ވެރިކަމުގެ ފަސް އަހަރު މަސައްކަތް ކުރެއްވީ ކޯލިޝަން ލީޑަރުން ސޮއިކުރައްވާފައި އޮތް އެއްބަސްވުމާ އެއްގޮތަށް އަމަލުކުރަން ކަމަށާއި އަމިއްލައަށް ބޭނުންވެގެން އެހެން ޕާޓީއެއްގެ ބޭފުޅަކަށް ދިން މަގާމެއް ނޯންނާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ޗެއާޕާސަންކަމުގެ އިންތިހާބުގައި ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމްގެ ގދ. ތިނަދޫ ކެމްޕެއިން ޖަލްސާގައި ކުރީގެ ރައީސް ސޯލިހު ވަނީ އެ މަނިކުފާނަށް ޕާޓީގެ ތެރެއިން އަމާޒުވާ ފާޑުކިޔުމަކަށް ރައްދު ދެއްވައިފަ އެވެ.
އިބޫގެ ވެރިކަމުގައި އެމްޑީޕީއަށް ވުރެ އެހެން ޕާޓީތަކުގެ ބޭފުޅުންނަށް އިސްކަންދީ، މަގާމުތައް ދިން ކަމަށް އެ ވެރިކަމުގައި ޑިފެންސް މިނިސްޓަރަކަށް ހުންނެވި މާރިޔާ އަހުމަދު ދީދީ ވެސް ވަނީ ވިދާޅުވެފަ އެވެ.
އިބޫ ވިދާޅުވީ އެމްޑީޕީން 2018 ވަނަ އަހަރު ވެރިކަމަށް އެމަނިކުފާނު ގެނައުމުން ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމަށް ތާއިދުކުރާ ބޭފުޅުން މަގާމުތަކަށް ލަނީ ކަމަށް ބުނެ ފާޑުކިޔާ ކަމަށެވެ.
"ބައްލަވާ އަޅުގަނޑުމެން އައީ ކޯލިޝަނެއް ހަދައިގެން އެގްރިމެންޓެއްގެ ތެރެއިން، އެ އެގްރިމެންޓްގައި ސޮއިކުރެއްވި ހުރިހާ ޕާޓީއެއްގެ ވެރިން. އެމްޑީޕީގެ ފަރާތުން ސޮއިކުރެއްވީ ރައީސް ނަޝީދު. ޖުމްހޫރީ ޕާޓީގެ ފަރާތުން ގާސިމް އިބްރާހިމް. ދެން އިމްރާން އަބްދުﷲ އާއި ރައީސް މައުމޫން،" އިބޫ ވިދާޅުވި އެވެ.
ހަތަރު ލީޑަރުން ސޮއިކުރެއްވި އެއްބަސްވުމުގައި ކޯލިޝަން ސަރުކާރު ހިންގާނެ ގޮތް އޮތް ކަމަށާއި ކެބިނެޓާއި ރައްޔިތުންގެ މަޖިލީހާއި ލޯކަލް ކައުންސިލްތައް ބަހާނެ ގޮތްތައް ވެސް އެއްބަސްވެފަައި އޮތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އެ އެއްބަސްވުމުން ހެދިއިރު، އެއަށް އިތުބާރު އޮންނާނީ އިބޫ ވެސް ސޮއިކުރެއްވުމުން ކަމަށް ގާސިމް ވިދާޅުވުމުން، ކެންޑިޑޭޓްގެ ހައިސިއްޔަތުން ސޮއިކުރެއްވިކަން ފާހަަގަކުރެއްވި އެވެ.
