މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މައްސަލައެއްގައި މީހެއްގެ މައްޗަށް 50 އަހަރުގެ ޖަލު ހުކުމެއް ހދ. ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުން އިއްވައިފި އެވެ. 

ކުޅުދުއްފުއްޓަށް އުފަން އަންހެންމީހާގެ މައްޗަށް އެ ރަށު ކޯޓުން މި ހުކުމް އިއްވީ ޑައިމޯފިން ޓްރެފިކް ކުރުމާއި ޖަދުވަލު 1ގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާ ސާބިތުވެގެންނެވެ. 

އޭނާގެ މައްޗަށް ދައުވާ އުފުލީ ހަނިމާދޫ އެއާޕޯޓަށް ޖެއްސި ފްލައިޓަކުން ފައިބައިގެން ދިޔައިރު އަމަލުތައް ހުރި ގޮތުން އޭނާ ހުއްޓުވައި ބަލައިފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ފެނިފައިވާތީ އެވެ. 

އޭނާގެ އަންނައުނުގެ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެތި ފުލުހުންނާ ހަވާލުކުރީ ވެސް އަމިއްލަ އަށެވެ. ނަމަވެސް، އޭނާ ވަނީ ދައުވާ އަށް އިންކާރުކޮށް އޭނާގެ ހަށިގަނޑުން އަދި އަތުން ވެސް މަސްތުވާތަކެތި ފެނިފައި ނުވާނެ ކަމަށް ބުނެފަ އެވެ. އަދި އޭނާއަށް މަޖުބޫރީ ހާލަތެއް އޮތް ކަމަށް ވެސް ބުންޏެވެ. 

އެކަމަކު، ޝަރީއަތް ކުރިއަށް ގެންދިޔައިރު ވެސް އެ މަޖުބޫރީ ހާލަތެއް އޭނާ ޝަރީއަތާ ހިއްސާއެއް ނުކުރެ އެވެ. ދިފާއުގައި ހެއްކެއް ވެސް ހުށަހަޅާފައެއް ނުވެ އެވެ. 

މައްސަލައިގައި ކޯޓުން އިއްވި ހުކުމުގައި ބުނީ ދައުވާ އަށް އޭނާ އިންކާރުކޮށްފައިވީ ނަމަވެސް، އަޅައިގެން ހުރި ބްރާގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރި ކަން މާލެ އިން ހަނިމާދު އަށް ދިޔަ ފްލައިޓަށް އެރިއިރު ވެސް އެނގޭކަން އޭނާގެ އަމަލުތައް ހުރި ގޮތުން ގަބޫލުކުރެވޭ ކަމަށެވެ. 

މީހަކު އަޅައިގެން ހުންނަ ބްރާއެއްގެ ތެރެއަށް މަސްތުވާއެއްޗެއް ފޮރުވުމުގެ ގޮތުން ބަހައްޓާނީ ނޭނގުމުގެ ތެރޭގައި ނޫން ކަމަށް ގަބޫލު ކުރެވޭ ކަމާއ، އެކަމުގެ މައުލޫމާތު އޭނާއަށް އެނގިފައިވާ ކަމާއ، އެކަން ކުރުމުގައި އޭނާގެ ބައިވެރިވުން އޮތްކަން އޭނާގެ އަމަލުތަކުން އެނގޭ ކަމަށް ހުކުމްގައި ވެ އެވެ. 

އޭނާ ހަނިމާދޫ އެއާޕޯޓުން ފައިބައިގެން ދިޔައިރު ހާސްވެ ކަންބޮޑުވެފައިވާކަން ހެކިންގެ ބަހުން އެނގޭ ކަމާއި އަދި ހިނގާފައި ދިޔައިރު އަވަސް އަވަހަށް ފަރާތް ފަރާތް ބަލައި ހޯދާކަން ހަނިމާދޫ އެއާޕޯޓް ސަރަހައްދު ޕެޓްރޯލްކުރި ފުލުހުންނަށް ވެސް ފާހަގަކުރެވިގެން އޭނާ ހުއްޓުވީ އަމަލުތައް ހުރި ގޮތުންކަން އެނގެން އޮތުމުން ކުށުގެ މައުނަވީ ރުކުން ފުރިހަމަވާ ކަމަށް ހުކުމްގައިވެ އެވެ. 

އަންހެން މީހާގެ ހިޔާޒަތުގައި މަސްތުވާތަކެތި ހުރިކަން ވެސް އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށާއި އެހެންކަމުން ކުށުގެ މާއްދީ ރުކުން ވެސް ފުރިހަމަވާ ކަން މެޖިސްޓްރޭޓް ހައްވާ އިބްރާހިމް ކަނޑައެޅުއްވި އެވެ. 

ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާގެ އަދަބެއްގެ ގޮތުން އެ މީހާ އުމުރަށް (25 އަހަރު) ޖަލަށްލުމާ އެކު 100،000ރ. އިން ޖޫރިމަނާ ކުރުމަށް ހުކުމް ކުރި އެވެ. ޖަދުވަލު 1ގައިވާ މަސްތުވާއެއްޗެއް ޓްރެފިކްކުރުމުގެ ދައުވާއަށް ވެސް އަދަބެއްގެ ގޮތުން އިއްވާފައިވަނީ އުމުރަށް (25 އަހަރު) ޖަލަށްލުމާ އެކު 100،000ރ. އިން ޖޫރިމަނާކުރުމެވެ.