ސިޔާސީ ޕާޓީތަކުގައި ޒުވާނުންނަަށް ހައްގު މިންވަރަކީ ސިޔާސީ ލީޑަރުންގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ޕޯސްޓްކުރުން ނޫން ކަމަށާއި އެމްޑީޕީގެ ޗެއާޕާސަން ކަމަށް އިންތިހާބު ވެއްޖެ ނަމަ އެ ޕާޓީގެ އެންމެ އިސް މަގާމުތަކަށް ވާސިލުވާން ޒުވާނުންނަށް ފުަރުސަތު ފަހިކޮށްދެއްވާނެ ކަމަށް މީކާއީލް އަހުމަދު ނަސީމު ރޭ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ މީކާއީލް އެމްޑީޕީގެ ޗެއާޕާސަން ކަމަށް ބޭފުޅަކު ހޮވަން އަންނަ ހޮނިހިރު ދުވަހު ބާއްވާ އިންތިހާބުގައި ވާދަކުރަން ޖެހިފައި ވަނީ ކުރީގެ ރައީސް މުހައްމަދު މުހައްމަދު ނަޝީދާ އެވެ.
މީކާއިލްގެ ކެމްޕެއިން ނިންމުމަށް ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި އެކަމަށް އިޝާރާތްކުރައްވައި އޭނާ ވިދާޅުވީ އެ އިންތިހާބުގައި ރާއްޖޭގެ ކުރީގެ ރައީސަކާ ވާދަކުރައްވަން ޖެހިވަޑައިގަތުމުން ދޭހަވަނީ ޕާޓީތަކުގައި ޒުވާނުންނަށް ޖާގަ ހޯދަން ކުރަންޖެހޭ މަސައްކަތެވެ.
"އަޅުގަނޑު މީގެ އެތައް މަހެއް ކުރިން މި އިންތިހާބަށް ނުކުތީ އަޅުގަނޑު ނުހަނު އިހުތިރާމްކުރާ އަަޅުގަނޑުގެ އެދުރަކާ ވާދަކުރުމުގެ ނިޔަތަކު ނޫން. އެހެން ނަމަވެސް ބައެއް ބޭފުޅުންގެ ވިސްނުމަށް އައި ކުއްލި ބޮޑު ބަދަލަކުން އަަޅުގަނޑަށް ވާދަކުރަން ޖެހިފައި މިވަނީ ދިވެހިރާއްޖޭގެ ކުރީގެ ރައިސަކާ. މި ތޖުރިބާއިން އެކަނި ވެސް އަޅުގަނޑަށް އިހުސާސް ކުރެވެނީ މި ޕާޓީގައި ޒުވާނުންނަށް ކުރިމަތި ހޯދަން، ޖާގަ ހޯދަން ގުޅަން މި ޖެހެނީ ކުރީގެ ރައީސަކާ،" މީކާއިލް ވިދާޅުވި އެވެ.
"މި ތަޖުރިބާއިން އެކަނިވެސް އަޅުގަނޑުނަށް އިހުސާސްވީ މި ޕާޓީގައި ޖާގަ ހޯދަން ޒުވާނުންނަށް ކުރަން ޖެހިފައި އޮތް މަސައްކަތް."
ތަފާސްހިސާބާ ހަވާލާދެއްވައި މީކާއިލް ވިދާޅުވީ ކުރިއަށް އޮތް އިންތިހާބުގައި ވޯޓުލާ އާބާދީގެ 60 ޕަސެންޓަކީ ޒުވާނުން ކަމަށާއި އޭނާގެ ޗެއާޕާސަން ކަމުގައި އެންމެ މަތީ މަގާމަށް އައުމަށް ވެސް ޒުވާނުނަށް ޖާގަ ހިފަހައްޓާނެ ކމަށެވެ.
"ތިޔަ ބޭފުޅުންނަށް ހައްގު މިންވަރަކީ، ޒުވާނުންނަށް ދިވެހިރާއްޖޭގެ ސިޔާސީ ޕާޓީތަކުގައި ހައްގު މިންވަރަކީ ސިޔާސީ ލީޑަރުންގެ ފޮޓޯ ނަގައި ސޯޝަލް މީޑިއާގައި ފޯސްޓް ޖެހުމެއް ނޫން،" މީކާއިލް ވިދާޅުވި އެވެ.