ޓޫރިސްޓުންނަށް ރާއްޖެ އިން ބުކިން ހަދައިދޭ ބުކިން ޕްލެޓްފޯމްތަކާއި ޓުއާ އޮޕަރޭޓަރުންނާއި ޓްރެވެެލް އެެޖެންޓުންގެ އަތުން ޓީޖީއެސްޓީ ނަގާ ގޮތަށް، ޓެކްސްއާ ބެހޭ ގާނޫނު ބަދަލުކުރަން ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދު ހުށަހެޅުއްވި އެ ބިލް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކުރީ އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގަތް 56 މެންބަރުންގެ ތެރެއިން 54 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އެ ބިލު ފާސްކުރަން ފެނިވަޑައިނުގަންނަވާ ކަމަށް ވޯޓު ދެއްވީ ދެ މެމްބަރުންނެވެ. 

އެ ބިލު ފާސްކުރަން ފެނިވަޑައިނުގަންނަވާ ކަމަށް ވޯޓު ދެއްވީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ އާއި ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދެވެ.

އެ ބިލުގައި ވާ ގޮތުން ބޭނުމަކީ އޯފްޝޯ ބުކިން ޕްލެޓްފޯމްތަކާއި ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވެލް އެޖެންޓުން ދޭ ހިދުމަތްތަކުން ޖީއެސްޓީ ނަގާނެ އުސޫލުތައް ޓެކްސް ގާނޫނަށް އިތުރުކުރުމެވެ. އެއީ ޓެކްސް ނެގުމުގެ ނިޒާމުގައި ހުރި ދަތިތައް ހައްލުކޮށް، އެ ނިޒާމު ހަރުދަނާކުރަން ގެންނަ ބަދަލުތަކެއް ކަމަށް ވެސް ބިލްގައި ބަޔާންކޮށްފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީން އެ ބިލު ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް މިއަދުގެ ޖަލްސާގައި ފާސްކުރީ ބައެއް މަފްހޫމްތައް އިތުރަށް ތަފްސީލުކުރަން ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމު ހުށަހެޅުއްވި އިސްލާހުތަކަކާ އެކުގަ އެވެ. 

އެ ބިލް ފާސްކޮށް، ބިލްގައިވާ ގޮތަށް ޓެކްސް ނަަގަން ފަށައިފި ނަމަ ބޭރުގެ ޓްރެވެލް އެޖެންޓުން ދައްކާ 299.3 މިލިއަން ރުފިޔާ އާއި ފޮރިން ޓުއާ އޮޕަރޭޓަރުން ދައްކާ 1.3 ބިލިއަން ރުފިޔާއާ އެކު ދައުލަތަށް އަހަރަކު 1.6 ބިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބިލަށް ކުރި ބަހުސްގައި ޕީއެންސީގެ މެންބަރުން ވިދާޅުވީ، ބޭނުމަކީ ޓެކްސް ބޭސް ފުޅާކުރުން ކަމަށާއި ރާއްޖޭގެ ރަށްތަކާއި ފަޅުތައް ބޭނުންކޮށްގެން ބޭރުގެ ފަރާތްތަކުން ނަގަމުންދާ މާލީ މަންފާގެ ތެރެއިން ދިވެހިންނަށް ހައްގުވާ ނަފާ ހޯދުން ކަމަށެވެ.