މިދިޔަ ޖުލައި މަހުގެ ނުވަ ވަނަ ދުވަހުގެ ރޭ މާލޭ ކައިރީ ކަނޑުމަތީގައި ހިނގި ބޮޑު އެކްސިޑެންޓަށް ފަހު މަޑުނުކޮށް ދިޔަ ދޯނި ފެނިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފާލަމާ ދިމާ ބޭރުން "ލީޖަން 1" ނަމަކަށް ކިޔާ ލޯންޗަކާއި ދޯންޏެއް ޖެހި ހިނގި އެކްސިޑެންޓަށް ފަހު، އެ ދޯނި މަޑުނުކޮށް ފިލައިގެން ދިޔުމުން، އެ ދޯނި ހޯދުމުގެ މަސައްކަތް ފުލުހުން އައީ ކުރަމުންނެވެ. އެ ދޯންޏާ ގުޅޭ މައުލޫމާތު ހޯދުމަށް ފުލުހުން އާންމުންގެ އެހީތެރިކަމަށް ވެސް އެދުނެވެ.
އެކަމަކު މަސް ދުވަހަށް ވުރެ ގިނަ ދުވަސް ފަހުން، މިދިޔަ ހޮނިހިރު ދުވަހުގެ ހަވީރު 5:42 ހާއިރު ދޯނި ފެނިފައިވަނީ ހުޅުމާލޭ ފަޅުގައި އަޅާފައި އޮއްވާ ކަމަށް ފުލުހުން ބުންޏެވެެ.
ފުލުހުން ބުނި ގޮތުގައި އެ ދޯނި ބަލައިފާސްކޮށް ތަހުގީގަށް ބޭނުންވާ މައުލޫމާތުތައް ވަނީ އެެއްކޮށްފަ އެވެ.
ފުލުހުން ބުނީ ކަށަވަރުކުރަންޖެހޭ ކަންކަން ކަށަވަރުކުރުމަށް ފަހު ދޯނީގެ ކެޕްޓަނާ ވެސް ސުވާލުކޮށްފައިވާ ކަމަށާއި އޭނާގެ ކަނޑުއުޅަނދު ދުއްވުމުގެ ލައިސަންސް ވެސް ހިފަހައްޓާފައިވާ ކަމަށެވެ.
އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ލޯންޗު އެކްސިޑެންޓުވި ހާދިސާގައި ބިދޭސީ ހަތަރު ފިރިހެނަކާއި ދިވެހި ފިރިހެނަކަށް އަނިޔާވެގެން އައިޖީއެމްއެޗުގައި ވެސް ފަރުވާ ދިނެވެ.
އޭރު ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯޓަކުން ފެންނަ ގޮތުގައި ދޯނި ޖެހިފައި ވަނީ ލޯންޗުގެ އެއްފަޅިއަށެވެ. އަދި އޭގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވެފައި އޮއްވާ ފެނެ އެވެ.