ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރަން ރައްޔިތުން  ބޭނުންވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްގެ "ނޭޝަން ޗެޓް" ޕޮޑްކާސްޓްގައި ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި އޮންނަން ބޭނުންވާ ނިޒާމު ރައްޔިތުން އޮތީ ވަރަށް ސާފުކޮށް ނިންމާފައި ކަމަށާއި ބަރުލަމާނީ ގެނައިމާ ރާއްޖެއަށް ވާނެ ގޮތް ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގޭ ކަމަށެވެ. ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުގައި ވެސް ބަރުލަމާނީ ނިޒާމު އޮވެގެން ވަމުންދާ ގޮތް ފެންނަމުން އެބަދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. 

"އަހަރަކު އެއްފަހަރު ވެސް ބަދަލުވެދާނެ ބޮޑުވަޒީރު، ދެން ރައްޔިތުން ކައިރީ އަހާލުމެއް ނެތް އެ ބޮޑުވަޒީރު ބަދަލުވީ. ދެން އަނެއްކާ އެހެން  މީހަކާ ހަވާލުވާންވީ، އެހެންވީމާ އެކަލަހަ ނިޒާމެއް ނޫން ރައްޔިތުން ބޭނުންވީކީއެއް،" ވެރިކަން ހިންގާނެ ނިޒާމު ކަނޑައެޅި އިރު ރައްޔިތުން ނިންމި ނިންމުމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ސިފަކުރެއްވި ގޮތުގައި ރާއްޖޭގައި މިހާރު ވެސް އޮތީ ސާފުކޮށް ރިޔާސީ ނިޒާމެއް ނޫނެވެ. މިއީ ރިޔާސީ ސިފަތައް އެކުލެވޭ، ކޮންމެވެސް ވަރަކަށް ބަރުލަމާނީ ސިފަތައް ވެސް އެކުލެވޭ "ހައިބްރިޑް ނިޒާމެއް" ކަމަށް  ވެސް އެމަނިކުފާނު ވިދާޅުިވި އެވެ.

"އެހެންވީމާ މި ނިޒާމު މިއޮތީ ރައްޔިތުން ބޭނުންވާ ގޮތަށް ނިންމަވާފައި. އެހެންވީމާ އަޅުގަނޑު ހިތުން ރައްޔިތުން ބޭނުންވާ ގޮތް މިއީ،" ރައީސް ވިދާޅުވި އެވެ.

ރާއްޖެއަކީ ޖިއޮގްރަފީ ގޮތުން ކުޑަ ގައުމަކަށް ވާތީ ޔުނިޓަރީ ދައުލަތެއްގެ ގޮތުގައި އޮންނަން ރައްޔިތުން ބޭނުންވާނެ ކަމަށާއި ގާނޫނުއަސާސީ އޮތީ އެގޮތަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އެހެންވީމާ ޔުނިޓަރީ ދައުލަތެއް، ޔުނިޓަރީ ސިފަތައް ހިމެނޭ، އެއްބައިވަންތަ، އަދި އެއްބައެއް ވަންތަ، އެއް ބަހަކުން ވާހަކަދައްކާ، އެއް ދީނަކަށް ނިސްބަތްވާ، އެއް ނަސްލެއްގެ ބައެއް ދިވެހިންނަކީ. އެހެންވީމާ މިތާގައި މިއޮތް ހާއްސަސިފަތައް އެގޮތުގައި ދަމަހައްޓަން ރައްޔިތުން ބޭނުންވާނެ އިނގޭތޯ. މިތަނަކަށް އެހެން ނިޒާމެއް ގެނެސް މިތަނުގައި މިއޮތް އެއްބައިވަންތަކަން، އެއްބައެއްވަންތަކަން ބަދަލުކޮށްލާނެ ކަހަލަ އެއްވެސް ކަމަކަށް އަޅުގަނޑަކަށް ހިއެއް ނުވޭ ރައްޔިތުން ބޭނުންވާނެ ހެނެއް،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖޭގައި މިހާރު އޮތީ ޕާޓީ ނިޒާމު ކަމަށް ވާތީ ޕާޓީއެއްގެ ލީޑަރަކަށް ތާއީދުކުރުމުގެ ގޮތުން އެފަދަ ބަދަލަކަށް މަދު ބަޔަކު ތާއީދުކޮށްފާނެ އެވެ. ޕާޓީއެއްގެ ލީޑަރު ނިންމައިގެން އެ ފަދަ ކަމަކަށް ދާ މީހުން އެއީ އެންމެ ރަނގަޅު ގޮތްތޯ ނުބަލަފާނެ ކަަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ މަގާމަށް ވަޑައިގެންނެވީ ރާއްޖެއަށް ގެންނަވަން އެމަނިކުފާނު ތަސައްވުރު ކުރައްވާ ބޮޑެތި ބަދަލުތަކެއް ހިމެނޭ މެނިފެސްޓޯއަކާ އެކުގަ އެވެ. އެ މެނިފެސްޓޯގައިވާ ގޮތުން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ވެސް ބޮޑަށް ބަރުލަމާނީ ސިފަތަައް އެކުލެވޭ ނިޒާމަކަށް ބަދަލުކުރަން އެމަނިކުފާނު މަސަައްކަތް ކުރައްވާނެ އެވެ.

އެކަމާ ބެހޭ ގޮތުން ކުރި ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ އެމްޑީޕީން އެފަދަ ބަދަލެއް ގެންނަން ބޭނުން ވަނީ ވެރިކަން ކުރަން ބޭނުންވާ މީހުން އެޕާޓީގައި ގިނަ ކަމުން ކަމަށެވެ.