މީގެ ހަތް އަހަރު ކުރިން، މެދުރާއްޖެތެރޭ ރަށެއްގައި، އުމުރުން 18 ނުފުރޭ ކުއްޖަކު ކައިވެނީގެ ބޭރުން ބަލިވެ އިނދެ ލިބުނު ދަރިފުޅު މަރާލި މައްސަލާގައި ތިން މީހަކު ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
މި ހުކުމްތައް އައީ 18 ނުފުރޭ ކުއްޖާގެ މަންމަ، އދ. މާމިގިލި ގްރީންލައިޓް، އާއިޝަތު ޝާއިރާ އާއި އޭނާގެ ލޯބިވެރިޔާ، ތ. މަޑިފުށި، ސޯސަންވިލާ، މުހައްމަދު އިމްތިޔާޒުގެ އިތުރުން ހއ. ފިއްލަދޫ ،ޝެޑޯ، މޫސާ އަހްސަމްގެ މައްޗަށެވެ.
ދެ ހާސް ނަވާރަ ވަނަ އަހަރު ހިންގި މި އަމަލާ ގުޅިގެން، އަހްސަމްގެ މައްޗަށް ކުރީ އެނގިހުރެ މީހަކު މެރުގެ ދައުވާ އެވެ. ޝާއިރާގެ މައްޗަށް ދެ ދައުވާއެއް ކުރި އެވެ. އެއީ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލު ހިންގާކަން އެނގިހުރެ އެކަން ރިޕޯޓު ނުކުރުމުގެ ދައުވާ އާއި އިމްތިޔާޒުގެ މައްޗަށް ވެސް ކުރި އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އެވެ.
ތިން މީހުންގެ މައްޗަށް ކުށް ސާބިތުވެ ހުކުމްކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
ޝާއިރާގެ މައްޗަށް އިއްވާފައި ވަނީ ތިން އަހަރުގެ ޖަލު ހުކުމެވެ. އެއީ ޝާއިރާގެ މާމަ ދަރިފުޅު މަރާލުމުގައި ބައިވެރިވެފައި ވާތީ އިއްވި ދެ އަހަރާއި ހަ މަސްދުވަހުގެ ޖަލު ހުކުމުގެ އިތުރުން ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގާކަން އެނގިހުރެ އެކަން ރިޕޯޓުނުކުރުމުން އިއްވި ހަ މަސްދުވަހުގެ ޖަލު ހުކުމެވެ.
ތުއްތު ކުއްޖާ މަރާލި މައްސަލާގައި އަހްސަމްގެ މައްޗަށް އިއްވާފައި ވަނީ ފަސް އަހަރުގެ ޖަލު ހުކުމެކެވެ. އޭނާ އަކީ އަނިޔާ ލިބުނު ކުއްޖާއަށް ޖިންސީ އަމަލު ހިންގުމުގެ ތުހުމަތު ވެސް އޮތް މީހާ އެވެ. އޭނާ މި މައްސަލާގައި ބަންދުގައި ހުރި މުއްދަތު އުނިކުރުމުން ތަންފީޒު ކުރަން ޖެހެނީ ތިން އަހަރާއި ހަތް މަސް ދުވަހެވެ. އޭގެ އިތުރުން ކައްފާރާގެ ގޮތުގައި 60 ދުވަހު ރޯދަ ހިފަން ވެސް ވަނީ ހުކުމް ކޮށްފަ އެވެ.
ޝާއިރާގެ ލޯބިވެރިޔާ މުހައްމަދު އިމްތިޔާޒުގެ މައްޗަށް އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ސާބިތުވެ، އޭނާގެ މައްޗަށް ވެސް އިއްވާފައި ވަނީ ދެ އަހަރާއި ހަ މަހުގެ ޖަލު ހުކުމެކެވެ. އަދި ކައްފާރާގެ ގޮތުގައި 60 ދުވަހު ރޯދަ ހިފަން ވަނީ އަމުރުކޮށްފަ އެވެ.