މާލޭ ސިޓީ ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމަންޓް ޔުނިޓަށް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ރިޕޯޓުކުރި މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ މަގުތަކަށް ކުނި އެޅުމުގެ މައްސަލަ ކަމަށް އެތަނުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފި އެވެ. 

އެ ޔުނިޓުން އާންމުކޮށްފައި ވަނީ މިދިޔަ ޖުލައި 26 އިން ފެށިގެން އޮގަސްޓް 1 ވަނަ ދުވަހުގެ ނިޔަލަށް އެ ޔުނިޓަށް ރިޕޯޓުކޮށްފައިވާ މައްސަލަތަކެވެ. އެ މުއްދަތުގައި 321 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު އޭގެ ތެރޭގައި އެންމެ ގިނައީ މަގުތަކާއި ގޯޅިތަކާއި ހުސް ބިން އަދި ފަޅުތެރެއަށް ކުނި އެޅުމުގެ މައްސަލައެވެ. 

އެ ޔުނިޓުން ބުނި ގޮތުގައި އެފަދަ 256 މައްސަލައެއް ރިޕޯޓުކޮށްފައިވެ އެވެ. 

އިތުރު މައްސަލަތައް: 

  • ފުރާޅު، ދިޔަދޮވި އަދި އެއާ ކޮންޑިޝަން އައުޓްޑޯ ޔުނިޓުތަކުން މަގުތަކަށް ފެން ލީކުވުން ނުވަތަ ފެންތިކި ޖެހުމުގެ 15 މައްސަލަ.
  • މަގުމަތީގެ ނިޝާންތަކާއި ސައިން ބޯޑުތައް ފަނޑުވުމާއި ޓްރެފިކް ލައިޓްތަކާއި މަގުމަތީގެ ލައިޓްތައް ހަލާކުވުމުގެ 15 މައްސަލަ. 
  • ޕާކުތަކާއި މިސްކިތްތަކުގައި ނިދުމުގެ 3 މައްސަލަ.
  • ގަވާއިދާ ހިލާފަށް މަގުމަތީގައި ވިޔަފާރިކުރުމުގެ 11 މައްސަލަ. 
  • މަގުގެ ޕޭވްމަންޓާއި ކާނު އަދި މަގުގެ ގާތައް ނުވަތަ ތާރުތައް ނެއްޓި ހަލާކުވެފައި ހުރުމުގެ 12 މައްސަލަ.

ކައުންސިލަށް ހުށަހެޅި މައްސަލަތަކާ ގުޅިގެން 8 މީހަކަށް ނަސޭހަތްތެރިވެ، 5 މީހަކު ޖޫރިމަނާކޮށްފައިވެ އެވެ. އަދި އޭގެ ތެރެއިން 96 މައްސަލައެއް ހައްލުކޮށްފައިވާ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.