އެމްޑީޕީން ވެރިކަން ކުރި ދެ ދައުރުގައި ވެސް އަރަބިއްޔާ ސްކޫލާއި، އެ ސްކޫލުގެ ދަރިވަރުން ހެދީ ރެފިއުޖީންނަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ދ. މީދޫ ކައުންސިލް ރައީސްގެ ގޮނޑި ޕީއެންސީން ކާމިޔާބު ކުރުމާ ގުޅިގެން އެ ރަށުގައި ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ރައްޔިތުންނަށް ދީފައި އޮތީ ދެ ރާސްތާއެއް ކަމަށެވެ. އެއީ ގެއްލުމާއި ހަލާކުގެ ރާސްތާ އާއި ކާމިޔާބީގެ ރާސްތާ ކަމަށެވެ.

ރައީސް ވަނީ އެމްޑީޕީގެ ސަރުކާރުތަކުން ގެންގުޅުނީ "ފަނާކުރަނިވި" ފިކުރު ކަމަށެވެ.

އެގޮތުން އަރަބި އިސްލާމީ ތައުލީމު ނައްތާލުން އެއީ ފަނާކުރަނިވި ފިކުރުން ކަންކުރި ގޮތް ކަމަށާއި އެމްޑީޕީގެ ފުރަތަމަ ސަރުކާރުން ފެށިގެން ދެ ވަނަ ސަރުކާރާއި އެކީގައި އަރަބި އިސްލާމީ ތައުލީމު ނައްތާލަން އަރަބިއްޔާ ސްކޫލް ތަޅާލި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަރަބި އިސްލާމީ ތައުލީމު ނައްތާލުން އެއީ މި ދެންނެވި ފަނާކުރަނިވި ފިކުރުން ކަންތައް ކުރި ގޮތް. އެމްޑީޕީގެ ފުރަތަމަ ސަރުކާރުން ފެށިގެން އަރަބިއްޔާ ތަޅާލައި، މަގުމަތި ކުރީނޫންތޯ؟ ރެފިއުޖީން ގޮތުގައި ހެދީ އަރަބިއްޔާ ސްކޫލުގެ ދަރިވަރުންނާއި ބެލެނިވެރިން،" ރައީސް ވިދާޅުވި އެވެ.

ނަމަވެސް މި ސަރުކާރުން ގެންގުޅޭ ބިނާ ކުރަނިވި ފިކުރުން އަރަބިއްޔާ ސްކޫލަށް ދާއިމީ ބޮޑު ބިމެއް ހަމަޖައްސައިދީ، ސްކޫލް އަޅަމުންދާ ކަމަށައި އަންނަ ދިރާސީ އަހަރު ކިޔަވައިދޭން ފަށާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އޭގެ އިތުރުން ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ ޕީއެންސީގެ ފިކުރަކީ ވަރަށް ވަރުގަދަ ނުގުޑާ ފިކުރެއް ކަމަށައި އެއީ އިސްލާމް ދީނާއި ގައުމު ކުރިއަށް ނެރޭ ފިކުރެއް ކަމަށާއި އެ ފިކުރުން އިސްލާމް ދީނަށް ނަސްރު ދިނުމާއި ހަމަޖެހުމާއި ތަރައްގީ އާއި ރައްކާތެރިކަން ގެނެސްދޭނެ ކަމަށެވެ.

ޗާންދަނީ މަގުގައި އަރަބިއްޔާ ސްކޫލަކީ މީގެ 12 އަހަރު ކުރިން 2013 ގައި ބޭނުންކުރަން ފެށި ތަނެކެވެ. އެ އިމާރާތުގެ ތަނބުތަކުގައި ހުރީ ވަރަށް ބޮޑަށް ރެނދުލައިފަ އެވެ. އެހެންވެ އެ އިމާރާތަކީ ދަރިވަރުން ބޭނުންކުރަން ރައްކާތެރި ތަނެއް ނޫން ކަމަށް ކަނޑައަޅައި އެހެން ތަނަކަށް ސްކޫލުގެ ކިޔެވުން ޖެނުއަރީ 2023 ގައި ވަނީ ބަދަލުކޮށްފަ އެވެ.

އޭގެ ފަހުން އެ ތަން ބޭނުންކުރީ އިލެކްޝަން ކޮމިޝަނާއި އެޑިއުކޭޝަން މިނިސްޓްރީގެ މުދާ ބަހައްޓާ ގުދަނެއްގެ ގޮތުގަ އެވެ. އަނެއް ބައި ބޭނުން ކުރީ ސްކައުޓް އެސޯސިއޭޝަނާއި ކެޑޭޓް އޮފީސް ހިންގުމަށެވެ. ނަމަވެސް، އެ ހުރިހާ ތަނެއް މިހާރު ވަނީ ހުސްކޮށް ތަޅާލަން ފަށައިފަ އެވެ.

ކުރީ ސަރުކާރުން އަރަބިއްޔާ ސްކޫލު 6 ފަންގިފިލާއަށް އަޅަން ނިންމި ނަމަވެސް މި ސަރުކާރުން ނިންމާފައިވަނީ އެ ސްކޫލު 10 ފަންގިފިލާގެ އިމާރާތެއްގެ ގޮތުގައި އަޅާށެވެ. އާރްސީސީއާ ހަވާލުކޮށްގެން އެ އިމާރާތް ހެދުމަށް ހަމަޖެހިފައިވަނީ ސްކޫލެއްގައި ހުންނަންޖެހޭ ހުރިހާ ވަސީލަތްތަކަކާ އެކު 42 ކްލާސް ރޫމާއި، މަލްޓިޕާޕަސް ހޯލަކާއި، 4 ލިފްޓުގެ އިތުރުން އަންޑަ ގުރައުންޑް ޕާކިން ވެސް ހިމަނައިގެންނެވެ.