ރާއްޖޭގެ އެކި ސަރަހައްދުތަކަށް އިހުސާސް ކުރެވޭ ހޫނުމިން މިވަގުތު ހުރީ އެވްރެޖުކޮށް 37 ޑިގްރީ ސެލްސިއަސް އަށް ވުރެ މަތީގައި ކަމަށް މޫސުމީ ރެކޯޑްތަކުން ދައްކައިފި އެވެ. 

މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުން މިއަދު ހެނދުނު 11:00 ގައި އާންމުކުރި ރެކޯޑްތައް ދައްކާ ގޮތުން، އެންމެ ހޫނުގަދައީ މާލެ އާއި ގދ. ކާޑެއްދުއަށެވެ. މާލެ އާއި ކާޑެއްދު އަށް އިހުސާސްކުރެވޭ ހޫނުމިން އެ ވަގުތު ހުރީ 37.8 ޑިގްރީ ސެލްސިއަސްގަ އެވެ.

ލ. ކައްދު އަށް އިހުސާސް ކުރެވޭ ހޫނުމިން ހުރީ 37.2 ޑިގްރީ ސެލްސިއަސްގަ އެވެ. 

މެޓް އޮފީހުން ބުނީ މާލެ އާއި ކާޑެއްދޫ އަދި ކައްދު އަށް އިހުސާސް ކުރެވޭ ހޫނުމިން މިއަދު ހުރީ އާންމު މިނަށް ވުރެ މަތީގައި ކަމަށެވެ. 

ހދ. ހަނިމާދޫގައި 36.9 ޑިގްރީ ސެލްސިއަސްގައި ހުރި އިރު، އައްޑޫގައި ހުރީ 31.7 ޑިގްރީ ސެލްސިއަސް އެވެ. 

އިރުވައި މޫސުން ފެށުމުން، ޖެނުއަރީ މަހުން ޖޫން މަހާ ހަމައަށް އެއީ އާންމުކޮށް ރާއްޖެ އަށް އެންމެ ހޫނުގަދަ ދުވަސްވަރެވެ. މެއި މަހު ހުޅަނގު މޫސުން ފެށި، ޖުލައި މަހު އާންމު ގޮތެއްގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ ވިއްސާރަ ކުރާ ނަމަވެސް، މި އަހަރުގެ ޖުލައި މަހުގެ މިހާތަނަށް ވާރޭވެހުނު ވަރު ވަރަށް މަދު ކަމަށް ރެކޯޑްތަކުން ދައްކަ އެވެ.

އެލްނީނޯގެ ސަބަބުން މި އަހަރު ހުޅަނގު މޫސުމުގެ ދުވަސްތަކުގައި ވާރޭ ވެހޭނީ އާންމުކޮށް ރާއްޖެއަށް ވާރޭވެހޭ ވަރަށް ވުރެ މަދުން ކަމަށް މެޓް އޮފީހުން ކުރިން ލަފާކޮށްފައި ވެސް ވެ އެވެ. 

އިހުސާސްކުރެވޭ ހޫނުމިން މިހާތަނަށް އެންމެ މައްޗަށް ގޮސްފައި ވަނީ އެޕްރީލް 1، 2024 ގައި މާލެއަށެވެ. އެ ދުވަހު މާލޭގައި ހޫނުމިން އިހުސާސް ކުރެވޭ މިންވަރު 48 ޑިގްރީ ސެލްސިއަސްއަށް އެރި އެވެ.