ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ދެވަނަ ދައުރެއް ނުލިބުނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާ ނުލައި އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް ގެންގުޅުނު "އީގޯ"އެއްގެ ސަބަބުން ކަމަށް އެ ވެރިކަމުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ. 

އެމްޑީޕީގެ ޗެއާޕާސަންކަމުގެ ރޭހުގައި ދެ ފެކްޝަންގެ ވާދަވެރިކަން ބޮޑުވެފައިވާއިރު އިބޫގެ ވެރިކަމުގައި އެ މަނިކުފާނަށް ވަރަށް ވަފާތެރި މިނިސްޓަރެއްގެ ގޮތުގައި ހުންނެވި އަމީރު މިހާރު ހުންނެވީ ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްއާ އެކު ނަޝީދުގެ ފަޅީގަ އެވެ.

ނަޝީދު ޗެއާޕާސަންކަމަށް ކުރައްވާ ކެމްޕެއިންގައި، އަމީރުގެ ރަށް ގދ. ގައްދޫގައި ރޭ ބޭއްވި ޖަލްސާގައި އޭނާ ވިދާޅުވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ގޮތް އެމްޑީޕީއަށް އޮތް ކަމަށާއި އެއީ ނަޝީދާ އެކު ކުރިއަށް ދިޔުން ކަމަށެވެ. 

"އަޅުގަނޑުމެން އެންމެ ފުރަތަމަ ރައީސް ނަޝީދާ ވާހަކަ ދައްކަން އެތަނަށް ދިޔަ މީހުންގެ ތެރޭގައި އަޅުގަނޑު ވެސް ހިމެނޭ. އަޅުގަނޑުމެން އެންމެން އެ ވާހަކަ ދައްކާ އެންމެން ބައްދައި ހުރިހާ ކަމެއް ނިމި، ޑީލް ވެސް ހަމަ އެއްބަސްވެފައި އޮތީ،" އަމީރު ވިދާޅުވި އެވެ. 

އެހެން އެކަން އޮއްވައި ސަރުކާރުގައި ތިއްބެވި ބޭފުޅުން ބައްދަލުވުމެއް ބާއްވައި، ވާހަކަ މުޅިން ބަދަލުވި ކަމަށް އަމީރު ވިދާޅުވި އެވެ. އެ ބައްދަލުވުމުގައި ރޫހު އޮތީ ނަޝީދާ ނުލައި ކުރިއަށްދާން ކަމަށާއި ނަޝީދަށް ހޯދޭނީ ކިހާ ވޯޓެއްތޯ ބައްދަލުވުމުގައި ތިބި ބޭފުޅުންގެ އަރިހުން ސާފުކުރަމުންދިޔަ ކަަމަށް އަމީރު ވިދާޅުވި އެވެ. 

ކުރީގެ މިނިސްޓަރު އިބްރާޙިމް އަމީރު ޖަލްސާގައި ވާހަކަ ދައްކަވަނީ.
ކުރީގެ މިނިސްޓަރު އިބްރާޙިމް އަމީރު ޖަލްސާގައި ވާހަކަ ދައްކަވަނީ.

އަމީރު ވިދާޅުވި ގޮތުގައި ބައްދަލުވުމުގައި ތިއްބެވި ގިނަ ބޭފުޅުންގެ އަންދާޒާއަކަށްވީ ނަޝީދަށް ހޯދެއްވޭނީ 3،000-5،000 ވޯޓެވެ. ނަމަވެސް، "އެހާ ދެރަނުކުރާށޭ" ވިދާޅުވެ ފައްޔާޒު ވަނީ ނަޝީދު 15،000-20،000 ވޯޓު އެންމެ މަދުވެގެން ވެސް ގެންދާނެ ކަމަށް އެ ބައްދަލުވުމުގައި ދަންނަވާފައި ކަމަށް އަމީރު ވިދާޅުވި އެވެ. 

ރިޔާސީ އިންތިހާބާ ދިމާކޮށް އެމްޑީޕީން ވަކިވެވަޑައިގަތް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސް ޕާޓީގެ ޓިކެޓްގައި ވާދަކުރެއްވި އިލްޔާސް ލަބީބު 15،000 ވޯޓު ހޯއްދެވި އެވެ. 

