"އަދަދު" ނޫހުން ގެނެސްދިން ވީޑިއޯ ޑޮކިއުމެންޓްރީއަކާ ގުޅޭ އެއްވެސް ވާހަކައެއް ދެއްކުން މަނާކޮށް އެންމެންގެ މައްޗަށް ކްރިމިނަލް ކޯޓުން ނެރެފައިވާ ގޭގް އަމުރު އިސްތިއުނާފު ކުރަން ހައި ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ސިއްރުން ކުރިއަށް ގެންދަން ނިންމައިފި އެވެ.
އެ މައްސަލައިގެ ޝަރީއަތް މިއަދު ހައި ކޯޓުގައި ފަށަން ތާވަލުކޮށްފައި ވާއިރު، އެ ކޯޓުން ބުނި ގޮތުގައި މައްސަލަ ކުރިއަށް ގެންދަން ނިންމާފައިވަނީ ސިއްރުކޮށްގެންނެވެ. އެހެންވެ، އެ އަޑުއެހުމަށް ވަންނަން ނޫސްވެރިންނާއި އާންމުންނަށް ފުރުސަތެއް ނުލިބެ އެވެ.
ގެގް އަމުރާ ގުޅޭ މައްސަލަ މިއަދު ހައި ކޯޓުގައި ފަށާއިރު އެ މައްސަލައަށް ބާ ކައުންސިލުން ތަދައްހުލްވާން އިއްޔެ ވަނީ ހުށަހަޅައިފަ އެވެ. މި އަމުރު ނެރެފައިވަނީ ކްރިމިނަލް ކޯޓުން ސިއްރުކޮށްގެން ކުރިއަށް ގެންދާ ޝަރީއަތެއްގެ ތެރެއިންނެވެ.
އެ އަމުރު އިސްތިއުނާފު ކުރަން ފުރަތަމަ ހުށަހެޅީ މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަންގެ ފަރާތުންނެވެ. ނަމަވެސް، އެ މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުގެ ރަޖިސްޓްރާ ނިންމާފައިވާތީ ފަހުން އެ މައްސަލަ އިސްތިއުނާފަށް ހުށަހެޅީ އަމުރު ނެރުނު މައްސަލަ ރައްދުވާ އެއް ފަރާތް ކަމަށްވާ އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އެވެ.
ވީޑިއޯ ޑޮކިއުމެންޓްރީއަކާ ގުޅިގެން އެ ނޫހުގެ އިސް ދެ ވެރިން ކަމަށްވާ ފިޔާޒު އަދި ހަސަން އަހުމަދުގެ މައްޗަށް ޖިނާއީ ދައުވާ އުފުލައި، އެކަމާ ބެހޭ އެއްވެސް ވާހަކައެއް ނުދައްކަން ކްރިމިނަލް ކޯޓުން އަމުރު ނެރެފައިވާއިރު އެ އަމުރާ ހިލާފުވި ކަމަށް ކަނޑައަޅައި އެ ނޫހުގެ ދެ ނޫސްވެރިއަކު ޖަލަށްލާން ހުކުމްކޮށްފައިވެ އެވެ.
ބާ ކައުންސިލުން ކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމާއި ޑިއު ޕްރޮސެސް އަދި އިންސާފު ގާއިމުކުރުމުގެ އުސޫލުތައް ހަނިވަމުންދާ ކަންތައްތަކެއް ހިނގަމުންދާ ކަމަށެެވެ.
އޭގެ ތެރޭގައި، ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ބުނެ ކްރިމިނަލް ކޯޓުން ނޫސްވެރިން ޖަލަށްލުމާއި ހިނގަމުންދާ ޝަރީއަތްތަކާ ގުޅޭގޮތުން އާންމުން ވާހަކަ ދެއްކުން ހަނިވާނެހެން ފުޅާ ދާއިރާއެއްގައި އަމުރުތައް ނެރުމާއި ގާނޫނީ ވަކީލުންގެ އެހީތެރިކަން ހޯދުމުގެ ހައްގާއި ހުޅުވާލައިގެން ކޯޓުތަކުގައި ޝަރީއަތްތައް ކުރިއަށް ގެންދިއުމުގެ ހައްގަށް ހުރަސްއެޅޭ ފަދަ ކަންކަން ހިމެނޭ ކަމަށް ބުންޏެވެ.
ބާ ކައުންސިލުން ބުނީ ދައުލަތުން އަމަލުތައް ބަހައްޓަން ޖެހޭނީ ގާނޫނުއަސާސީއާ އެއްގޮތަށް، ޑިއު ޕްރޮސެސް ކަށަވަރުކުރުމާ އެކު، ގާނޫނުތަކުން ރައްކާތެރިކޮށްދީފައިވާ އަސާސީ ހައްގުތަކާއި މިނިވަންކަމާ ފުށުނާރާނެ ގޮތަށް ކަމަށެވެ.