މާލެ ސާފުކޮށް ބޭއްވުމަށް ކައުންސިލުން ކުރަމުން އަންނަ މަސައްކަތުގައި މިދިޔަ ހަ މަސްދުވަހު، މަގުތަކުން 4،375 ޓަނުގެ ކުނި ނަގާގައިވާ ކަމަށް ބުނެފި އެވެ.

ރޭ މާލެ ސިޓީ ކައުންސިލްގެ ބައްދަލުވުމުގައި ދެއްކި ވީޑިއޯ ރިޕޯޓެއްގައި ބުނީ ރައްކާތެރިކަމާ އެކު ކުނި ނައްތާލުމާއި ދުވަހުން ދުވަހަށް އުފެދޭ ކުނި ގިނަވިޔަ ނުދީ ނައްތާލުމަށް ކައުންސިލުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމަށެވެ.

މި މަސައްކަތުގެ ދަށުން، މާލޭގެ މަގުތައް ކުނިކަހައި ސާފުކުރުން މެދުނުކެނޑި ކުރިއަށްދާކަން ކައުންސިލުން ފާހަގަކުރި އެވެ.

ކުނީގެ މައްސަލައަކީ ހައްލުކުރަން އެންމެ އުނދަގޫ އެއް މައްސަލަކަން ފާހަގަކޮށް ކައުންސިލުން ބުނީ އެއީ ތަނެއްގައި ދިރިއުޅޭ ރައްޔިތުންގެ ވިސްނުމާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެއް ކަމަށެވެ. 

މާލޭގެ އާންމު ތަންތަނަށް ކުނި އަޅާ މީހުން ހޯދައި އެ މީހުންނާ މެދު ފިޔަވަޅު އެޅުމަށް ކައުންސިލުން މި ފަހުން މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. ކުނި އަޅާ މީހުން އެނގޭ ނަަމަ އެކަން އެންގުމަށާއި އެފަދަ ކަންކަން ކުރާ މީހުންގެ ވީޑިއޯ އާންމުކުރުން ފަދަ ކަންކަން ވެސް ކައުންސިލުން ކުރެ އެވެ. 

ކައުންސިލުން ވަނީ މިދިޔަ ހަ މަސް ދުވަހު 45 މިސްކިތެއްގައި މަރާމާތުގެ ތަފާތު އެކި މަސައްކަތްތައް ނިންމާފައި ކަމަށް ވެސް ރިޕޯޓްގައި ބުންޏެވެ.

ކައުންސިލުން ކުރި އެހެން މަސައްކަތްތަކުގެ ތެރޭގައި، މާލޭގައި އާންމުކޮށް މީހުން ވަޅުލުމަށް ބޭނުންކުރާ ދެ ސަހަރާ ފުރުމުން، ހުޅުމާލޭ ސަހަރާއަށް 17,255 އަކަފޫޓުގެ ބިން އިތުރުކުރުމާއި މައްޗަންގޮޅި އާ ސަހަރާގައި ވެސް އިތުރު މީހުން ވަޅުލެވޭ ގޮތަށް ޖާގަ ވަނީ އިތުރުކުރުން ހިެނޭ ކަމަށް ވެސް ބުންޏެވެ.