އިބޫ ވިިދާޅުވީ އެމަނިކުފާނު ވެރިކަން ކުރެއްވީ ލީޑަރުން ސޮއިކުރެއްވި އެއްބަސްވުމާ އެއްގޮތަށް ކަމަށާއި އަމިއްލައަށް ބޭނުންވެގެން އެހެން ޕާޓީއަކަށް ދިން މަގާމެއް ނޯންނާނެ ކަމަށެވެ. އެ އެއްބަސްވުމުގައި މަޖިލިސް ބައިކުރާނެ ގޮތް އޮއްވައި، އެމްޑީޕީން އެ މާއްދާއަށް އަމަލުނުކުރަން ނިންމައި، ހުރިހާ ދާއިރާއަކަށް ކުރިމަތިލާން ގައުމީ މަޖިލީހުން ނިންމުމުން، އެކަމަށް ތާއިދުކޮށް ކެންޑިޑޭޓުން ހޮވުމަށް މަސައްކަތް ކުރެއްވި ކަމަށް އިބޫ ވިދާޅުވި އެވެ.
"2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކާމިޔާބު ކުރުމުގައި އަޅުގަނޑުގެ ދައުރު ކުޑައެއް ނުވާނެ، އަޅުގަނޑުގެ ވެސް މަސައްކަތާ އެކު. އެކަމަކު އެއީ އަޅުގަނޑުމެން ހުރިހާ ލީޑަރުން ސޮއިކުރެއްވި އެއްބަސްވުމެއް އަރިމަތީގައި ބާއްވާފައި އަޅުގަނޑުމެން ނިންމި ނިންމުމެއް،" އިބޫ ވިދާޅުވި އެވެ.
އިބޫ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ޕާޓީގެ ފަރާތުން ހަދާ އެފަދަ އެއްބަސްވުންތަކުގައި ސޮއިކުރަން ޖެހޭނީ، އިތުބާރު ހިފޭ ފަދަ ބޭފުޅެއް ކަމަށެވެ. އެ ބޭފުޅަކީ މީކާއިލް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ކޯލިޝަން ކެބިނެޓެއް ގޮވައިގެން ފަސް އަހަރު ވެރިކަން ކުރެއްވި އިބޫ ވިދާޅުވި ގޮތުގައި އެކަނި އެއް ޕާޓީއަކަށް ރިޔާސީ އިންތިހާބެއް ކާމިޔާބު ކުރެވޭނެ ކަމަކަށް ގަބޫލެއް ނުކުރެއްވަ އެވެ. ތިމަންނަ އާއި ތިމަންނަ ވަށައިގެން ތިބި ބަޔަކު އެކަނި ވެގެން އިންތިހާބު ކާމިޔާބު ކުރެވިދާނެ ކަމަށް ދެކުމަކީ ގޯހެއް ކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
"އަޅުގަނޑު ކެރިހުރެ މި ދަންނަވަނީ މިއަދު ވެސް. މިއަކީ އެންމެ ޕާޓީއަކަށް ކުރެވޭނެ ކަމެއް ނޫން. އަޅުގަނޑުމެންގެ ވިސްނުމާ އެއްގޮތަށް ރާއްޖެ ތަރައްގީކުރަން ބޭނުންވާ އެންމެންނަށް އަޅުގަނޑުމެން މަރުހަބާކިޔަން ޖެހޭނެ،" އިބޫ ވިދާޅުވި އެވެ.
އިބޫ ވިދާޅުވީ މާޒީން ވެސް ފެންނަން އޮތީ އެ ހަގީގަތް ކަމަށެވެ. ކުރީގެ ރައީސް ނަޝީދާއި ޔާމީން ވެސް ވެރިކަމަށް ވަޑައިގެންނެވީ ކޯލިޝަންގެ ތެރެއިން ކަމަށެވެ. އެމްޑީޕީގައި މި ވަގުތު 60،000 މެންބަރުން ތިބިއިރު، ރިޔާސީ އިންތިހާބެއް ކާމިޔާބުކުރަން އިތުރަށް 90،000 އަށްވުރެ ގިނަ ވޯޓު ބޭނުންވާ ކަމަށާއި އެ ހޯދޭނީ ސޯލިހު ވިދާޅުވި ގޮތުގައި ރައްޔިތުން ގަބޫލުކުރާ ވިސްނުމާއި ސިޔާސަތުތަކާ އެކު ކުރިއަށް ގޮސްގެންނެވެ.