ކަމެއް ހިނގައިގެން ރިޕޯޓްކުރާ ހިސާބުން އެ ކަމެއް ހިނގާ ތަނުގެ ހާލަތު ބަލަން އަވަހަށް ފޮނުވާ "ޑްރޯން އޭޒް ފާސްޓް ރެެސްޕޮންޑާ" އަންނަ އަހަރު ހިދުމަތަށް ނެރޭނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިރޭ ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ 93 ވަނަ އަހަރީ ދުވަސް ފާހަގަކުރަން އިސްކަންދަރުކޮށީގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ފުލުހުންގެ ހިދުމަތަށް އިތުރަށް އެހީތެރިވުމަށާއި ހިދުމަތުގެ ފެންވަރު މިހާރަށް ވުރެ ރަނގަޅު ކުރަން ބޭނުންވާ އެންމެ ޒަމާނީ ޓެކްނޮލޮޖީ ހޯދައި އެ ޓެކްނޮލޮޖީގެ އެހީގައި ހިދުމަތް ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅު ކަމަށެވެ. ޒަމާނީ ޓެކްނޮލޮޖީގެ އާ ތިން ވަސީލަތެއް އަންނަ އަހަރު ބޭނުންކުރަން ފަށާނެ ކަން މިނިސްޓަރު މިރޭ އިއުލާނު ކުރެއްވި އެވެ.
"މިގޮތުން ފުލުހުންގެ ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރުގައި ހުރި 911 އިމަޖެންސީ ރެންސްޕޮންސް ސެންޓަރުގެ ގާބިލުކަން އިތުރުކުރަމަށް ނެކްސްޓް ޖެނެރޭޝަން ހޯލް ހޭންޑްލިން އިކްއިޕްމެންޓާއި އެހީއަށް އެދި ގުޅާ ފަރާތުގެ ލޮކޭޝަން ވަގުތުން ދެނެގަނެވޭ ގޮތް ހަދައި އެ ހިސާބުގައި ހުންނަ ފުލުހުންގެ ކެމެރާތަކުގެ ފީޑް ވަގުތުން ފެންނަ ގޮތަށް ސިސްޓަމް އަޕްގްރޭޑް ކުރެެވިގެން ދާނެ" ހޯމް މިނިސްޓަރު ވިދާޅުވި އެވެ.
މީގެ އިތުރުން ޑްރޯން އޭޒް ފަސްޓް ރެސްޕޮންޑާ ހިދުމަތް ވެސް ކުރިއަށް އޮތް އަހަރު ތެރޭގައި ތައާރަފް ކުރެވިގެންދާނެ."
"ޑްރޯން އޭޒް ފަސްޓް ރެސްޕޮންޑާ" ހިދުމަތުން ލިބޭނެ ފަސޭހައަކީ މިނިސްޓަރު ވިދާޅުވި ގޮތުގައި ކަމެއް ހިނގައިގެން ރިޕޯޓް ކުރުމުން އެ ކަމެއް ހިނގި ތަނަށް ޑްރޯން ފޮނުވައި އެ ސަރަހައްދުގެ ހާލަތު ވީޑިއޯގެ ޒަރިއްޔާ އިން ފުލުހުންނަށް ވަގުތުން ފެންނަން ފެށުމެވެ. އެއްގަމުގައި ޓްރެފިކް ބާރު ބޮޑުވުމުގެ ސަބަބުންނާއި ކަނޑު ހުރަސްކޮށް ރަށަކަށް ދާން ހޭދަވާ ވަގުތުގެ ސަބަބުން ފުލުހުންނަށް އިޖާބަ ދެވޭ ވަރު ލަސްވިޔަސް ޑްރޯން ބޭނުންކޮށްގެން އެ ތަނެއްގެ ހާލަތު އެނގުމުން މިހާރަށް ވުރެ ފުރިހަމައަށް ހިދުމަތް ދެވޭނެ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިއާ އެކު ފުލުހުންގެ މަސައްކަތުގައި ބޭނުންކުރާ ޓެކްނޯލޮޖީ ހޯސްޓްކުރުމަށް އެންމެ ޒަމާނީ ޑޭޓާ ސެންޓަރެއް ގާއިމްކުރެވި އެ އިމާރާތުގެ އަމަލީ މަސައްކަތް މިހާރު ވަނީ ފެށިގެން ގޮސްފައި،" އިހުސާން ވިދާޅުވި އެވެ.
އެ މަސައްކަތްތައް ނިމޭއިރު ފުލުހުން ރައްޔިތުންނަށް ދޭ ހިދުމަތް އެތައް ގުނައަކަށް ފުރިހަމަވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.