އައްޑޫ ހިތަދޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް ފަރުވާ ހޯދަމުންދަނިކޮށް ނިޔާވި ރަމީޒް އަބްދުﷲ އާ ގުޅޭ ގޮތުން އެންމެން ވެސް ދައްކަނީ އެއް ވާހަކައެކެވެ؛ އޭނާގެ މަޑުމައިތިރިކަމާއި ހިތްހެޔޮ ކަމުގެ ވާހަކަ އެވެ. ދީނީ ކަންކަމަށް އޭނާގެ ހިތުގައި އޮތް ލޯތްބާއި ޝައުގުވެރިކަމުގެ ވާހަކަ އެވެ.
މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ރޭގަނޑު 9:30 ހާއިރު މި އެކްސިޑެންޓު ހިނގީ ހިތަދޫ ބޮޑު މަގުން ސައިކަލެއްގައި މަޑުމަޑުން ރަމީޒު ދަނިކޮށް ނުގަވައިދުން ބާރު ސްޕީޑުގައި، މަގުގެ އަނެއްކޮޅުން އައި ސައިކަލެއް އޭނާގެ ސައިކަލުގައި ޖެހި ވެއްޓިގެންނެވެ.
ހިތަދޫ ފެނަކަ ބްރާންޗުގައި މަސައްކަތްކުރަމުން އައި ރަމީޒުގެ ބޮލުގެ ނާށިގަނޑު އެ އެކްސިޑެންޓުގައި ފަޅައިގެން ގޮސް ސިކުނޑި އަށް ބޮޑެތި ގެއްލުންތަކެއްވި އެވެ. އައްޑޫގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ރޭގެ ވަގުތެއްގައި އޭނާ ވަނީ ނިޔާވެފަ އެވެ.
ރަމީޒުގެ އަންހެނުން އާމިނަތު އަޒުރާ، ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ ރަމީޒަކީ މީހަކަށް އެނގޭނެ އެންމެ ރީތި އެއް ނަފްސު ކަމަށެވެ. އޭނާއަކީ ހިތްހެޔޮ، އޯގާތެރި އަދި އިހުލާސްތެރި މީހެއް ކަމަށާއި ދީނީ ކަންކަމަށް ވަރަށް ފަރުވާތެރި މީހެއް ކަމަށް ލިޔެފައިވެ އެވެ.
ޝަރަފުއްދީން ސްކޫލުގެ ޕްރީސްކޫލު ޓީޗަރެއްގެ ގޮތުގައި މަސައްކަތްކުރާ އަޒުރާ ބުނީ މާތްالله ރަމީޒަށް ދެއްވި އެންމެ މަތިވެރި ނިއުމަތަކީ މިފަހުން އުމްރާގެ އަޅުކަން އަދާކުރަން ފުރުސަތު ދެއްވުން ކަމަށެވެ.
"ގެފުޅަށް ޒިޔާރަތްކޮށް، އެ މާތް ބިނާގައި އަތް ބީއްސާލެވޭނެ ދުވަހެއްގެ ވާހަކަ އޭނާ އަބަދު ދެއްކި،" ޕޯސްޓުގައި ލިޔެފައިވެ އެވެ.
ރަމީޒްގެ މި ހުވަފެން ހަގީގަތަކަށް ހަދައިދިނީ އަލް އައިން ހައްޖު އެންޑް އުމްރާ ގްރޫޕުން ކަމަށާއި އެހެންވެ އެ ގްރޫޕަށް އަޒުރާ ޝުކުރު އަދާކޮށްފައިވެ އެވެ.
ރަމީޒު ނިޔާވުމާ ގުޅިގެން އަލް އައިން ހައްޖު އެންޑް އުމްރާ ގްރޫޕުން ކުރި ޕޯސްޓެއްގައި ބުނީ މިދިޔަ ރަމަޟާން މަހުގެ އުމްރާގައި އެ ގްރޫޕާ އެކު ރަމީޒު ބައިވެރިވީ ވޮލަންޓިއާ ސަޕޯޓު ސްޓާފެއްގެ ގޮތުގައި ކަމަށެވެ. އެމީހުން ވެސް އޭނާ ސިފަކުރީ ވަރަށް ހިތްހެޔޮ، މަޑުމައިތިރި އަހުލާގު ރަނގަޅު މީހެއްގެ ގޮތުގަ އެވެ.
އަޒްރާ ލިޔެފައިވާ ގޮތުގައި އެ ދަތުރަކީ ރަމީޒުގެ ހިތާ ވަރަށް ބޮޑަށް ގުޅިފައިވާ ދަތުރެކެވެ.
ރަމީޒް ނިޔާވުމުގެ ކުރިން، އަޒުރާ މިދިޔަ ހަފްތާގެ ހުކުރު ދުވަހު ކުރި ޕޯސްޓެއްގައި ރަމީޒް ނެތުމުގެ ފަޅުކޮށް ސިފަކޮށްދީފައިވެ އެވެ.
އެ ޕޯސްޓުގައި ލިޔެފައިވާ ގޮތުގައި ކޮންމެ ހުކުރު ދުވަހަކީ ރަމީޒު ގޭގެ ޓީވީން ކަހަފް ސޫރަތާއި މުލްކް ސޫރަތް ޖަހައި، އޭނާއާ އެކު ދަރިން ވެސް އެ ސޫރަތްތައް އަޑުއެހުމަށް ކައިރީގައި ބައިތިއްބައިގެން އިންނަ ދުވަހެކެވެ. އެއީ ނަމާދުތައް ބަރާބަރަށް ކުރާ މީހެއް ކަމަށާއި ނަމާދު ވައްޓާނުލުމަށް ދަރިންނަށް ވެސް ހަނދާންކޮށްދޭ މީހެއްކަން ފާހަގަކުރި އެވެ. މަސައްކަތުގައި ބުރަކޮށް އުޅޭ ވަގުތުގައި އޭނާއަށް ވެސް ނަމާދުތައް ބަރާބަރަށް ކުރުމަށާއި ނަމާދު ގަޑި ފަސް ނުކުރުމަށް އަބަދުވެސް ހަނދާން ކޮށްދޭ ކަމަށް ބުންޏެވެ.
ހުކުރު ހުތުބާ އަޑުނާހައި ދޫކޮށްނުލާން އެންމެނަށް ވެސް ނަސޭހަތްތެރިވާ ރަމީޒް މިދިޔަ ހުކުރު ދުވަހު އޮތީ މަރާ ހަނގުރާމަކުރަން ހޮސްޕިޓަލުގެ އެނދުމަތީގައި ކަމަށާއި އެއީ ހިތަށް ބަލަން ކުޅަދާނަ މަންޒަރެއް ނޫން ކަމަށް އަންހެނުންގެ އެ ޕޯސްޓުގައިވެ އެވެ.
ރަމީޒު ނިޔާވިއިރު އޭނާގެ ތިން އަންހެން ކުދިން ދުނިޔޭގައި އެބަ ތިއްބެވެ.