ވިނަރެސް ފުލެޓުތަކުގެ ކަރަންޓު ފޮށިތަކަށް ގެއްލުންދީ، ލޮއިނަރު ވަގަށް ނެގި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފި އެވެ.

ވިނަރެސް ނުވަ ވަނަ ޓަވަރުގެ ދެވަނަ ފްލޯގައި ހުރި ކަރަންޓު ފޮށިތަކަށް ގެއްލުންދިން ކަމުގެ ތުހުމަތުގައި ހައްޔަރުކުރީ ފުލުހުން ބުނި ގޮތުގައި ގދ. ތިނަދޫ، ލުކިންގްލާސް، ނަސްރުﷲ ޝަކީލް ހުސައިން، 38، އެވެ.

ފުލުހުން ބުނީ މިދިޔަ އާދިއްތަ ދުވަހު ރިޕޯޓުކުރި މައްސަލާގައި އެ މީހާ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ އިއްޔެ ކަމަށެވެ. 

އެ މައްސަލަ ހުށަހެޅުމާ އެކު، ފުލުހުން އެ ތަނަށް ގޮސް ބެލިއިރު، ކަރަންޓު ފޮށިތަކަށް ގެއްލުންދީ، އާތު ނަރުތައް ބުރިކޮށް އަދި ކޮޕާ ފޮތިތައް ވަގަށް ނަގާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ނަސްރުﷲގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބަހއްޓަން އަމުރު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން އެ މައްސަލަ ތަހުގީގު ކުރަމުން އަންނައިރު މިދިޔަ ހޮނިހިރު ދުވަހު ހާޑްވެއާ ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައި، އެ ފިހާރައިން ލޮއިނަރު ރޯލުތައް ވަގަށް ނެގި ދެ މީހަކު ވެސް ވަނީ ހައްޔަރު ކޮށްފަ އެވެ.