ކޯޓުގެ އަމުރަކަށް އައްޑޫ މަރަދޫފޭދޫން ބަންދުކޮށްފައިވާ ގެއަކަށް ވަދެ، އެ އަމުރާ ހިލާފުވި ދެ މީހަކު މަސްތުވާތަކެއްޗާ އެކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ މަސްތުވާތަކެތި ބޭނުންކުރުމަށާއި އެ ތަކެތީގެ ވިޔަފާރިކުރުމަށް ބޭނުންކުރަމުންދާ މައްސަލައަކާ ގުޅިގެން މަރަދޫފޭދޫ، 'އުއްމީދުގެ' 90 ދުވަހަށް ބަންދުކުރުމަށް އެ ރަށު މެޖިސްޓްރޭޓް ކޯޓުން ނެރެފައިވާ އަމުރާ ހިލާފަށް އެ ގެއަށް ވަދެ ތިއްބައި، މަސްތުވާތަކެއްޗާ އެކު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރީ އެ ރަށު އުއްމީދީވިލާ، އަހްމަދު ޝަރަތު، 32، އާއި އެ ރަށު ފަރިވިލާ، އާއިޝަތު ސަލީމް، 37، އެވެ.

ފުލުހުން ބުނީ އެމީހުންގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް މިދިޔަ ހޯމަ ދުވަހު ކޯޓަށް ހާޒިރުކުރުމުން ދެމީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ. 

މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރާ ގުޅިގެން އެ ރަށު އުއްމީދުގެ ބަންދުކުރީ މިދިޔަ މަހު 15 ގައި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ކޯޓު އަމުރުގެ ދަށުން މިގޮތަށް ބަންދުކުރާ ތަންތަނަށް، އެ އަމުރުގެ މުއްދަތުގައި ހުއްދަ ނެތި ވަދެނުކުމެ ހެދުމަކީ ކުށެއް ކަމަށެވެ. މިފަދަ ތަންތަނަށް ހުއްދައަކާ ނުލައި ވަންނަ މީހުންނާއި އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ މީހުންނާ މެދު ގާނޫނީ ގޮތުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ. 

ކެފޭ އުސޫލުން ޑްރަގް ވިއްކާ އެކި ތަންތަން ފުލުހުން އަންނަނީ ބަންދުކުރަމުންނެވެ. މިދިޔަ ހަފުތާ ފުލުހުން ވަނީ އައްޑޫގައި ހިންގި އޭގެ ދެ ޑްރަގް ކެފޭއެއް ބަންދުކޮށްފަ އެވެ. އެއީ އައްޑޫ މަރަދޫގެ ގެއެއް ކަމަށްވާ ބޯޅަދަނޑުގެ އާއި އައްޑޫ ހިތަދޫ، ލާމިޔާގެއާގެ އެވެ.