ޓޫރިޒަމްގެ ބޭނުމަށް ފިޔަވައި، އެހެން ބޭނުންތަކަށް ފަޅުރަށްރަށް ކުއްޔަށް ދިނުމާއި ވަރުވާ އަށް ލިޔެދިނުމަށްޓަކައި މީގެ 28 އަހަރު ކުރިން އަމަލުކުރަން ފެށި ފަޅުރަށްރަށާ ބެހޭ ގާނޫނު  އުވާލައި، ފަޅުރަށާއި ފަޅުތައް ކުއްޔަށް ދިނުމާ ބެހޭ ގާނޫނެއް ހަދަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން ތިނަދޫ އުތުރުދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ހުށަހެޅުއްވި އެ ބިލްގެ ފުރަަތަމަ ކިޔުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ވަނީ އިއްވައިފަ އެވެ.

ޖުމުލަ 8 ބާބު ހިމެނޭ އެ ބިލްގައި، ފަޅުރަށްރަށާއި ފަޅުތައް ބޭނުންކުރާނެ ގޮތްތައް ކަނޑައެޅުމުގެ ބާރު މަދު ހާލަތްތަކެއް ފިޔަަވައި ހުރިހާ ހާލަތެއްގައި ދީފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އަށެވެ.

ފަޅުރަށްރަށާ ބެހޭ ގާނޫނުގައި މިހާރު ބަޔާންކޮށްފައި ވަނީ ޓޫރިޒަމްގެ ބޭނުން ފިޔަވައި އެހެން މަސައްކަތްތަކަށް ރަށްތައް ދޫކުރާނެ ގޮތެވެ.

އާ ގާނޫނު ހަދަން ހުށަހެޅި ބިލުގައިވާ ގޮތުން ޓޫރިޒަމްގެ ބޭނުމަށް ދޫކުރާނެ ރަށްތައް ވެސް އެ ބިލް ގާނޫނަކަށް ވުމަށް ފަހު ކަނޑައަޅާނީ އެ ގާނޫނުންނެވެ. 

ބިލްގައިވާ މައިގަނޑު އެއް ބަދަލަކީ  ފަޅުރަށްތަކުގެ އިތުރުން ފަޅުތައް ވެސް ކުއްޔަށް ދެވޭ ގޮތް ހެދުމެވެ. ބިލްގައިވާ ހުށަހަޅާފައިވާ ގޮތުން، އެކިއެކި ބޭނުންތަކަށް ކަނޑައަޅާ ފަޅުރަށްތައް އެކަމަކާ ގުޅޭ މިނިސްޓްރީއާ ހަވާލުކުރާނީ އިކޮނޮމިކް މިނިސްޓްރީންނެވެ. 

ފަޅުރަށްތައް ހާއްސަ ކުރެވޭނެ ބޭނުންތައް

  1. ސިނާއީ މަސައްކަތްތައް
  2. ޓޫރިޒަމް
  3. މަސްވެރިކަން
  4. ދަނޑުވެރިކަން
  5. އިގުތިސާދީ މަސައްކަތްތައް
  6. އިޖުތިމާއީ ކަންތައްތައް
  7. ދައުލަތުގެ ބޭނުމަށް
  8. އެހެން ގާނޫނަކުން ކަނޑައަޅާފައިވާ ހާއްސަ ކަންކަމަށް

ބިލްގައިވާ ގޮތުން ފަޅުތައް ދޫނުކުރެވޭނީ މި ލިސްޓުގައިވާ ބޭނުންތަކުގެ ތެރެއިން ދަނޑުވެރިކަމާއި އިޖުތިމާއީ ކަންކަމަށް އެކަންޏެވެ.

ފަޅުރަށްތަކާއި ފަޅުަތައް މި ލިސްޓްގައިވާ ކަންތައްތަކަށް ދޫކުރާނެ އުސޫލުތަކާއި ކުއްޔަށް ދޭނެ މުއްދަތާއި ކުލި ކަނޑައެޅުމުގެ އުސޫލުތަކުގެ އިތުރުން ފަޅުރަށްތައް ވަރުވާ އަށް ދޫކުރާނެ އުސޫލުތައް ކަނޑައަޅަން ވެސް ބިލުގައި ހުށަހަޅާފައި ވެ އެވެ.

ސަރުކާރުގެ ބެލުމުގެ ދަށުގައިވާ ރަށްތަކާއި ފަޅުތަކުގެ އިތުރުން މީހުން އުޅޭ ރަށްތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ރަށްތަކާއި ފަޅުތައް ބޭނުންކުރުމުގައި ލޯކަލް ކައުންސިލްތަކުން އަމަލުކުރަން ވީ ގޮތް ވެސް އެ ބިލްގައި ހިމަނާފައި ވެ އެވެ.