ނ. ލަންދޫގައި ހުމެއް ފެތުރި، ބަލިވާ މީހުންގެ އަދަދު އިތުރުވަމުންދާތީ ކޮވިޑާއި އިންފްލުއެންޒާއަށް ޓެސްޓުކުރަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ލަފާދީފި އެވެ. 

ލަންދޫ ސިއްހީ މަރުކަޒުގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު އާދަޔާ ހިލާފަށް އިތުރުވާން ފެށީ ހައްޖު ދުވަހުން ފެށިގެން ކަމަށެވެ.

ކުރިން ދުވާލަކު 10 ވަރަކަށް މީހުން ޑޮކްޓަރަށް ދައްކަމުންދިޔަ ނަމަވެސް، މިހާރު އެ އަދަދު 30 އަށް ވުރެ މައްޗަށް އަރާ ކަމަށާއި އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ މީހުންގެ އަދަދު ވެސް އިތުރުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އީދު ބަންދަށްފަހު މި ހަފުތާގައި ސްކޫލްތަކުގެ ކިޔެވުން އަލުން ފެށުނުއިރު، ބަލީގެ ސަބަބުން އެ ރަށު ސްކޫލަށް ހާޒިރުނުވާ ކުދިންގެ އަދަދު ވެސް ވަރަށް ބޮޑަށް ވަނީ އިތުރުވެފަ އެވެ.

އެ ރަށުގައ ފެތުރޭ ބަލީގައި ފެންނަ މައިގަނޑު އަލާމާތްތަކުގެ ތެރޭގައި ގަދަޔަށް ހުން އައުމާއި، ކެއްސުމުގެ އިތުރުން ބޮލުގައި ރިއްސުން ހިމެނެ އެވެ.

ސްކޫލަށް ހާޒިރުވާ ކުދިންގެ އަދަދު ވަރަށް މަދުވުމުން ސްކޫލް ބަންދުކުރުމުގެ ހުއްދައަކަށް ސިއްހީ މަރުކަޒުން އެޗްޕީއޭގައި އެދުނު ނަމަވެސް ލަފާދީފައި ވަނީ ބަލި ދެނެގަތުމަށް ކުރަންޖެހޭ ޓެސްޓުތައް ހެދުމަށް ފަހު ވަކި ގޮތެއް ނިންމުމަށް ކަމަށް އެ އޮފިޝަލު ވިދާޅުވި އެވެ.

އެޗްޕީއޭގެ އިރުޝާދުގެ މަތިން އިންފްލުއެންޒާ އާއި ކޮވިޑްގެ ސާމްޕަލް ނެގުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށުމަށް ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރަށުގެ ބެލެނިވެރިއަކު ބުނި ގޮތުގައި، ގާތްގަނޑަކަށް 200 އެއްހާ ދަރިވަރުން ކިޔަވަމުންދާ އެ ރަށު ސްކޫލަށް އިއްޔެ ހާޒިރުވީ 150 ކުދިންނެވެ.

ޑެންގީ އާއި އަރިދަފުސް ރޯގާ އަދި އިންފްލުއެންޒާގެ ކޭސްތައް އާންމުކޮށް ފެންނަ ވަރަށް ވުރެ އިތުރުވެފައި ވާތީ އާއި މާލެ ސަރަހައްދުން ހިމަބިހީގެ ކޭސްތަކެއް ވެސް ފެނިފައި ވާތީ އީދު ބަންދުގެ ކުރިން އެޗްޕީއޭން ވަނީ އެކަމަށް ސަމާލުވާން ވެސް އިލްތިމާސްކޮށްފަ އެވެ.

ބަލިތަކުން ރައްކާތެރިވުމަށް އެޗްޕީއޭއިން ދީފައިވާ ބައެއް އިރުޝާދު: 

  • ހުން އައިސް، ނުވަތަ ނޭވާލާ ނިޒާމުގެ ބައްޔެއްގެ އަލާމާތް ފެންނަ ނަމަ ގޭގައި މަޑުކުރުން، އާންމު އެއްވުންތަކާއި ހަރަކާތްތަކުގައި ބައިވެރިނުވުން.
  • ބަލިޖެހި ހާލަތު ގޯސްވާ ނަމަ އަވަހަށް ސިއްހީ ފަރުވާ ހޯދުން، ސިއްހީ ފަރުވާ ހޯދަން ދާއިރު މާސްކް އެޅުމާއި އާންމު ދަތުރުފަތުރުގެ ބޭނުން ނުކުރުން.
  • ހިމަބިއްސަށް ޝައްކުވެގެން ޓެސްޓް ހަދައިފި ނަމަ ނަތީޖާ ލިބެންދެން އެކަހެރިވެ ހުރުން.
  • އެއާޕޯޓް ޓާމިނަލް، ފެރީ ލައުންޖް އަދި އާންމު ދަތުުރުފަތުރު ކުރާ އުޅަނދު ފަދަ، މީހުން ގިނަ ބަންދު ތަންތަނުގައި އުޅޭއިރު މާސްކް އެޅުން. 
  • ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮވުން ނުވަތަ ސެނިޓައިޒް ކުރުން.