ގއ. ވިލިނގިލީގައި ހުންނަ އެ އަތޮޅު ތައުލީމީ މަރުކަޒުގެ ކެންޓީންގައި ވިއްކަން ބަހައްޓާފައި ހުރި ކާއެއްޗެހިތަކުގެ މަތިން މީދަލެއް ދުވާތަން ފެނިގެން އެތަން ވަގުތީ ގޮތުން އިއްޔެ ބަންދު ކޮށްފި އެވެ.
ވިލިނގިލީގެ އަމިއްލަ ފަރާތަކާ ހަވާލު ކޮށްގެން ހިންގާ ކެންޓީން މި ބަންދުކުރީ އެ ތަނުގެ ޝޯކޭސްގައި ހުރި ހެދިކާތަކުގެ މަތިން މީދަލެއް ދުވާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވެފައި ވަނިކޮށެވެ.
އެކަމާ ގުޅިގެން "މިހާރު" އިން ސުވާލު ކުރުމުން އެ ސްކޫލްގެ ޕްރިންސިޕަލް ތަމްހީދު މިއަދު ވިދާޅުވީ އެއީ އިއްޔެ ހެނދުނު ހިނގި ކަމެއް ކަމަށެވެ.
"އިއްޔެ ހެނދުނު 7:05 ގައި [މީދާ]ފެނުނީ ކާ އެއްޗެހި [ޝޯކޭސް އަށް] ނެގިތަނާ. 7:09 ގައި ތަން އެއްކޮށް ބަންދުކޮށް، ސާފުކުރަން ފަށައިފި ހުރިހާ އެއްޗިއްސެއް ނަގާފައި،" އޭނާ ވިދާޅުވި އެވެ.
ތަމްހީދު ވިދާޅުވި ގޮތުގައި، އެ ތަނުން އެއްވެސް ދަރިވަރަކު އަދި މުވައްޒަފަކު ވެސް އިއްޔެ އެއްޗެއް ނުކާކަން ޔަގީން ކުރި އެވެ.
"ހެދިކާ ހަމަ ޝޯކޭސް އަށް ނެގިތަނާ ހިނގި ކަމެއް ވީމާ އެއްވެސް މީހަކު ހެދިކާ ގަންނާކަށް ފުރުސަތެއް ނުލިބޭ،" ޕްރިންސިޕަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލުގެ ޕަބްލިކް ހެލްތާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އާ މަޝްވަރާ ކުރުމަށް ފަހު، އެންގި ގޮތަށް އަމަލު ކުރަމުން އަންނަ ކަމަށެވެ. އެ މީދާ އެތަނަށް ވަން ގޮތް ބެލުމަށް ވެސް "އިންވެސްޓިގޭޝަނެއް" ކުރިއަށް ގެންދާ ކަމަށް ތަމްހީދު ވިދާޅުވި އެވެ.
ޕްރިންސިޕަލް ވިދާޅުވި ގޮތުގައި ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ ކެންޓީނުން މީދާ ފެނުނު މައްސަލަށް ރަނގަޅަށް ބަލައި، އެ ތަން ހިންގާ ފަރާތާ މެދު ފިޔަވަޅު އަޅާނެ އެވެ. އަދި އެޗްޕީއޭއިން ވެސް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މީގެ ކުރިން މިފަދަ ކަމެއް ފާހަގައެއް ނުވޭ. އަލަށް މި ކެންޓީނުން މީދާ މި ފެނުނީ،" ތަމްހީދު ވިދާޅުވި އެވެ.