ތިލަފުށީގައި ހިންގާ ޕޯޓް މަޝްރޫއަށް ކޮންސަލްޓެންސީ ދޭނެ ބަޔަކު ހޯދަން އެމްޕީއެލް އިން މިއަދު އިއުލާންކޮށްފި އެވެ.
އެމްޕީއެލްގެ އިއުލާނުގައި ބުނީ ތިލަފުށީގައި ތަރައްގީކުރާ ޕޯޓުގެ މަޝްރޫއަށް ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންސަލްޓެންސީ ހިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ޝައުގުވެރިކަން ފާޅުކުރުމަށް މިހާރު ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން ތިލަފުށީގައި މަލްޓި-ޕާޕަސް ކޮމާޝަލް ޕޯޓެއް ތަރައްގީކޮށް، މާލޭ ވިޔަފާވެރި ބަނދަރުގެ ތޮއްޖެހުން ކުޑަކުރުމާ އެކު ގައުމީ ފެންވަރުގައި މުދާ އުފުލައި ގެންގުޅުމުގެ ގާބިލުކަން އިތުރުކުރެވޭނެ ކަމަށް އެ އިއުލާނުގައި ބުންޏެވެ.
ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޮވުމަށް ބަލާ މައިގަނޑު ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ؛
- ބޮޑެތި ޕޯޓް ނުވަތަ މެރިން އިންފްރާސްޓްރަކްޗާ މަޝްރޫއުތަކުގައި ޕްރޮޖެކްޓް މެނޭޖްމަންޓް ނުވަތަ އޯނާސް އެންޖިނިއަރިން ހިދުމަތް ދިނުމުގައި މަދުވެގެން 25 އަހަރުގެ ތަޖުރިބާ ހުރުން
- ފާއިތުވި 10 އަހަރު ތެރޭގައި މަދުވެގެން މިފަދަ ތިން މަޝްރޫއު ނިންމާފައިވުން
އެ އިއުލާނުގައިވާ ގޮތުން މި މަސައްކަތަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު، މި މަހުގެ 15 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
މާލޭ ވިޔަފާރި ބަނދަރުން ދޭ ހިދުމަތްތަކުގެ 80 ޕަސެންޓް ތިލަފުއްޓަށް ބަދަލުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ޖުލައި މަހު ވިދާޅުވެފައިވެ އެވެ.
ޕޯޓު ހިދުމަތްތަކުގެ ބޮޑު ބައެއް ތިލަފުއްޓަށް ބަދަލުކުރި ނަމަވެސް، ބައެއް ހިދުމަތްތައް މާލޭގެ އިންޑަސްޓްރިއަލް ވިލެޖުން ފޯރުކޮށްދޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ސަރުކާރުން ނިންމާފައި ވަނީ އަންނަ އަހަރު ނޮވެމްބަރު މަހު 11 ގައި ތިލަފުށީގައި ޕޯޓުގެ ހިދުމަތް ފަށާށެވެ.
މާލޭ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރިއަށް ގެންދާ މި މަޝްރޫއުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ކަނޑުދަތުރުފަތުރާއި ލޮޖިސްޓިކްސް ދާއިރާގެ ކުރިއެރުމާ އެއްވަރަށް ބަނދަރުގެ ވަސީލަތްތައް ފުޅާކޮށް، މުދާ އުފުލައި ބޭލުމުގެ ނިޒާމު އަވަސްކުރުން ކަމަށް އެމްޕީއެލް އިން ކުރިން ބުނެފައިވެ އެވެ.
މި މަޝްރޫއުގެ ބައެއް މަސައްކަތްތައް މިދިޔަ މެއި މަހު އެކެއްގައި އެމްޓީސީސީއާ ވަނީ ހަވާލުކޮށްފަ އެވެ. އެއީ 100 މީޓަރުގެ ޑޮމެސްޓިކް ކީ-ވޯލްއަކާއި ތިން ހެކްޓަރުގެ ސަރަހައްދެއް ޕޭވްކުރުމުގެ މަސައްކަތެވެ.
މުޅި މަޝްރޫއު އެއްކޮށް ނިމޭއިރު ތިލަފުށީ ބަނދަރުގައި 1,000 މީޓަރަށް ވުރެ ދިގު ބައިނަލްއަގުވާމީ ކީ-ވޯލްއެއްގެ އިތުރުން، މާލޭގެ ނޯތު ހާބަރާއި ސައުތު ވެސްޓް ހާބަރު ބޭނުންކުރާ އުޅަނދުތަކަށް ހާއްސަކޮށް 2,000 މީޓަރަށް ވުރެ ދިގު ކީ-ވޯލް ހިމެނޭ ޑޮމެސްޓިކް ޓާމިނަލެއް އޮންނާނެ އެވެ.
އެތަނުގައި އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ކީ-ވޯލް ތަރައްގީކުރުމުގެ މަސައްކަތް ޗައިނާ ހާބަ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ)އާ ވަނީ ހަވާލުކޮށްފަ އެވެ.