ގދ. ތިނަދޫގައި ހުންނަ 'އަލިހަވާ ޓްރޭޑާސް' ފިހާރައިގެ ފުރާޅުން ޓިނު ނަގައި، ސީލިންގު ހަލާކުކޮށްލައިގެން ވަދެ، އެ ފިހާރައިގެ ކޭޝް ކައުންޓަރުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި ކަމުގެ ތުހުމަތުވި މީހަކު ސަލާމަތްވެއްޖެ އެވެ. 

މިދިޔަ އާދީއްތަ ދުވަހު ކުރި ހުކުމުގައި ބުނެފައިވާ ގޮތުން އޭޕްރީލް 4، 2024 ގެ އިރު އޮއްސި 7:43 ހާއިރު ފުރާޅުން ޓިނު ނަގައި އަދި ސީލިންގު ފަޅާލައިގެން ވަދެ ފިހާރައިގެ ކޭޝް ކައުންޓަރުގައި ހުރި 80,000 ދިވެހި ރުފިޔާ އާއި 1,200 އެމެރިކާ ޑޮލަރު ވަނީ ވަގަށް ނަގައިފަ އެވެ.

ފިހާރައިގެ ސީސީޓީވީން ފެނުނު މީހާ ކަމަށް ބުނެ އެ ރަށު މީހެއްގެ މައްޗަށް ތިން ދައުވާއެއް މި މައްސަލާގައި ކުރި އެވެ. އެއީ

  1. އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ.
  2. އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާ.
  3. މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ދައުވާ.

ނަމަވެސް ދައުވާ ލިބުނު މީހާ ވަނީ އޭނާ އެ ވައްކަން ކުރި ކަމަށް ޝަރީއަތުގައި އިންކާރުކޮށްފަ އެވެ. 

ދައުވާ ސާބިތުނުވުމަށް މެދުވެރިވި މައިގަނޑު ސަބަބުތަކަކީ:

  • ފިންގަޕްރިންޓް ދިމާނުވުން: ހާދިސާ ހިނގި ސަރަހައްދުގެ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި ކުށުގެ އަމަލު ހިންގާ މީހާ ހަރަކާތްތެރިވަނީ އަތަށް އަންގިއެއް ފަދަ އެއްޗެއް ނުލަ އެވެ. ފުލުހުން ވަނީ ފިހާރައިގެ ކައުންޓަރުގެ ވަތްގަނޑުގެ އެކި ދިމާތަކުންނާއި، ހަލާކުކޮށްލާފައިވާ ސީލިންގުން ފިންގަޕްރިންޓް ސާމްޕަލް ނަގައިގެން ތަހުލީލުކޮށްފަ އެވެ. ނަމަވެސް، އެ ތަނުން ފެނުނު އެއްވެސް ފިންގަޕްރިންޓެއް، ދައުވާ ލިބުނު މީހާގެ ފިންގަޕްރިންޓާ ދިމާނުވާކަން ދައުލަތުން ހުށަހެޅި ލިޔުމުން އެނގެ އެވެ.
  • ސީސީޓީވީ ފުޓޭޖުން ކާކުކަން ކަށަވަރުނުވުން: ފިހާރައިގެ ކައުންޓަރުގައި ވައްކަންކުރާތަން ސީސީޓީވީން ފެނުނަސް، އެ ފުޓޭޖުން ފެންނަ މީހަކީ މި މައްސަލާގައި ދައުވާ ލިބޭ މީހާކަން  އެކަށީގެންވާ މިންވަރަށް ޝަރީއަތަށް ކަށަވަރުކޮށްދެވިފައި ނުވާ ކަމަށް ވަނީ ނިންމައިފަ އެވެ. އެއީ ވީޑިއޯ އެނަލިސިސް ރިޕޯޓްގައި، ދައުވާ ލިބޭ މީހާ އާއި ފުޓޭޖުން ފެންނަ މީހާއާ އެއްގޮތް ސިފަތަކެއް ބަޔާންކޮށްފައި ވިޔަސް ޝައްކެއް ނެތި ސާބިނުވާ ކަމަށް ބަލައިފަ އެވެ. 
  • ވަގަށް ނެގި ފައިސާ ފެނިފައި ނުވުން: ފިހާރައިން ވަގަށް ނެގި ކަމަށް ބުނާ ފައިސާގެ އެއްވެސް މިންވަރެއް މި މައްސަލައިގައި ދައުވާ ލިބުނު މީހާގެ އަތުން ނުވަތަ އޭނާއާ ގުޅުން ހުރ އެއްވެސް ތަނަކުން ވެސް ފެނިފައެއް ވެސް ނުވެ އެވެ. 

މި ސަބަބުތަކަށް ރިއާޔަތްކޮށް، ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އިންސާން ނިންމެވީ ދައުލަތުން ކުރި ތިން ދައުވާ، ގާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތް މިންވަރަށް ޝަރީއަތަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ.