ކ. މާފުށީ ކައިރީގައި މީހަކާ އެކު އެރުވި ފެރަސެއިލިން ވައިކުޑައެއް ގަދަ ވަޔާ އެކު ފަޅައިގެންގޮސް ނުރައްކާތެރި ހާދިސާއެއް ހިނގައިފި އެވެ.
ލޯކަލް ޓޫރިޒަމް އެންމެ ފުޅާ ދާއިރާއެއްގައި ހިންގާ މާފުށީގައި މިއަދު ހެނދުނު ހިނގި މި ހާދިސާ މީހަކަށް އަނިޔާއެއް ނުވެ ވަނީ ސަލާމަތްވެފަ އެވެ.
ވައިކުޑަ ފަޅައިގެން ގޮސް، އެ ވެއްޓި އެޅުނީ މާފުއްޓާއި ކުޑަމާފުއްޓާ ދެމެދު އަޅާފައިވާ ޒިޕްލައިނުގަ އެވެ. އެ ވަގުތު އެ ވައިކުޑައިގައި އިން މީހާ ފުންމާލާ މަންޒަރު، އާންމުވެފައިވާ ވީޑިއޯއަކުން ފެނެ އެވެ.
އޭނާ ސަލާމަތްކުރީ އެ ސަރަހައްދުގައި އޮތް ޖެޓްސްކީއެއްގައި ތިބި ބައެކެވެ.
ހާދިސާ ހިނގި އިރު ވައިކުޑަ އޮތީ އެހާ މައްޗަކު ނޫނެވެ. އަދި އޮތީ ވެސް ސީދާ މޫދާ ދިމާލުގަ އެވެ.
މި ދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސްވެ، ބައެއް ސަރަހައްދުތަކަށް ވިއްސާރަކުރަމުންދާ ދުވަސްވަރެކެވެ. ހުޅަނގުގެ ވަައި ގަޑިއަކު 30 މޭލަށް ވަނީ ބާރުވެފަ އެވެ.
ކަނޑުގެ ރާޅު ވެސް އުފުލިފައިވާއިރު، މުޅި ރާއްޖެއަށް އުދަ އަރާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އެލާޓް ނެރެފަ އެވެ.