މާލޭގެ އަމީނީމަގުގެ މަރާމާތުގެ މަސައްކަތް ފެށުމުގެ ކުރިން މަގާ ގުޅޭ ސާވޭއެއް އެމްޓީސީސީން ހަދައިފި އެވެ.
ތާރު އަޅައިގެން ހަދާފައިވާ އަމީނީމަގުގެ އެކި ތަންތަނުން ތާރުގަނޑު އުފުލި އެ މަގުގައި ބޮޑެތި އަޑިގުޑަންތައް ވަނީ ހެދިފަ އެވެ. އެހެންވެ، އެ މަގު މަރާމާތުކުރުމުގެ މަސައްކަތް އުމްރާނީ ތަރައްގީއާ ބެހޭ މިނިސްޓްރީން މިދިޔަ މަހުގެ 15 ގައި އެމްޓީސީސީއާ ވަނީ ހަވާލުކޮށްފަ އެވެ.
އެ ކުންފުނިން ބުނީ މަރާމާތުގެ ކުރިން ކުރަންޖެހޭ ސާވޭގެ ތެރެއިން އިއްޔެ ވަނީ ތާރުގަނޑު ކަފައިގެން ހަދަންޖެހޭ ސާވޭގެ މަސައްކަތް ކޮށްފައި ކަމަށެވެ.
އެ މަޝްރޫއުގެ ދަށުން އަމީނީމަގާއި އިއްޒުއްދީން މަގާއި ބޮޑުތަކުރުފާނު މަގު މަރާމާތުކުރުމުގެ މަސައްކަތް ކުރާނެ ކަމަށާއި އެ މަގުތަކަކީ އާންމުންނަށް ރައްކާތެރި ލުއިފަސޭހަ ތަނަކަށް އެ މަސައްކަތުގެ ސަބަބުން ވާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އާރްޑީސީއާ ހަވާލުކޮށްގެން އަމީނީމަގު ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ފެށީ ޖުލައި 2022 ގަ އެވެ. ފިޔަވަހިތަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ އެ މަސައްކަތް އެ ވެރިކަން ނިމުނު އިރު އެއްކޮށް ފުރިހަމަނުވެ އޮއްވައި އެންމެ ފަހު ބައި ހަދައި ހުޅުވީ 2024 ވަނަ އަހަރުގެ ކުރީކޮޅު އެވެ.
އެ މަގުގެ އެކި ހިސާބުތަކުގައި ތާރުގަނޑު ވަރަށް ބޮޑަށް ހަލާކުވެގެން މިދިޔަ އަހަރު ވެސް ބައެއް ހިސާބުތައް މަރާމާތުކުރަން ޖެހުނެވެ. އެ މަގުގެ އެންމެ ފަހުން ހެދި ސަރަހައްދު، ދިވެހިރާއްޖޭގެ އަޑުން ފެށިގެން ބޮޑުތަކުރުފާނު މަގާ ހިސާބަށް އޮތް ބައިގެ ތާރުގަނޑު ވެސް މިހާރު އޮތީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ. އެކި ހިސާބުތަކުން ތާރުގަނޑު މައްޗަށް އުފުލިފައި އޮތުމުން ދުއްވާ މީހުންނަށް އޭގެ ނުރައްކާ ކުރިމަތިވެފައިވާތާ ދުވަސްތަކެއް ވަނީ ވެފަ އެވެ.
ތާރު އަޅައިގެން އަމީނީމަގު ހެދުމަށް ދައުލަތުގެ ބަޖެޓުން 84 މިލިއަން ރުފިޔާގެ ބޮޑު ހޭދައެއް ކޮށްފައިވެ އެވެ. އެ މަގުގެ މަސައްކަތް ކޮށްފައި ވަނީ ނުއަގުގައި އަދި ފެންވަރު ދަށް މެޓީރިއަލް ބޭނުންކޮށްގެން ކަމަށް ބުނެ އެތައް ތުހުމަތެއް ކުރިން ވެސް ކޮށްފައިވެ އެވެ.