ރާއްޖެއަށް އައި އިރު ޕެޑެއްގެ ތެރޭގައި ޑްރަގް ގެނައި މީހުންނަށް ޓިކެޓް ގަނެދިނީ މީހަކު ބުނެގެން ކަމަށާއި އެކަން ކުރީ ކްރެޑިޓް ކާޑަށް ޕޮއިންޓް ހޯދަން ވެސް ބޭނުންވެގެން ކަމަށް، ޓިކެޓު ގަނެދިން މީހާ ބުނެފި އެވެ.

އެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ މ. ލިއޯނިސް، އަބްދުﷲ ތޯއިފް، 32، އެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ކޯޓަށް ހާޒިރުކުރުމުން ވަނީ 30 ދުވަސް ދީފަ އެވެ.

އަމުރުގައިވާ ގޮތުން ތޯއިފްގެ ފަރާތުން ބުނެފައި ވަނީ އެ މައްސަލާގައި ހިމެނޭ މީހުންގެ ޓިކެޓް އޭނާގެ ކްރެޑިޓް ކާޑުން ގަނެދީފައިވާނެ ކަމަށާއި އެކަމަކު އެއީ މީހަކު ބުނެގެން، އޭނާ ވެސް ޕޮއިންޓު ހޯދަން ބޭނުންވެގެން ކަމަށެވެ. ނަމަވެސް އެއީ ކާކު ބުނެގެން ނެގި ޓިކެޓެއް ކަމެއް ތޯއިފަށް ބުނެދެވިފައި ނުވާކަން އަމުރުގައި ފާހަގަކޮށްފައިވެ އެވެ.

އަމުރުން އެނގޭ ގޮތުގައި، ޕެޑްގައި ފޮރުވައިގެން ގެނައި ޑްރަގާ ހަވާލުވަނީ ކާކުތޯ ބަލަން ހިންގި ކޮންޓްރޯލް ޑެލިވަރީގައި އެ ތަކެއްޗާ ހަވާލުވީ ވެސް ތޯއިފެވެ. އެކަމަކު އެކަން މެދުވެރިވި ސަބަބު ވެސް ކޯޓުގައި ބުނެދެވިފައި ނުވާ ކަމަށް އަމުރުގައިވެ އެވެ.

ރާއްޖެއަށް އައި އިރު ޕެޑެއްގެ ތެރޭގައި މަސްތުވާތަކެތި ގެނައި މައްސަލާގައި ހައްޔަރުކުރީ މއ. މޯނިން ވިއު، އާމިނަތު ޝަފަގު، 32، އެވެ.

މިދިޔަ އޭޕްރީލް މަހު ފަހުކޮޅު ހައްޔަރުކުރި ޝަފަގު އޭރުއްސުރެ ހުރީ ބަންދުގަ އެވެ. ޝަފަގުގެ ބަންދަށް އިތުރު 15 ދުވަސް މިދިޔަ އަންގާރަ ދުވަހު ވަނީ ދީފަ އެވެ.

އޭނާ ލައިގެން ހުރި ޖިންސާއި ހަށިގަނޑާ ދޭތެރެއިން ދެ ޕެޑް ނަގައި ދިނުމުން ބަލައި ފާސްކުރި އިރު އެ ދެ ޕެޑު ދޭތެރޭގައި ފޮރުވާފައި އޮތް ޕްލާސްޓިކް ކޮތަޅެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ހުރި 30 ރަބަރު ކޮތަޅު ފެނިފައިވެ އެވެެ.

ކޮންޓްރޯލް ޑެލިވަރީގެ ބޭނުމަށް އެ ތަކެތި ސަބްސްޓިޓިއުޓް ބޭނުންކޮށްފައިވާ ކަމަށާއި އެ ތަކެތި އެތެރެކުރުމުގައި އޭނާއާ އެކު ބައިވެރިވި ފަރާތުން ދިން އިރުޝާދާ އެކު އެ ފެނިފައިވާ ތަކެތި އެހެން ފަރާތަކަށް ހަވާލުކުރި ކަމަށް ވެސް އަމުރުގައިވެ އެވެ. 

މަސްތުވާތަކެތީގެ ތަހުލީލީ ނަތީޖާ ދައްކާ ގޮތުން ޑައިމޯފިނަށް ޕޮޒިޓިވްވި ތަކެތީގެ ބަރުދަނުގައި 29.19 ގްރާމް ހުއްޓެވެ. ކުޑަކަމުދާ ތަކެތި ވެސް ބެންޒޯޑާއިޒީޕައިން އާއި ކެނަބިސް އަށް ޕޮޒިޓިވްވެފައިވެ އެވެ.