ،" އެކްސްގައި ކުރެއްވި ޕޯސްޓްގައި ރައީސް ވިދާޅުވި އެވެ.
ރައީސްގެ ޕޯސްޓްގައިވަނީ ގައުމަށް ގެއްލިގެން އެދިޔައީ ބޭނުންތެރި އަދި އަގުހުރި ތަޖުރިބާކާރެއް ކަމަށެވެ.