"އެ ބައްދަލުވުން ނިމިގެން ދިޔައިރު ދެން އަޅުގަނޑަށް ވެސް އެނގިއްޖެ މިހާރު ކުރިއަށްދާން ނިމިފައި މި އޮތީ އަޅުގަނޑުމެން ވަކިން، ނަޝީދާ އެކު ނޫން ކަން. އޭރު ވެސް އަޅުގަނޑުމެން ފައްޔާޒު އިސްމާއިލް ފާހަގަކުރި އަޅުގަނޑުމެންގެ ހަޔާތުގައި ވެސް ނިންމާނެ އެންމެ ހިތާމަވެރި ނިންމުމޭ ތި ނިންމަނީ، ކަލޭމެން އެންމެން ދެރަވާނެއޭ،" އަމީރު ވިދާޅުވި އެވެ. 

"އަޅުގަނޑުމެންނަށް އެ ދުވަހު ވެސް ހަމަ އެ ފުރުސަތު އޮވެ އެކަމަކު އަޅުގަނޑުމެން އެންމެންގެ އީގޯއާ ހެދި އަޅުގަނޑުމެންނަށް 2023 ގެއްލިގެން މި ދިޔައީ." 

ކުރީގެ ރައީސް ނަޝީދާއި ފައްޔާޒު އިސްމާއިލް ކެމްޕެއިންގައި
ކުރީގެ ރައީސް ނަޝީދާއި ފައްޔާޒު އިސްމާއިލް ކެމްޕެއިންގައި

އަމީރުގެ މި ވާހަކަތަކުގެ ވީޑިއޯ އެކްސްގައި ޕޯސްޓް ކުރައްވައި މިއަދު ނަޝީދު ވިދާޅުވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީއާ އެކީ މަސައްކަތް ކުރަން އެމަނިކުފާނަށް ވީ ހުރިހާ ކަމެއް ކުރެއްވި ކަމަށެވެ. 

އިންތިހާބުގެ ފުރަތަމަ ބުރުގައި އިބޫއަށް ލިބިވަޑައިގަތް ނާކާމިޔާބީއާ އެކު، ޑިމޮކްރެޓްސްއާ އެކު ބައްދަލުވުންތަކެއް އޮތެވެ. ނަމަވެސް، ޑިމޮކްރެޓްސްއިން ނިންމީ ދެވަނަ ބުރުގައި އެއްވެސް ފަރާތަކަށް ތާއިދުނުކޮށް އޮތުމަށެވެ. އޭގެ ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު އިންތިހާބުވުމުން ސަރުކާރާ އެކު ވެސް އެ ޕާޓީ މަޝްވަރާތައް ބޭއްވި އެވެ. 

ކުރީގެ ދެ ރައީސުން ކަމަށްވާ ނަޝީދާއި އިބޫއާ ދެމެދު ސިޔާސީ ގޮތުން ހިޔާލު ތަފާތުވުންތައް މިދިޔަ ސަރުކާރުގެ ވަރަށް ކުރީކޮޅު އުފެދުނެވެ. ނަޝީދު ވިދާޅުވާ ގޮތުން އިބޫ އެމަނިކުފާނާ ވާހަކަ ދެއްކެވުން ހުއްޓާލެއްވީ އެވެ. އިބޫ ދެކެވަޑައިގަންނަވާ ގޮތުގައި އެމަނިކުފާނު މަސައްކަތް ކުރެއްވީ ކޯލިޝަން ސަރުކާރު ދެމެހެއްޓުމަށެވެ. 

އެ ދެ ބޭފުޅުން ޗެއާޕާސަންކަމުގެ އިންތިހާބުގައި ދެ ކެމްޕެއިންނެއްގައި ތިއްބެވި ނަމަވެސް، ސިޔާސީ ގޮތުން އެކުގައި ވެސް ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. ނަޝީދު އަނބުރާ އެމްޑީޕީއާ ގުޅިވަޑައިގެންނެވުމާ އެކު، ކުރީގެ ކަންކަން ހަނދާން ނައްތާލައި، އާ ރޫހެއްގައި މަސައްކަތް ކުރެއްވުމަށް ދެ ބޭފުޅުން ބައްދަލުކުރެއްވި އެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ އެކު ވެސް ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.