ރާއްޖޭގައި މިހާތަނަށް އަޅާ އެންމެ ބޮޑު ކޯޓު ކޮމްޕްލެކްސް ހުޅުމާލޭގައި އިމާރާތް ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި އެމްޓީސީސީއާއެކު ސަރުކާރުން މިއަދު ސޮއިކޮށްފި އެވެ. 

ހައުސިން މިނިސްޓްރީގައި އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު ޔޫސުފް އަބްދުލްޣަފޫރު އެވެ. އަދި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ. 

ހައުސިން މިނިސްޓްރީން ބުނިގޮތުގައި ހުޅުމާލޭ ފޭސް އެކެއްގެ ސެންޓްރަލް ޕާކާ އިންވެގެން އޮންނަ 29،490 އަކަފޫޓުގެ ސަރަހައްދެއްގައި ތަރައްގީކުރާ އެ ކޮމްޕްލެކްސްގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 720 ދުވަސް ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. އެއީ 699.8 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ. 

ހައުސިން މިނިސްޓްރީން ބުނީ ޖުމްލަ 14 ބުރިއަށް އިމާރާތްކުރާ އެ އިމާރާތަކީ ހައިކޯޓާއި ސިވިލް ކޯޓާއި ކްރިމިނަލް ކޯޓުގެ އިތުރުން ފެމިލީ ކޯޓާއި ޑްރަގް ކޯޓާއި ޖުވެނައިލް ކޯޓް އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ހިންގުމަށް ބޭނުންވާ ޖާގަ ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ އިމާރާތެއް ކަމަށެވެ. 

އެ މަޝްރޫއު ނިމުމުން ޝަރުއީ ދާއިރާއަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ލިބިގެންދާނެ ކަމަށާއި އަދި ޒަމާނީ ވަސީލަތްތަކާ އެކު ތަރައްގީކުރާ އެތަން ވެގެންދާނީ ފަނޑިޔާރުންނާއި މުވައްޒަފުންގެ އިތުރުން ހިދުމަތް ހޯދާ އާންމުންނަށް ވެސް ފަސޭހަވާނެ އިންތިޒާމުތަކެއް ހިމެނޭ ތަނަކަށް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. 

އެ މަޝްރޫއު އެމްޓީސީސީއާ ހަވާލު ކުރިއިރު، މާލޭގެ ކޯޓުތަކުގެ ޖާގައިގެ ދަތިކަން ކުރިމަތިވެފައި އޮންނަތާ އެތައް އަހަރެއް ވަނީ ވެފަ އެވެ. އެގޮތުން ގިނަ ކޯޓުތައް އެކި އިމާރާތްތަކުގައި ހިންގަމުން ދާއިރު، ޝަރުއީ ދާއިރާއަށް ހާއްސަވެފައި އޮތް ހަމައެކަނި އިމާރާތް ކަމަށްވާ ޖަސްޓިސް ބިލްޑިންގައި ވެސް ޖާގައިގެ ދަތިކަން ވަރަށް ބޮޑެވެ.

ޖަސްޓިސް ބިލްޑިންގައި ފެމިލީ ކޯޓުގެ ބައެއް ޑިވިޝަންތަކާއި ސިވިލް ކޯޓު ހިންގާއިރު، ޖުވެނައިލް ކޯޓު ހިންގަނީ އެހެން އިމާރާތެއްގަ އެވެ. އަދި ހައި ކޯޓު ހިންގަނީ ކުރީގެ ރިޔާސީ ގަނޑުވަރު ކަމަށްވާ ތީމުގޭގެ ބައެއްގަ އެވެ.

މީގެ އިތުރުން ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓު މިހާރު ވަގުތީ ގޮތުން ހިންގަނީ ހުޅުމާލޭގައި ކުރިން ބޭނުންކުރި ކޮވިޑް-19 ގެ ފެސިލިޓީއެއް މަރާމާތު ކުރުމަށްފަހު އެތަނުގަ އެވެ.

އެހެންވެ، ޝަރުއީ ދާއިރާގެ ޖާގައިގެ ދަތިކަން ހައްލުކޮށް ދިނުމަކީ މި ސަރުކާރުގެ ވައުދެކެވެ.