މާލޭގެ ތޮއްޖެހުން ކުޑަކުރުމާއި ހިތްފަސޭހަ ސިޓީއަކަށް ހެދުމަށް "ވެށިފަހި މާލެ" ޕްރޮގްރާމް އަލުން ފަށަން މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
އެ ކައުންސިލުން ރޭ ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައި ވަނީ، މާލެ/ވިލިމާލޭގެ ތަރައްގީއަށް ކުރިއަށް އޮތް ފަސް އަހަރަށް ރާވާފައިވާ ކަންކަން ހިއްސާކޮށް، އެ ޕްލޭން އާއްމުކޮށްފަ އެވެ.
މައިގަނޑު ހަތް ބަޔަކަށް ބަހާލާފައިވާ އެ ޕްލޭންގެ އެއް ބަޔަކީ އެންމެން ހިއްސާވާ ފެހި އަދި ފަހި ސިޓީއަކަށް ހެދުމުގެ އިސްތިރާޖެވެ.
އެ މަސައްކަތުގެ އެއް ކަމަކީ ބޯހިޔާވަހިކަމުގެ މައްސަލަތަކަށް ހައްލު ހޯދައިދިނުން ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
އޭގެ ތެރެއިން އެންމެންނަށް ފަސޭހައިން ބޭނުންކުރެވޭ ޕާކުތަކާއި މައިޒާންތައް ހުޅުވާލުމާއި ތޮއްޖެހުން ކުޑަކުރަން މާލޭގައި ހުރި ކުދި ގޯޅިތައް ހުސްކުރުމަށް ވެށިފަހި މާލެ ޕްރޮގްރާމް އަލުން އެކުލަވާލުން ހިމެނޭ ކަމަށް ވެސް، ތަރައްގީގެ ޕްލޭން ހިއްސާކޮށް އާއްމުކުރި ވީޑިއޯގައި ވެ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފެށި ވެށިމާލެ ޕްރޮގްރާމުން ހުޅުމާލެއިން ބިމާއި ފްލެޓު ދޫކުރީ މާލެއިން ލިބިފައިވާ ބިންތައް ދައުލަތަށް ދޫކޮށްލާ ގޮތަށެވެ. ނަމަވެސް އެ ޕްރޮގްރާމްގެ ހަމަހަމަކަމާއި އިންސާފާ މެދު އެތައް ބަޔަކު ސުވާލު އުފައްދަ އެވެ. ސަބަބަކީ ހުޅުމާލެ ފަދަ ބިމުގެ އަގު ބޮޑު ތަނަކުން ހިލޭ ގޯތި ލިބޭ ގޮތަށް އެ އުސޫކު އެކުލަވާލާފައިވާތީ އެވެ.
ސިޓީ ކައުންސިލުން ބުނީ ވެށިފަހި މާލެ ޕްރޮގްރާމްގެ އިތުރުން، ބާވެފައިވާ ސިނަމާލެ އަދި މާލެ ހިޔާ ފްލެޓުތައް އަލުން ތަރައްގީކުރުން ޕްލޭންގައި ހިމެނޭ ކަމަށެވެ.