ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ދައުރާމެދު އިދިކޮޅު އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެމްޑީޕީގެ ލާމަރުކަޒީ ކޮމިޓީގެ ބޭފުޅުން މިއަދު ވަނީ އެލްޖީއޭގެ ބޭފުޅުންނާ ބައްދަލުކޮށްފަ އެވެ.

އެ ބައްދަލުވުން ނިންމަވާލެއްވުމަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވީ، އެ ބައްދަލުވުމުގައި މައިގަނޑު ދެ ކަމަކާއި ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ.

އެގޮތުން އަތޮޅު ކައުންސިލްތައް އުވާލުމުގެ މައްސަލާ އާއި ފ. އަތޮޅު ކައުންސިލުގެ ކުރީގެ ބިމެއް އަތުލުމުގެ މައްސަލަ އޭނާ ފާހަގަ ކުރެއްވި އެވެ

އަތޮޅު ކައުންސިލްތައް އުވާލުމަކީ ހަރަދު ކުޑަކުރުމުގެ ނިޔަތުގައި ކޮށްފައި އޮތް ކަމެއް ނޫން ކަމަށެވެ. އަތޮޅު ކައުންސިލްތައް އުވާލިނަމަ ވެސް އެލްޖީއޭގެ އޮފީސްތައް އަތޮޅުތަކުގައި ގާއިމު ކުރުމުން ހަރަދު ކުޑަ ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ކަންބޮޑުވުން ފާޅުކުރެއްވި އަނެއް ކަމަކީ ފ. އަތޮޅުގެ ރައްޔިތުންގެ ފައިސާ ހިމެނޭ މުދަލެއް ވަކި ރަށެއްގެ ކައުންސިލަށް ބަދަލުކުރުމުގައި ސިޔާސީ ނުފޫޒު އޮތް ކަމަށް ކުރެވޭ ތުހުމަތެވެ.

އަތޮޅު ކައުންސިލުތައް އުވާލުމަކީ ހަރަދުކުރުމުގެ ނިޔަތުގައި ކޮށްފައި އޮތް ކަމެއް ނޫން ކަމަށް ވެސް ނިޔާޒު ވިދާޅުވި އެވެ. ސަބަބެއް ކަމަށް އޭނާ ވިދާޅުވީ އަތޮޅު ކައުންސިލްތައް އުވާލަން ނިންމީ ހަރަދު ކުޑަކުރަން ކަމަށް ވެފައި އެލްޖީއޭގެ ބްރާންޗުތައް އަތޮޅު ކައުންސިލުތަކުގައި އުފައްދަން ނިންމާފައިވާތީ، އެކަމުގެ ސަބަބުން ހަރަދު ކުޑަ ނުވާތީ އެވެ.

އެލްޖީއޭގެ އިސް ބޭފުޅުންނަށް އެކަމުގައި ހުއްޖަތެއް ދެއްކޭނެ ގޮތެއް ވެސް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ނިޔާޒު ވިދާޅުވީ، އެލްޖީއޭއިން ނިންމާ މިފަދަ ބޮޑެތި ނިންމުންތަކަކީ ރައްޔިތުންނަށް ހާމަކަން ބޮޑު ގޮތެއްގައި ފެންނަންޖެހޭ ކަންކަން ކަމަށްވާތީ، އެލްޖީއޭގެ ބައްދަލުވުންތައް ލައިވްކުރުމަށް އެދިފައިވާ ކަމަށެވެ.

މީގެއިތުރުން އަލީ ނިޔާޒް ވިދާޅުވީ އަންނަ ހަފުތާގައިވެސް އިތުރު ބައެއް ކަންކަމާ ގުޅޭގޮތުން އެލްޖީއޭއާ އެކު މަޝްވަރާ ކުރާނެ ކަމަށެވެ. 

އެގޮތުން ވ. ތިނަދޫ ކައުންސިލުގެ ރައީސްގެ ގޮނޑި ގެއްލުނު މައްސަލައާއި ހދ. ހިރިމަރަދޫ ފަޅުކުމުގެ މައްސަލައާ ގުޅޭގޮތުން އަންނަ ހަފްތާގައި އެލްޖީއޭއާއެކު މަޝްވަރާކުރާނެ ކަމަށް ކޮމިޓީން ބުނެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.