މާލޭ ސިޓީ ކައުންސިލުން ބޭއްވި ހަރަކާތެއްގައި ވިލިމާލޭގެ އެކި ސަރަހައްދުތަކުން ޖުމްލަ 37.7 ޓަނުގެ ކުނި ނަގައިފި އެވެ.
ސިޓީ ކައުންސިލުން މިއަދު ބުނީ ވިލިމާލޭގެ ތިމާވެށި ރައްކާތެރިކޮށް، ސާފުތާހިރުކޮށް ބޭއްވުމުގެ މަގުސަދުގައި މިިދިޔަ ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ އެ ހަރަކާތުގައި އެކި ސަރަހައްދުތަކުން 37.7 ޓަނުގެ ކުނި ނަގައި ސާފުކޮށްފައިވާ ކަމަށެވެ.
އެ ހަރަކާތުގައި މާލޭގެ މޭޔަރު އާދަމް އާޒިމާއި ވިލިމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ސަމާހް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މީގެ އިތުރުން ސިޓީ ކައުންސިލްގެ އަންހެނުންގެ ކޮމިޓީގެ މެންބަރުންނާއި ސިޓީ ކައުންސިލްގެ އިސްވެރިންނާއި ވިލިމާލެ ސެކްޝަނުގެ ހުރިހާ މުވައްޒަފުންގެ އިތުރުން ވިލިމާލެ ޕޮލިސް ސްޓޭޝަނުން ވެސް އެ ހަރަކާތުގައި ބައިވެރިވި އެވެ.
ސިޓީ ކައުންސިލުން ބުނި ގޮތުގައި، އެ ހަރަކާތުން ފާހަގަވި އެންމެ މުހިންމު އެއް ކަމަކީ، ވިލިމާލެ ފަދަ ރީތި ރަށެއް ސާފުތާހިރުކޮށް ބޭއްވުމަށް އަދި ވެސް ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމެވެ.
ގިނަ އަދަދެއްގެ ކުނި ނެގިޔަސް، ރަށުގެ ސާފުތާހިރުކަން ދެމެހެއްޓުމަށް ކުރިޔަށް އޮތް ތަނުގައި އާންމުންގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގެ އާންމު ތަންތަނަށާއި މޫދަށް ކުނި އަޅާ މައްސަލަ ވަރަށް ބޮޑެވެ.
ހުޅުމާލެ ބަލަހައްޓާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިދިޔަ މަހު ބުނެފައިވާ ގޮތުގައި، އެ ކުންފުނިން ކުރިއަށް ގެންދާ ކުނި މެނޭޖްކުރުމުގެ ހާއްސަ އޮޕަރޭޝަންތަކުގެ ދަށުން ހުޅުމާލޭގެ އާންމު އެކި ތަންތަނުން، މިދިޔަ ފެބްރުއަރީ މަހުން ފެށިގެން މިދިޔަ މެއި މަހުގެ ނިޔަލަށް 521 މެޓްރިކް ޓަނުގެ ކުނި ނަގާފައިވެ އެވެ.