މަތީ ގްރޭޑްތަކުގެ ކުދިން ނިދާ ގަޑި ލަސްވުމާ، ސްކޫލަށް ހާޒިރުވާ ކުދިންގެ އަދަދު މަދުވުމާ ގުޅުން އެބަހުރި ކަމަށް އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) އިން ހެދި ދިރާސާއަކުން ދައްކައިފި އެވެ.
އެ ދިރާސާއާ ބެހޭ ގޮތުން ކަންބޮޑުވުން ފާޅުކުރެއްވީ ދ. އަތޮޅު ތައުލީމީ މަރުކަޒުގެ އިނާމު ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށް ދެއްވައި މިދިޔަ ބުރާސްފަތި ދުވަހު އެ ޔުނިވާސިޓީގެ އެސިސްޓެންޓް ޕްރޮފެސަރު އަދި ސެންޓާ ފޯ ރިސާޗް އެންޑް ޕަބްލިކޭޝަންސްގެ ޑީން ޑރ. އާމިނަތު ޝާފިޔާ ދެއްކެވި ވާހަކައިގަ އެވެ.
ސްކޫލަށް ނާންނަ ކުދިންގެ އަދަދު އިތުރުވާތީ ސަބަބު ހޯދުމަށް ދިރާސާ ކުރީ، ގުރޭޑް 9 އާއި 10ގެ ކުދިންނާ އިންޓަވިއުކޮށްގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކިހާއިރަކުހެން ހީވަނީ، ގުރޭޑް [9އާއި 10]ގައި އުޅޭ އުމުރުފުރައިގެ އެކުދިން ނިދަނީ. އަޅެ ތިކުދިން ވިސްނާލާފައި ބުނެބެލަ. ނިދާގަޑިއަކީ 1:30 އާއި 2:30 އާއި 3:30 އާއި 4:00 ޖަހާއިރު. މި ދައްކަނީ ބޮޑެތި މީހުންގެ ވާހަކައެއް ނޫނޭ. މި ދައްކަނީ ތި ކުދިންގެ އުމުރުފުރައިގެ ކުދިންގެ ވާހަކަ،" އޭނާ ވިދާޅުވި އެވެ.
ޝާފިޔާ ވިދާޅުވި ގޮތުގައި، ސަބަބުތައް ބެލިއިރު، ކުދިންގެ ނިދުން ލަސްވުމުން ހެނދުނުގެ ވަގުތު ކުދިންގެ ބަނޑު ގޯސްވުމާއި، މޫޑު ގެއްލުމާއި ބޮލުގައި ރިހުން ފަދަ ކަންތައްތައް ދިމާވެ، ސްކޫލަށް ނުދެވެނީ އެވެ.
އޭގެ އިތުރުން ނިދި މަދުވުމުގެ ސަބަބުން، ކުލާހަށް ގޮސް ނިދުމާއި ކުލާހަށް ހާޒިރުވުން މަދުވެ، ޓީޗަރުންދެކެ ހިތްހަމަނުޖެހުމާއި ހޯމްވާކް ހެދުމުގައި ވެސް ދަތިތައް ދިމާވާ ކަމަށް އެ ދިރާސާއިން ދެއްކި ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ދިރާސާ ހެދީ މާލޭގެ ބައެއް ސްކޫލުތަކާއި ކ. އަތޮޅުގެ ބައެއް ސަރަހައްދުގެ ސްކޫލުތަކާއި އއ. އަތޮޅުގެ އިތުރުން ހދ. އަތޮޅުގެ ބައެއް ސްކޫލުތަކުން އެއްކުރި މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ހެދި ދިރާސާއަކުން ކަމަށެވެ.
އެ ޔުނިވާސިޓީން ކުރި ދިރާސާގެ އިތުރު ތަފުސީލެއް ޝާފިޔާ ނުދެއްވަ އެވެ.
ޝާފިޔާގެ ވާހަކާގައި ވަނީ ކާމިޔާބު ދަރިވަރަކަށް ވުމަށް ކުރަން ޖެހޭ ކަންތައްތަކާއި ކޮށްގެން ނުވާނެ ކަންތައްތައް ވިދާޅުވެދެއްވައިފަ އެވެ. އަދި ބުއްދީގެ ބޭނުން ހިފައި ކީރިތި ރަސޫލާގެ އިރުޝާދުތަކުން އިބުރަތް ހާސިލްކުރުމަށް ޝާފިއާ ނަސޭހަތް ދެއްވި އެވެ.
ޝާފިޔާ ވަނީ "ކާމިޔާބު" އެ ބަހުގައި އޮތް ހަތަރު އަކުރުގެ ތެރެއިން ފަހު އަކުރު "ބ" އަކީ 'ބުއްދި' ކަމަށް ސިފަކުރައްވަމުން ދަރިވަރުން ބުއްދީގެ ބޭނުން ރަނގަޅަށް ނުހިފާކަން އެ ޔުނިވާސިޓީން ކުރި ދިރާސާއިން އެނގޭ ކަމަށް ވިދާޅުވެފަ އެވެ.