އެކި ތަންތަނުން ޕައިރޭޓެޑް ޓީވީ ޗެނަލްތަކެއްގެ ލިންކް އެއްތަނަކަށް އެއްކޮށްގެން އާންމުންނަށް ފޯރުކޮށްދެމުންދާ "ހިލޭޓީވީ" ވެބްސައިޓަށް ނުވަދެވޭ ގޮތް ހަދަން ސިވިލް ކޯޓުން ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް އަށް އަންގައިފި އެވެ. 

ހިލޭޓީވީ ވެބްސައިޓް ހުއްޓުވަން ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ މީޑިއާ ނެޓުންނެވެ. އެ ކުންފުނިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ބުނީ މީޑިއާނެޓްގެ ނަމުގައި ވަކި ކެޓަގަރީއެއް ހަދައި، މީޑިއާނެޓްގެ ފީޑުތައް ނެގުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. 

އަދި، އެކަން ކުރެވިއްޖެ ކަމަށް ހިލޭޓީވީގެ ޓެލެގްރާމް ގުރޫޕްގައި އިއުލާންކުރުމަށް ފަހު، މީޑިއާ ނެޓުން އެކްސްކްލޫސިވް ރައިޓްސް ނަގާފައިވާ ވޯލްޑްކަޕްގެ މެޗްތައް އެ ވެބްސައިޓް މެދުވެރިކޮށް ފެންނާނެ ކަމަށް ބުނެފައިވާ ކަމަށް ދައުވާގައިވެ އެވެ. 

އެހެންވެ، އެއީ ވަގުތުން ވަގުތަށް ނުހުއްޓުވައިފި ނަމަ، މީޑިއާނެޓުގެ މަސްލަހަތު އަދި އާންމުންގެ މަސްލަހަތަށް އިޔާދަނުކުރެވޭނެ ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމެއް ކަމަށް ވަނީ ބުނެފަ އެވެ. އެހެންވެ، އެކަން ހުއްޓުވަން ވަގުތީ އަމުރަކަށް އެދުނީ އެވެ.

ސިވިލް ކޯޓުން މިއަދު ވަނީ އެ އަމުރު ނެރުމަށް ބޭނުންވާ ޝަރުތުތައް މައްސަލައިގައި ފުރިހަމަވާ ކަމަށް ކަނޑައަޅައި، މީޑިއާނެޓުން އެދުނު ގޮތަށް ވަގުތީ އަމުރު ނެރެދީފަ އެވެ. އެ އަމުރު އެގޮތަށް ނެރުމާ މެދު އެކަން ރައްދުވާ ކޮމިއުނިކޭޝަން އޮތޯރިޓީން އިއުތިރާޒެއް ނުކުރެ އެވެ. 

ސިވިލް ކޯޓުން އަންގާފައިވަނީ ހިލޭޓީވީއާ ދެކޮޅަށް މީޑިއާނެޓުން ހުށަހަޅާފައިވާ މައްސަލާގައި ގޮތެއް ނިމެންދެން އެ ވެބްސަައިޓަށް ރާއްޖޭގެ އައިޕީ އެޑްރެސްތަކުން ނުވަދެވޭ ގޮތް ހެދުމަށެވެ.