ފުލުހުން "އަދަދު" ނޫހަށް ވަދެ، ތަހުގީގެެއްގެ ބޭނުމަށް ގެންދިޔަ ސާމާނު އަނބުރާ ހޯދަން އެ ނޫހުން ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލާގެ އަޑުއެހުމެއް އަންނަ އަންގާރަ ދުވަހަށް ތާވަލުކޮށްފި އެވެ.
އަަދަދު ނޫހުގެ އެޑިޓަރު ހަސަން މުހައްމަދު "މިހާރު" އަށް މިއަދު ވިދާޅުވީ މިދިޔަ އޭޕްރިލް މަހު 27 ގައި ފުލުުހުން އެ ނޫހުގެ އިދާރާ އަށް ވަދެ، ގެންގޮސްފައިވާ ސާމާނު ދޫކުރަން ފުލުހުންގެ މައްޗަށް އަމުރެއް ނެރެން އެދި ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުމެއް އަންނަ އަންގާރަ ދުވަހުގެ ހެނދުނު 9:00 އަށް ތާވަލުކޮށް، އެ އަޑުއެހުމެއް ހާޒިރުވާން ކޯޓުން މިހާރު އަމުރެއް ފޮނުވާފައިވާ ކަމަށެވެ.
ޑޮކިއުމެންޓްރީއަކާ ގުޅޭ މައްސަލައެއްގައި ޖިނާއީ ތަހުގީގެއް ކުރަން ފުލުހުން އަދަދު ނޫހުގެ އިދާރާއަށް ވަދެ، ބައެއް ތަކެތި ގެންދިޔައީ އޭޕްރީލް 27 ގަ އެވެ. އެ ނޫހުން އޭރު ބުނެފައިވާ ގޮތުގައި ގަޑިއެއްހާއިރު ވަންދެން އެ އިދާރާ ބަލައި ފާސްކުރުމަށް ފަހު ފުލުުހުން ގެންދިޔަ ތަކެތީގެ ތެރޭގައި ލެޕްޓޮޕްތަކާއި ހާޑް ޑްރައިވްތައް އަދި އެ ނޫން ވެސް ބައެއް ތަކެތި ހިމެނޭހެން ޖުމްލަ 20 ޑިވައިސްއެއް ފުުލުހުން ގެންދިޔަ އެވެ.
އަދަދު ނޫހުގެ ޑޮކިއުމެންޓްރީއަކާ ގުޅޭ ގޮތުން ފުލުހުން ކުރަމުން އަންނަ ތަހުގީގައި އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަންގެ ޕާސްޕޯޓު ވެސް ވަނީ ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓައިފަ އެވެ.