މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އަމިއްލަ އިސްނެގުމުގެ މަތިން އާންމުކުރަން ޖެހޭ މައުލޫމާތު އާންމުކުރި ސަރުކާރުގެ ފުރަތަމަ ކުންފުންޏަކަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ވެއްޖެ އެވެ.

އެޗްޑީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު ނުވަތަ އާރުޓީއައިގެ ދަށުން، އަމިއްލަ އިސްނެގުމުގެ މަތިން އާންމުކުރަން ޖެހޭ ހުރިހާ މައުލޫމާތެއް އެޗްޑީސީގެ ވެބްސައިޓުގައި މިހާރު އާންމުކޮށްފައިވާ ކަމަށެވެ. އެއާ އެކު، އެޗްޑީސީ އަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެ މައުލޫމާތު ހާމަކުރި ފުރަތަމަ ކުންފުނި ކަމަށް އެ ބަޔާނުގައި ބުންޏެވެ.

އާރުޓީއައި ގާނޫނުގައިވާ ގޮތުން އިދާރާތަކުގެ ހިންގުމުގެ އޮނިގަނޑާއި ދޭ ހިދުމަތްތަކާއި އެ އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މައުލޫމާތު ހިމެނޭ ގޮތަށް ޖުމްލަ 13 ބާވަތެއްގެ މައުލޫމާތު މަދުވެގެން އަހަރަކު އެއް ފަހަރު، އާންމުންނަށް ފަސޭހައިން ލިބޭނެ ގޮތަށް ކޮންމެ އިދާރާއެއްގެ ވެސް އަމިއްލަ އިސްނެގުމުގެ މަތިން އާންމުކުރަން ވާނެ އެވެ. 

އޭގެ ތެރޭގައި، އެ އިދާރާއެއްގެ މަސްއޫލިއްޔަތުތަކާއި އޮނިގަނޑާއި ވާޖިބު އަދި އެ އިދާރާއެއްގެ އަހަރީ ބަޖެޓާއި ކުރަން ރާވާފައިވާ ހަރަދުތަކާއި އެ އިދާރާއެއްގެ މުވައްޒަފުންނަށް ވަކިވަކިންދޭ އުޖޫރައިގެ އިތުރުން، އެ އިދާރާއެއްގެ ނިންމުންތައް ނިންމުމަށް އޮންނަ މަރުހަލާ ނުވަތަ ޒިންމާކުރުން ރޭވިފައި އޮންނަ ގޮތްތައް ހިމެނެ އެވެ. 

އެޗްޑީސީން ބުނީ މިއީ ރައްޔިތުންގެ މަސްލަހަތަށްޓަކާ، މަދުވެގެން އަހަރަކު އެއްފަހަރު އާންމުކުރަން ޖެހޭ މައުލޫމާތަކަށް ވާއިރު، އެޗްޑީސީގެ ރަސްމީ ވެބްސައިޓުގައި އެކަމަށް ހާއްސަ އިންފޮމޭޝަން ޑައިރެކްޓްރީއެއް ގާއިމުކޮށް، އެ ހުރިހާ މައުލޫމާތެއް އާންމުންނަށް ބެލޭނެހެން އާންމުކޮށްފައިވާ ކަމަށެވެ. އަދި މިގޮތަށް މައުލޫމާތު އާންމުކުރި ފުރަތަމަ ސަރުކާރު ކުންފުންޏަކަށް އެޗްޑީސީ ވުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު ފަހުރެއް ކަމަށް އެ ބަޔާނުގައިވެ އެވެ.  

"އެޗްޑީސީން އަބަދުވެސް މަސައްކަތް ކުރަނީ ވީހާ ވެސް ހާމަކަން ބޮޑު ގޮތެއްގައި ކުންފުނީގެ ކަންކަން ރާވައި، ރައްޔިތުންނަށް ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށެވެ،" އެ ކުންފުނިން ބުންޏެވެ. 

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން، އާރުޓީއައިއަކާ ނުލައި ވެސް ސަރުކާރުގެ އިދާރާތައް ނުވަތަ މިނިސްޓްރީތަކުގެ އިތުރުން ރައީސް އޮފީހުން ކޮންމެހެން ހާމަކޮށްފައި ހުންނަން ޖެހޭ މައުލޫމާތު އެ ހުރިހާ އިދާރާއަކުން ތާރީހުގައި ފުރަތަމަ ފަހަރަށް ހާމަކުރި ކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން މި މަހު ކުރީކޮޅު ވަނީ ބުނެފަ އެވެ. 

ތަފާސްހިސާބާ އެކު، އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު މި މަހު ކުރީކޮޅު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އިދާރާތަކުން އަމިއްލައަށް އިސްނަގައިގެން އާންމުކުރަން ޖެހޭ މައުލޫމާތު ނުވަތަ ޕްރޯއެކްޓިވް ޑިސްކްލޯޒާގެ އެވްރެޖު 100 ޕަސެންޓު ރައީސް އޮފީހާއި މި ސަރުކާރުގެ 16 މިނިސްޓްރީއަކުން މިހާރު ހާސިލުކޮށްފައިވާ ކަމަށެވެ.