މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން، އާރުޓީއައިއަކާ ނުލައި ވެސް އިދާރާތަކުން ކޮންމެހެން ހާމަކޮށްފައި ހުންނަން ޖެހޭ މައުލޫމާތު ހުރިހާ މިނިސްޓްރީއަކުން މިހާރު އާންމުކޮށްފައިވާ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
މިއީ ސަރުކާރުގެ ހުރިހާ މިނިސްޓްރީއަކުންނާއި ރައީސް އޮފީހުން އެ މައުލޫމާތުތައް އާންމުކުރި ފުރަތަމަ ފަހަރު ކަމަށް ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.
ތަފާސްހިސާބާ އެކު އާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އިދާރާތަކުން އަމިއްލައަށް އިސްނަގައިގެން އާންމުކުރަން ޖެހޭ މައުލޫމާތު ނުވަތަ ޕްރޯއެކްޓިވް ޑިސްކްލޯޒާގެ އެވްރެޖު 100 ޕަސެންޓު ރައީސް އޮފީހާއި މި ސަރުކާރުގެ 16 މިނިސްޓްރީއަކުން މިހާރު ހާސިލުކޮށްފައިވާ ކަމަށެވެ.
މީގެ ކުރިން އެ އެވްރެޖު ހުރީ 34 ޕަސެންޓުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"މި މަސައްކަތް ކޮށްދެއްވި ހުރިހާ ޓީމުތަކެއްގެ އަގު ވަޒަންކުރަން،" އާހިދު ވިދާޅުވި އެވެ.
"ކޮމްޕްލަޔަންސްގެ މަސައްކަތަކީ މާ ޝަރަފުވެރި ނުވަތަ ފާހަގަކޮށްލެވޭ މަސައްކަތަކަށް ނުވެދާނެ. އެކަމަކު މިއީ ކޮންމެހެން ކުރަންޖެހޭ މުހިންމު މަސައްކަތެއް. އަދި މި ލަނޑުދަނޑިއަށް ވާސިލުވުމަކީ ނިމުމެއް ނޫން، މިއީ ފެށުމެއް."
އާހިދު ވިދާޅުވި ގޮތުގައި، ދެން އަޅަން ޖެހޭ ފިޔަވަޅުތަކަކީ؛
- މިނިސްޓްރީތަކުގެ ދަށުން ހިނގާ ހުރިހާ އިދާރާތަކެއް ފުރިހަމަ ކޮމްޕްލަޔަންސް ލެވެލްއަށް ގެނައުން
- ޝާއިއުކުރެވިފައިވާ މައުލޫމާތުތައް އަދާހަމަކޮށް ބެލެހެއްޓުން
- މިއަށް ވުރެ މަތީ ކޮންފޯމަންސް ނުވަތަ މިންގަނޑުތަކަށް ފެތޭ ލެވެލްތަކަށް ވާސިލުވުން
- އާރުޓީއައިގެ ހުރިހާ ހުށަހެޅުންތަކަކަށް ވަގުތުން ވަގުތަށް ޖަވާބުދާރީވުން ކަށަވަރުކުރުން
އާރުޓީއައި ގާނޫނުގައިވާ ގޮތުން އިދާރާތަކުގެ ހިންގުމުގެ އޮނިގަނޑާއި ދޭ ހިދުމަތްތަކާއި އެ އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މައުލޫމާތު ހިމެނޭ ގޮތަށް ޖުމްލަ 13 ބާވަތެއްގެ މައުލޫމާތު މަދުވެގެން އަހަރަކު އެއް ފަހަރު، އާންމުންނަށް ފަސޭހައިން ލިބޭނެ ގޮތަށް ކޮންމެ އިދާރާއެއްގެ ވެސް އަމިއްލަ އިސްނެގުމުގެ މަތިން އާންމުކުރަން ވާނެ އެވެ.
މި ސަރުކާރު އަބަދުވެސް ބުނަމުން އަންނަނީ މައުލޫމާތު ހޯދުމަށް ހުށަހަޅާ ހުރިހާ އާރުޓީއައިއަކަށް ސަރުކާރުން ޖަވާބުދާރީވާނެ ކަމަށެވެ.
ސަރުކާރުން އެންމެފަހުން ބުނެފައިވާ ގޮތުގައި، މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން މި އަހަރުގެ މެއި މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 288 އާރުޓީއައި ހުށަހަޅާފައިވެ އެވެ. އޭގެ ތެރެއިން 233 އާރުޓީއައިއަކަށް އެހާތަނަށް ވަނީ ޖަވާބު ދީފަ އެވެ.