ކެންސަރަށް ފަރުވާ ކުރުމަށް ބޭނުންކުރާ "ޑަޒަލެކްސް" ނަމަކަށް ކިޔާ ބޭހެއްގެ ފޭކް ބެޗުތަކެއް އުޅޭކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އަށް ރާއްޖޭގެ ހެލްތު މިނިސްޓްރީން އެންގިއިރު އެ ބޭހަކީ ރާއްޖޭގެ އެއްވެސް ބޭސް ފިހާރައެއްގައި ވިއްކި ބޭހެއް ނޫން ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ. 

"ޑާޒަލެކްސް" އަކީ ކަށީގެ މަދު (ބޯންމެރޯ) ގެ ކެންސަރުގެ ބާވަތެއް ކަމަށްވާ "މަލްޓިޕަލް މައިލޯމާ" އާއި ލޭގެ ބައްޔެއް ކަމަށްވާ "އެމިލޮއިޑޯސިސް" އަށް ފަރުވާ ކުރުމަށް ބޭނުންކުރާ އެންޓިބޮޑީއެކެވެ.

އޭގެ ފޭކް އިންޖެކްޝަން ރާއްޖެ އާއި މެކްސިކޯ އިން ވެސް ފެނިފައިވާ ކަމަށް ޑަބްލިއުއެޗްއޯ އިން ނެރެފައިވާ އެލާޓުގައިވެ އެވެ. 

ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިޝަލް "މިހާރު" އަށް ވިދާޅުވީ ރާއްޖޭގެ އެއްވެސް ބޭސް ފިހާރައެއްގައި އެ ބޭސް ނެތް ކަމަށާއި އަދި ވިއްކާފައި ވެސް ނުވާ ކަމަށެވެ. 

"އެހެންވެ އެ ޔަގީންކަން ދެން ރާއްޖޭގެ އެއްވެސް ބޭސް ފިހާރައެއްގައި އެ ބޭހެއް ނެތް އަދި ނުވެސް ވިއްކަން،" އޮފިޝަލް ވިދާޅުވި އެވެ.

އެ ފޭކް އިންޖެކްޝަނަކީ ރާއްޖެއިން ބޭރަށް ކެންސަރުގެ ފަރުވާއަށް ދިޔަ މީހެއްގެ ޕްރިސްކްރިޕްޝަނަށް ގެނައި އެއްޗެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އޭނާ ވިދާޅުވި ގޮތުގައި އެ ޖެހުމުގެ ކުރިން ޑޮކްޓަރަށް ދެއްކުމުގެ މަރުހަލާގައި އެކަން ފާހަގަވެގެން ޓެސްޓުކުރުމުން އެއީ ފޭކް އިންޖެކްޝަނެއްކަން އެނގުނީ އެވެ. 

އޭނާ ވިދާޅުވި ގޮތުގައި އެ ޕޭޝަންޓުގެ ގަޔަށް ވެސް އެ އިންޖެކްޝަން ޖަހައިފައެއް ނުވެ އެވެ. 

ކެންސަރުގެ ފޭކް އިންޖެކްޝަން ފެނިގެން ރާއްޖެއިން އެކަން ޑަބްލިއުއެޗްއޯއަށް ރިޕޯޓުކުރުމުން، ރާއްޖޭގެ މޮނިޓަރިން ވަރުގަދަކަން އަންގައިދޭ ކަމަށާއި އެކަމާ ދިވެހިން ފަހުރުވެރިވާން ޖެހޭ ކަަމަށް އޮފިޝަލް ވިދާޅުވި އެވެ. 

ރާއްޖެ ކަހަލަ ކުޑަ ގައުމަކުން އަމިއްލައަށް އެކަން ރިޕޯޓުކުރުމަކީ ރާއްޖޭގައި ބޭސްތައް ޓެސްޓުކުރުމުގެ ނިޒާމު ހަރުދަނާކަން ހާމަވާ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ. އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއަށް އެކަން އެންމެ ފުރަތަމަ ރިޕޯޓުކުރި ގައުމަކީ ވެސް ރާއްޖެ ކަމަށް އޭނާ ވިދާޅުވި އެވެ. 

ތަފާތު ބާވަތްތަކުގެ ކެންސަރު ބައްޔަށް ފަރުވާ ކުރުމުގައި މުހިންމު ދައުރެއް އަދާކުރާ އެ ބޭހުގެ ފެންވަރު ދަށް އުފެއްދުންތަކެއް ދައުރުވުމަކީ ބަލިމީހުންނަށް ދޭންޖެހޭ ފަރުވާ ލަސްވުމާއި ފަރުވާ ކާމިޔާބު ނުވުމާއި އަދި ފުރާނައަށް ނުރައްކާވާ ފަދަ ނަތީޖާތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށް ޑަބްލިއުއެޗްއޯގެ އެލާޓްގައިވެ އެވެ. 

ޑަބްލިއުއެޗްއޯއިން ވަނީ ސިއްހީ އުފެއްދުންތަކެއްގެ ނަމުގައި އޮޅުވާލައިގެން ބާޒާރަށް ނެރެފައިވާ އެ ބެޗްތަކުގެ ނަމްބަރުތަކެއް ދެނެގަނެފަ އެވެ. އަދި އެ ބޭސް އުފައްދާ ކުންފުނި ކަމަށްވާ ޖޭންސެންއާ ހަވާލާދީ ޑަބްލިއުއެޗްއޯއިން ބުނީ ގޮތުގައި MYS7381 އަދި STV1K01 ނަމްބަރު ޖަހާފައިވާ އެ ބޭހުގެ ބެޗްތަކަކީ ސައްހަ ބެޗްތަކެއް ނޫނެވެ.

އެހެންކަމުން "ޑާޒަލެކްސް" ބޭހުގެ އެ ނަމްބަރުތައް ޖަހާފައިވާ ބޭސް ބޭނުން ނުކުރުމަށް ވަނީ އަންގަައިފަ އެވެ.