މިދިޔަ ހަފްތާގެ ތެރޭގައި ވެސް މާލެ ސަރަހައްދުން ހިމަބިހި (މީސްލްސް) ޖެހިފައިވާ އިތުރު ދެ މީހަކު ފެނިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

އެޗްޕީއޭއިން ބުނީ އަލަށް ފެނުނު އެ ދެ ކޭސްއާ އެކު މި އަހަރުގެ މިހާތަނަށް ރާއްޖެއިން ހިމަބިހި ޖެހުނު މީހުންގެ އަދަދު 22 އަށް އަރާފައިވާ ކަމަށެވެ.

ރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ގައުމެއް ނަމަވެސް، މިފަހުން މި ބަލީގެ ކޭސްތައް ފެނި އިތުރުވަމުންދާތީ އެޗްޕީއޭއިން އަންނަނީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ހިމަބިހީގެ އަލާމާތްތައް: 

  • ހުން އައުން
  • ހަމުގައި ރަތް ބިހިތަކެއް ނެގުން
  • ކެއްސުން
  • ނޭފަތުން އަރިދަފުސް ފޭބުން
  • ލޯ ރަތްވުން

ބަލި ކޮންޓްރޯލް ކުރުމަށް އެޗްޕީއޭއިން ކުރަމުން އަންނަ މަސައްކަތުގެ ތެރޭގައި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓުންގެ ތެރެއިން ހިމަބިހި ވެކްސިންގެ ދެ ޑޯޒު ފުރިހަމަނުކުރާ މީހުންނަށް ވެކްސިން ދިނުން ހިމެނެ އެވެ.

އޭގެ އިތުރުން،  ފްރަންޓްލައިންގައި މަސައްކަތްކުރާ ސިއްހީ ހިދުމަތްދޭ މުވައްޒަފުންގެ ތެރެއިން ދެ ޑޯޒު ފުރިހަމަނުކުރާ މީހުންނަށް ވެސް ވެކްސިން އަންނަނީ ދެމުންނެވެ. 

 ހުން އައިސް ގައިގައި ރަތް ބިހިތަކެއް ނަގާފައިވާ ނަމަ ލަސްނުކޮށް ސިއްހީ އެހީ ހޯދުމަށް ހޮސްޕިޓަލަށް ދިއުމަށާއި ހޮސްޕިޓަލަށް ދާއިރު މާސްކް އަޅައިގެން ދިއުމަށް އެޗްޕީއޭ އިން ވަނީ އެދިފަ އެވެ. އަދި ހިމަބިއްސަށް ޝައްކުކުރެވިގެން ޓެސްޓް ހަދައިފި ނަމަ، ނަތީޖާ ލިބެންދެން އެކަހެރިވެގެން ހުރުމާއި ބަލީގެ އަލާމާތެއް ހުރި ނަމަ ގިނަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް ވެސް ވަނީ އެދިފަ އެވެ. 

ރާއްޖެއިން ހިމަބިހި ނައްތާލީ 2017 ވަނަ އަހަރުގެ ތެރޭގަ އެވެ. އޭގެ ފަހުން، ވެސް ރާއްޖޭގައި އުޅޭ ބިދޭސީންގެ ގައިން އެ ބަލި ފެނެ އެވެ. އެކަމަކު، މި ފަހަރު ހާލަތު ގޯސްވީ ގިނަ ދިވެހިންނަށް ބަލި ޖެހުމުންނެވެ.