ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މި ދުވަސްވަރު ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވަމުން ދާތީ، އެކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އިލްތިމާސްކޮށްފި އެވެ.
އެޗްޕީއޭއިން ވަނީ ބޭރަށް ހިންގުމާއި ހޮޑުލުމުން ރައްކާތެރިވުމަށް މުހިންމު ފިޔަވަޅުތަކެއް އެޅުމަށް އެދިފަ އެވެ.
އެގޮތުން ބޭރަށް ހިންގުމުގެ އިތުރުން އެހެން އަލާމާތެއް ފެނިއްޖެނަމަ، ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުމަށް އެޗްޕީއޭން ވަނީ އިލްތިމާސް ކޮށްފަ އެވެ.
މި އަލާމާތްތައް ފެނިއްޖެނަމަ ޑޮކްޓަރަށް ދެއްކުމަށް ވަނީ އިލްތިމާސް ކޮށްފައި:
- ގިނަގިނައިން ހޮޑުލެވުން
- މާބޮޑަށް ވަރުދެރަވެ ދިޔާތަކެތި ބޭނުން ކުރެވޭ ވަރު މަދުވުން
- ބޮލަށް އެނބުރުން އެރުން
- އާދަޔާ ހިލާފަށް ކަރު ހިއްކުން
- އާދަޔާ ހިލާފަށް ބަނޑުގައި ރިއްސުން
- ލެވޭ ހޮޑުގައި ނުވަތަ ބޮޑުކަމުދާ ތަކެތީގައި ލޭގެ އަސަރު ހުރުން
- ކުޑަކަމުދެވޭ މިންވަރު މަދުވުން
އެޗްޕީއޭއިން ވަނީ ބޭރަށް ހިނގާނަމަ، ގިނަގިނައިން ލޮނު ޕެކެޓާއި ފެނާއި ސޫޕް ފަދަ ދިޔާތަކެތި ބޭނުން ކުރުމަށް އެދިފަ އެވެ.
ފާހާނާ ކުރުމަށްފަހު އަދި ކާބޯތަކެތި ތައްޔާރު ކުރުމުގެ ކުރިން ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮވުމުގެ އިތުރުން ފާހާނާ ބޭނުން ކުރުމަށްފަހު ރަނގަޅަށް ސެނިޓައިޒް ކުރުމަށް ވެސް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފަ އެވެ.
އަލާމަތްތައް ނުފެންނަތާ އެއް ދުވަސް ވަންދެން ކުދިން ސްކޫލަށް ނުފޮނުވުމަށާއި ވަޒީފާއަށް ނުނިކުތުމަށް ވެސް ވެސް އެޗްޕީއޭއިން އިލްތިމާސްކުރި އެވެ.