ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ މިއަދު ނައްތާލައިފި އެވެ. 

ފުލުހުން ބުނީ ކ. ދޫނިދޫގައި މިއަދު ނައްތާލީ އެ އިދާރާ އަށް ހުށަހަޅާފައިވާ ބަނގުރަލުގެ މައްސަލަތަކުގެ ތެރެއިން ތަހުލީލު މަރުހަލާ ނިމިފައިވާ މައްސަލަތަކުގައި ހިމެނޭ ބަނގުރަލުގެ އިތުރުން ޑްރަގް އެންފޯސްމަންޓާއި ޓޫރިސްޓު ޕޮލިސް އަދި ހުޅުމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް، ތުހުމަތުކުރެވޭ މީހެއް ނެތް ގޮތަށް ގެންގޮސްފައިވާ މައްސަލަތަކުގައި ހިމެނޭ ބަނގުރާ ކަމަށެވެ. 

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ދޫނިދޫގައި ނައްތާލުން.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ދޫނިދޫގައި ނައްތާލުން.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެއީ ޖުމްލަ 34 މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ބަނގުރަލުގެ ބްރޭންޑެޑް ފުޅީގެ 364 ފުޅި އާއި ޕެޓްފުޅީގެ ގޮތުގައި 87 ފުޅި އާއި 25 ބިޔަރު ދަޅު އަދި އެހެނިހެން ތަކެތީގެ ގޮތުގައި ހަތް އައިޓަމާ އެކު، ޖުމްލަ 483 އައިޓަމް ކަމަށް ފުލުހުން ބުންޏެވެ. 

ފުލުހުން ބުނީ ނައްތާލި އެހެނިހެން ތަކެތީގެ ތެރޭގައި ފޮތިކޮތަޅު ފަދަ ތަކެތި ވެސް ހިމޭނެ ކަމަށެވެ. 

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ދޫނިދޫގައި ނައްތާލުން.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ދޫނިދޫގައި ނައްތާލުން.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ދޫނިދޫގައި ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައި ވަނީ، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ އެއްޗެހި ނައްތާލުމުގައި އަމަލުކުރާނެ ގަވާއިދާގެ ދަށުން ފުލުހުންގެ އިންސްޕެކްޓަރު ރޭންކުން މަތީގެ އޮފިސަރަކާ އެކު، ކަމާ ގުޅޭ ތަމްރީނު ނުވަތަ މައުލޫމާތު ލިބިފައިވާ އިތުރު ހަތަރު ފުލުހުން ހިމެނޭ ޓީމަކުން ކަމަށް ފުލުހުން ބުންޏެވެ. 

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 185 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ވެސް މިދިޔަ އެޕްރީލް މަހު ވަނީ ނައްތާލައިފަ އެވެ.