ތައުލީމީ ދާއިރާގައި ދިވެހި މުވައްޒަފުން ނުލިބޭ ދާއިރާތަކަށް ބިދޭސީން ގެނައުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލެއް ހަޔަ އެޑިޔުކޭޝަން މިނިސްޓްރީން އާންމުކޮށްފި އެވެ.
އިއްޔެ މިނިސްޓްރީން ގެޒެޓްކުރި އުސޫލުގެ މަގުސަދެއް ކަމަށް ބުނެފައިވަނީ ބިދޭސީ މުވައްޒަފުންގެ ފެންވަރު ކަށަވަރުކޮށް، ތައުލީމީ ދާއިރާއަށް ބޭނުންވާ އަދަދަށް، ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން މުވައްޒަފުން ހޯދުމެވެ.
އެ އުސޫލުގައި ބުނާގޮތުން ރެކްރޫޓުމެންޓުގެ މަސައްކަތް ކުރުމަށް މަސްދުވަސް ތެރޭ ފަސް މެމްބަރުންގެ ކޮމެޓީއެއް އުފައްދަން ޖެހެ އެވެ. އެ ކޮމެޓީއަށް މެމްބަރުން އައްޔަނުކުރަން ޖެހެނީ ހަޔާ އެޑިޔުކޭޝަން މިނިސްޓަރެވެ.
މެމްބަރުން އައްޔަނުކުރާއިރު ހިމަނައިގެން ނުވާނެ މުވައްޒަފުން:
- މުވައްޒަފުން ވަޒީފާތަކަށް ހަމަޖެއްސުމުގައި ސީދާގޮތުން މަސައްކަތްކުރާ ޑިޕާޓްމަންޓް/ސެކްޝަންގެ މުވައްޒަފުން
- ވަޒީފާ ހަމަޖައްސައިދޭ އެޖެންސީއެއްގެ މުވައްޒަފެއް ނުވަތަ އެފަދަ އެޖެންސީއެއްގެ ހިއްސާދާރެއް ނުވަތަ އެޖެންސީ ހިންގުމުގެ އިސް މަގާމެއް އަދާކުރާ މީހުން
މެމްބަރުން އައްޔަނުކުރާއިރު ހިމަނަން ޖެހޭ މުވައްޒަފުން:
- ސްކޫލުގެ ޕްރިންސިޕަލުންގެ ތެރެއިން ދެ މެމްބަރުން.
- މިނިސްޓްރީ ނުވަތަ އެ މިނިސްޓްރީގެ ޑިޕާޓްމެންޓުތަކުގެ މުވައްޒަފުންގެ ތެރެއިން ރޭންކް އަށަކުން މަތީގެ ތިން މެމްބަރުން.
އޭގެ އިތުރުން އެ އުސޫލުގައި ކޮމެޓީގެ މަސްއޫލިއްޔަތުތަކާއި އެޖެންސީގެ ޝަރުތުތަކާއި ޒިންމާ އާއި ހޮވާގެ ގޮތް ވެސް ބަޔާންކޮށްފައިވެ އެވެ. އަދި ބިދޭސީ މުވައްޒަފުން ގެންނަން ޖެހޭނީ އެޖެސީއެއް މެދުވެރިކޮށް ކަމަށާއި އެގޮތަށް ނުގެނެވިއްޖެ ހާލަތެއްގައި ކޮމެޓީން ނިންމާ ގޮތެއްގެ މަތިން ސީދާ މިނިސްޓްރީއަށް ވެސް ގެނެވޭނެ ކަމަށް ބުނެފައިވެ އެވެ.
އެ އުސޫލުގެ ދަށުން ގެންނަ ބިދޭސީންގެ ވަޒީފާ ހަމަޖެއްސުމަށް ނުވަތަ ހޯދުމަށް އެއްވެސް ފީއެއް ނެގުމަކީ މަނާ ކަމެކެވެ.