ނަންބަރުތަކުން އަދި ވެސް ކުރީގައި އޮތީ އޭނާ ކަމަށާއި އެކަމަކު ވޯޓާސް ލިސްޓު ވެސް އޮޅުވާލައިގެން ބައެއް ރަށްރަށުގައި ވޯޓުލަމުންދާ ކަމަށް، އެމްޑީޕީގެ ޗެއާޕާސަންކަމަށް ކުރިމަތިލެއްވި މީކާއިލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

އެ އިންތިހާބުގައި ވޯޓު ދެއްވުމަށްފަހު ހަވީރު މީޑިއާތަކަށް ދެއްވި އިންޓަވިއުގައި މީކާއިލް ވިދާޅުވީ ވަރަށް ހިތާމަވެރި ކަންކަން ވެސް މި ވޯޓުގެ ތެރެއިން ހިނގަމުންދާ ކަމަށެވެ.

އޭގެ ތެރެއިން ބައެއް ރަށްރަށުގައި މީކާއިލްގެ މަންދޫބުންނަށް ފާސް ދޫނުކުރުމާއި، ގަސްތުގައި އެ މަންދޫބުންނަށް ފާސް ނުދީ ވޯޓުލުން ކުރިއަށްގެންގޮސްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

އެހެން ރަށެއްގައި ވޯޓު ލާފައިވަނީ ފަޅާލި ފޮއްޓަށް ކަމަށާއި ބައެއް ރަށްރަށުގައި މީކާއިލަށް ވޯޓުދޭން ތިބި މީހުން ލިސްޓުން އުނިކޮށްގެން ވޯޓުލުން ކުރިއަށްދާ ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.

"އަޅުގަނޑު ދުވަހަކު ވެސް އެމްޑީޕީގެ އެތެރޭގެ އިންތިހާބެއްގައި ދެކެން ބޭނުންވި މަންޒަރެއް ނޫން މިއީކީ. އަޅުގަނޑުމެން ތަސައްވަރުކުރާ އެމްޑީޕީއެއް ނޫން މިއީކީ އިނގޭތޯ. އެހެންވީމަ، އަޅުގަނޑު އެދެން އަދި ވެސް އެމްޑީޕީގެ ތެރޭގައި ޑިމޮކްރަސީ ހަރުދަނާކުރުމަށް މިނިވަން، އިންސާފުވެރި އިންތިހާބެއް އިލެކްޝަންސް ކޮމެޓީން ކަށަވަރުކޮށްދިނުމަށް. އަޅުގަނޑު އެދެނީ ވީހާ ވެސް ގިނަ އެމްޑީޕީ މެމްބަރުން ނުކުންނަވާ މި އިންތިހާބުގައި ވޯޓު ދެއްވުން،" މީކާއިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދެން ބާއްވާ ރިޔާސީ އިންތިހާބެއް އެމްޑީޕީއަށް ކާމިޔާބުވާނީ ހަމަހަމަކަމާއެކު ޕާޓީގެ އެތެރެއިން މަސައްކަތްކޮށްގެން ކަމަށެވެ.

މީކާއިލާއެކު އެ އިންތިހާބުގައި ދެން ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

ފޯރިގަދަ ކެމްޕެއިނަކަށް ފަހު ވޯޓުލާން ފަށާފައިވަނީ މިއަދު މެންދުރު 2:30 ގަ އެވެ. އަދި ވޯޓުލުން މިރޭ 8:30 ވަންދެން ކުރިއަށްދާނެ އެވެ.