ރާއްޖެ އަށް ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތި ވިއްކައި ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި ވ. ކެޔޮދޫން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކުރީ ކެޔޮދޫ، ސޭންޑީސައިޑް، ފައުޒާން އަހުމަދު ހުސެއިން، 25 ކަމަށެވެ.

އޭނާ ހައްޔަރުކުރީ ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ދިން މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ބުންޏެވެ.

މި އޮޕަރޭޝަން ހިންގީ ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ވ. އަތޮޅު ފުލުހުންނާއި ކަސްޓަމްސް ގުޅިގެންނެވެ.

ފުލުހުން ބުނި ގޮތުގައި، މިދިޔަ ބުރާސްފަތި ދުވަހު ހިންގި އޮޕަރޭޝަންގައި ފައުޒާން ހައްޔަރުކޮށް، ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފަ އެވެ.