މާލޭ ވިޔަފާރި ބަނދަރުން ދޭ ހިދުމަތްތަކުގެ ބޮޑު ބައެއް ތިލަފުއްޓަށް ބަދަލުކުރި ނަމަވެސް، ބައެއް ހިދުމަތްތައް މާލޭގެ އިންޑަސްޓްރިއަލް ވިލެޖުން ފޯރުކޮށްދޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ "ނޭޝަން ޗެޓް" ޕޮޑްކާސްޓުގެ އާ އެޕިސޯޑެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ތިލަފުށީގައި ޕޯޓު ތަރައްގީ ކުރުމަކީ ރާއްޖޭގެ އިގުތިސާދު އާ ހަރުފަތަކަށް ގެންދިއުމަށް ކުރާ ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ.
ވިޔަފާރި ބަނދަރުން ދޭ ހިދުމަތްތަކުގެ 80 ޕަސެންޓް ތިލަފުއްޓަށް ބަދަލު ކުރާއިރު، ބާކީ މަސައްކަތްތައް ކުރިއަށް ގެންދާނީ މާލޭގެ ހުޅަނގު ދެކުނުން، ތިލަމާލެ ބުރިޖު ނިމޭ ހިސާބުގައި އޮންނަ އިންޑަސްޓްރިއަލް ވިލެޖުގައި ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެއާ އެކު، ރޯރޯ ފެރީ ނުވަތަ ކޮޅުވެއްޓިތައް މެދުވެރިކޮށް ކޮންޓެއިނަރުތައް އެއްތަނުން އަނެއްތަނަށް ގެންދިއުމުގެ ކަންކަން ވެސް ކުރިއަށް ގެންދާނީ މާލޭގެ އެތެރެއަށް ދަތިނުވާ ގޮތަށް ކަމަށެވެ.
ޕޯޓުގެ މައިބަދައަކަށް ވާނީ ޑިޖިޓަލައިޒްޑް ނިޒާމެއް ކަމަށާއި އަދި އަމިއްލަ ވިޔަފާރިތަކަށް ވެސް ބޮޑެތި ލުއިތަކެއް ދީގެން ތިލަފުއްޓާއި މާލޭގެ އިންޑަސްޓްރިއަލް ވިލެޖުގައި ޕޯޓް ހިންގާ ސަރަހައްދުތަކުގައި ފިހާރަތައް ހުޅުވުމުގެ ހުރިހާ ކަމެއް މަގުފަހިކޮށްދޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އިރާދަކުރެއްވިޔާ މި އަންނަ އަހަރު ނޮވެމްބަރު މަހު 11 ގައި އަޅުގަނޑުމެން މާލޭގެ ޕޯޓް އޮޕަރޭޝަން ދާއިމީ ގޮތެއް [ތިލަފުއްޓާއި އިންޑަސްޓްރިއަލް ވިލެޖަށް] ބަދަލުކުރާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ޖާގަ ބޮޑު ތަނަކަށް ޕޯޓު ބަދަލުކުރުމާ އެކު ޕޯޓުގެ ހިދުމަތް ހޯދާ މީހުންނާއި އާންމުންނަށް ވެސް އިންތިހާއަށް ބޮޑު ފަސޭހައަށް ލިބޭނެ ކަމަށެވެ. އަދި މުދާ ލޯޑް ކުރުމާއި އަންލޯޑް ކުރުމާއި މުދާ ވިއްކުމަށް ވެސް ބޮޑު ފަސޭހައެއް ލިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު، ތިލަފުއްޓަށް ބަދަލު ކުރާނެކަން ރައީސް މުއިއްޒު އިއުލާން ކުރެއްވީ މިދިޔަ ފެބްރުއަރީ މަހު ރައްޔިތުންގެ މަޖިލީހުގައި އިއްވެވި ރިޔާސީ ބަޔާނުގަ އެވެ.
ވިޔަފާރި ބަނދަރު، ތިލަފުއްޓަށް ބަދަލު ކުރުމުގެ މަޝްވަރާތައް މީގެ ހަތް އަހަރު ކުރިން ވެސް ކުރި އެވެ. އެގޮތުން ތިލަފުއްޓަށް ވިޔަފާރި ބަނދަރު ބަދަލު ކުރުމަށް ހުރިހާ ސަރުކާރަކުން ވެސް ވިސްނުން ގެންގުޅުނު ނަމަވެސް މިހާތަނަށް އެކަން ކާމިޔާބުވެފައެއް ނުވެ އެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ތިލަފުށީގައި ޕޯޓު ހެދުމުގެ މަސައްކަތް ކުރަމުން އަންނައިރު، އެމްޓީސީސީ ހަވާލުކޮށްގެން ވެސް ބައެއް މަސައްކަތްތައް ދަނީ ކުރަމުންނެވެ.
ތިލަފުށި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ޑިޒައިން އަދި ސާވޭގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ޗައިނާ ހާބަ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ) އަށް މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ހަވާލުކުރި އެވެ. އަދި އެ މަސައްކަތްތައް މިހާރު ނިމުމަކާ ހަމައަށް ގޮސްފައިވާ ކަމަށް މިދިޔަ މަހު އެމްޕީއެލުން ބުނެފައިވެ އެވެ.