މަސްތުވާތަކެތީގެ ސަބަބުން ރާއްޖޭގެ އެތައް ޖީލެއްގެ ހަގީގީ ގާބިލުކަން ގެއްލިފައިވާ ކަމަށާއި، އެހެންވެ މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމާއި އެއާ ދެކޮޅަށް ގާނޫނު ތަންފީޒު ކުރުމަކީ ފުލުހުން އެންމެ ބޮޑު އިސްކަމެއް ދޭނެ ކަންތައް ކަމަށް ކޮމިޝަނަ އޮފް ޕޮލިސް އަހްމަދު މުހައްމަދު އިއްޔެ ވިދާޅުވެއްޖެ އެވެ.

ޕޮލިސް ކޮމިޝަނަރު މިހެން ވިދާޅުވީ، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ބިއުރޯ އޮފް އިންޓަނޭޝަނަލް ނާކޮޓިކްސް އެންޑް ލޯ އެންފޯސްމަންޓް އެފެއާޒް (އައިއެންއެލް) އިން ފަންޑުކޮށް، ޔޫއެންއޯޑީސީގެ އެހީތެރިކަމާ އެކު ފުލުހުންނަށް ހަދިޔާކުރި 150 "ޑްރަގް އެންޑް ޕްރިކާސާ ފީލްޑް ޓެސްޓިން ކިޓް" ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި ތަކެތީގެ ޖުމްލަ އަގު ގާތްގަނޑަކަށް 24،000 އެމެރިކާ ޑޮލަރު(370،080ރ.) އަށް އަރަ އެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮމިޝަނަރު ފާހަގަކުރެއްވި ގޮތުގައި، މަސްތުވާތަކެތީގެ ނެޓްވޯކްތައް ރޫޅާލުމަށްޓަކައި ބައިނަލްއަގުވާމީ ވަރުގަދަ ގުޅުންތަކާއި، ހުނަރުވެރި އޮފިސަރުންގެ އިތުރުން ޒަމާނީ ވަސީލަތްތައް ބޭނުންވެ އެވެ. އަދި މި ހަދިޔާކުރި ކިޓްތަކަކީ ހަމައެކަނި އަދަދެއް ނޫން ކަމަށާއި، މިއީ ގައުމުތަކުގެ މެދުގައި އޮތް އިތުބާރާއި، ގުޅުމާއި، މަސްތުވާތަކެއްޗާ ދެކޮޅަށް ގުޅިގެން މަސައްކަތް ކުރުމަށް އޮތް އަޒުމުގެ ރަމްޒެއް ކަމަށް ވެސް ވިދާޅުވި އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ބިއުރޯ އޮފް އިންޓަނޭޝަނަލް ނާކޮޓިކްސް އެންޑް ލޯ އެންފޯސްމަންޓް އެފެއާޒުން ފުލުހުންނަށް ޑްރަގް ޓެސްޓް ކިޓް ހަދިޔާކުރުމުގެ ރަސްމިއްޔާތުގައި ތަކެއްޗާ އެކު ފޮޓޯއަކަށް ހުއްޓިގެން. -- ފޮޓޯ: ޕޮލިސް
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ބިއުރޯ އޮފް އިންޓަނޭޝަނަލް ނާކޮޓިކްސް އެންޑް ލޯ އެންފޯސްމަންޓް އެފެއާޒުން ފުލުހުންނަށް ޑްރަގް ޓެސްޓް ކިޓް ހަދިޔާކުރުމުގެ ރަސްމިއްޔާތުގައި ތަކެއްޗާ އެކު ފޮޓޯއަކަށް ހުއްޓިގެން. -- ފޮޓޯ: ޕޮލިސް

މި ކިޓްތަކުގެ އެހީގައި، ކުށުގެ ވެށީގައި، ޝައްކުކުރެވޭ މަސްތުވާތަކެއްޗާއި ކެމިކަލްތައް ހުރި ތަނުން ވަގުތުން ޓެސްޓްކޮށް ދެނެގަނެވޭނެ އެވެ. އެހެންވެ މީގެ ސަބަބުން، ތަހުގީގުތަކަށް ދިމާވާ ލަސްތައް ފިލައި، މައްސަލައިގެ ކުރީކޮޅުގައި ވަރުގަދަ ހެކި ހޯދުމަށް ފަސޭހަވާނެ ކަމަށް ފުލުހުން ބުންޏެވެ.

މިއީ ފުލުހުންގެ "ސްޓްރެޓީޖިކް ޕްލޭން 2024-2028" ގައި ހިމެނޭ މުހިންމު ތިން ލަނޑުދަނޑިއަކާ ސީދާ ގުޅުންހުރި ކަމެކެވެ. އެއީ ތަހުގީގީ ގާބިލުކަން އިތުރުކުރުމާއި، ދުވަހުން ދުވަހަށް ކުރާ ފުލުހުންގެ މަސައްކަތްތަކުގައި ސައިންސާއި ޓެކްނޮލޮޖީގެ ބޭނުން ހިފުމުގެ އިތުރުން، ބޯޑަރު ހުރަސްކޮށް ހިންގާ ޖަރީމާތަކާ ދެކޮޅަށް ބައިނަލްއަގުވާމީ ބައިވެރިންނާ ގުޅިގެން މަސައްކަތް ކުރުމެވެ.

މި ރަސްމިއްޔާތުގައި ޔޫއެންއޯޑީސީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހެޑް އޮފް އޮފީސް އެންރީކޯ ބޮނިންސެގްނާ އާއި އެމެރިކާ އެމްބަސީގެ ރީޖަނަލް ސެކިއުރިޓީ އޮފިސަރު މިހްޔާރު އަލްނިފައިދީގެ އިތުރުން ޑިޕްލޮމޭޓުންނާއި، ޔޫއެންއޯޑީސީގެ އޮފިޝަލުން އަދި ފުލުހުންގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގަތެވެ.

ކޮމިޝަނަރު ވަނީ މި އެހީއަށްޓަކައި، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓަށާއި ޔޫއެންއޯޑީސީއަށް ޝުކުރު އަދާކުރައްވައި، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ބައިނަލްއަގުވާމީ މިފަދަ ގުޅުންތައް ދެމެހެއްޓުމުގައި ފުލުހުން ދެމިތިބޭނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.