މި ސަރުކާރުގެ އެންމެ ބޮޑު ވައުދު ކަމަށްވާ ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް ހިއްކަމުން އަންނަ ރަސްމާލޭގެ މާސްޓަޕްލޭން ހަދައިދޭނެ ބަޔަކު ހޯދަން ބީލަމަށް މިއަދު ހުޅުވާލައިފި އެވެ.
ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ރަސްމާލޭގެ މާސްޓަޕްލޭން ތައްޔާރުކުރުމުގެ ކޮންސަލްޓަންސީ ހިދުމަތަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިހާރު އާންމުކޮށް ހުޅުވާލާފައިވާ ކަމަށެވެ.
މި ބީލަމާ ގުޅޭ ގޮތުން ބާއްވާ ޕްރީ-ބިޑް ބައްދަލުވުމެއް ނޯންނާނެ ކަމަށާއި ބީލަމަށް ޕްރޮޕޯސަލް ތައްޔާރުކުރުމުގައި އިތުރު މައުލޫމާތެއް ނުވަތަ ސާފުކުރަން ބޭނުންވާ ކަމެއްވާ ނަމަ، އަންނަ އާދިއްތަ ދުވަހު މެންދުރު ފަހު 2:00 ގެ ކުރިން [email protected] އީ-މެއިލް ކުރުމަށް އެދޭ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ އިއުލާނުގައި ބުނި ގޮތުގައި ބީލަން ހުށަހަޅަން ވާނީ އެ އިއުލާނާ އެކުގައިވާ ޓާމްސް އޮފް ރިފަރެންސާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އަދި ބީލަން ހުށަހެޅުން އޮންނާނީ އަންނަ މަހު 13 ވަނަ ދުވަހު ހެނދުނު 10:00 ގައި މިނިސްޓްރީގެ އިދާރާ ހިންގާ ދަރުބާރުގޭގައި ކަމަށް ވެސް އެ އިއުލާނުގައި ބުންޏެވެ.
ޓާމްސް އޮފް ރިފަރެންސްގައިވާ ގޮތުން މި ބީލަމުގައި ބައިވެރިވެވޭނީ ކުންފުނިތައް ރަޖިސްޓްރީ ކުރުމުގެ ގާނޫނުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކަށާއި ކޯޕަރޭޓިވް ސޮސައިޓީގެ ގާނޫނުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކޯޕަރޭޓިވްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.
ބީލަމަށް އަގު ހުށަހަޅަން ވާނީ ދިވެހި ރުފިޔާއިން ކަމަށްވާއިރު، 250,000ރ.ގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅަން ޖެހެ އެވެ. ބީލަން ކާމިޔާބުވުމަށް ފަހު ބީލަން ކެންސަލްކޮށްފި ނަމަ ބިޑް ސެކިއުރިޓީ ދައުލަތަށް ނެގޭނެ އެވެ. އަދި ބީލަމުގެ އަގު 500,000ރ. އަށް ވުރެ ބޮޑު ނަމަ، ސަރުކާރު ގަބޫލުކުރާ ބޭންކަކުން ޕާފޯމަންސް ގެރެންޓީއެއް ހުށަހަޅަން ޖެހޭނެ އެވެ.
ވިޔަފާރި އުފެދުނުތާ އަހަރެއް ނުވާ ފަރާތްތަކުން ބޭންކް އެކައުންޓް ސްޓޭޓްމަންޓް ހުށަހަޅަން ޖެހޭއިރު، އެކައުންޓުގައި މަދުވެގެން 100,000ރ. ހުންނަން ޖެހޭނެ އެވެ. މީގެ އިތުރުން ފާއިތުވި ތިން އަހަރުގެ މާލީ ބަޔާންތައް ހުށަހަޅަން ޖެހެ އެވެ.
ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ހޯދަން ހިއްކަމުންދާ ރަސްމާލޭގައި ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް މާސްޓާޕްލޭނެއް ހަދަން ކޮންސަލްޓެންސީ ދޭނެ ބަޔަކު ހޯދަން ވެސް ސަރުކާރުން މިދިޔަ އަހަރު ޑިސެމްބަރުގައި އިއުލާންކުރި އެވެ.
އެޗްޑީސީން ހިސާބުތަކުން ދައްކާ ގޮތުގައި 1،150 ހެކްޓަރު ހިއްކަން ނިންމާފައިވާ ރަސްމާލޭގެ 43 ޕަސެންޓު ބިން މިހާރު ވަނީ ހިއްކާ ނިމިފަ އެވެ.
މި ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ފުރަތަމަ ބުރުގައި ރަސްމާލެއިން 15،000 ގޯތި ދޭން ވަނީ ނިންމައިފަ އެވެ.